ދިވެހިރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލަރޭޝަން"ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމަވާފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފާގެ މަތިންނެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވާސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީ ގޮތުން ލާޒިމުކުރާ ބައިނަލްއަގުވާމީ ޑެކްލަރޭޝަންއެކެވެ. މި ޑެކްލަރޭޝަން އެކުލަވައިލާފައިވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުނގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށާއި ރައްކާތެރި މާހައުލެއްގައި ގަދަރުވެރިކަމާއެކު އުނގަންނައިދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށެވެ.

މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތް ގޮތެއްގައި ތައުލީމީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

ހަނގުރާމައިގެ ހާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވާސިޓީތަކަކީ ތައުލީމު ލިބިގަތުމަށާއި އިލްމީ ދިރާސާކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުމަކީ މި ޑެކްލަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ގައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައިވަނީ 2015 މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް" ގައެވެ.