ހޯސޭ މޮރީނިއޯ

ޓޮޓެންހަމްއަށް ކުޅެން ޖެހިއްޖެ ނަމަ ރިޓަޔާވާނެ ކަމަށް އޮޒިލް ބުނުމުން މޮރީނިއޯގެ ހޫނު ރައްދެއް!

އާސެނަލް ދޫކޮށްލަން ތައްޔާރުވަމުންދާ މެސުޓް އޮޒިލް، ވާދަވެރި ޓޮޓެންހަމްއަށް ކުޅެން ޖެހިއްޖެނަމަ، ރިޓަޔާވާނެ ކަމަށް ބުނި ބުނުމަށް ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ ހޫނު ރައްދެއް ދީފައެވެ.

އާސެނަލްގެ ސްކޮޑުން ބޭރުވެ، ބާކީވެފައި ހުރި އޮޒިލް މި ހިނގާ ޓްރާންސްފާ ސީޒަނުގައި ނުވަތަ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ކްލަބު ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ގިނަ ބަޔަކު ބުނެފައިވަނީ އާސެނަލްގެ ސްކޮޑުން އޮޒިލް ބޭރުކޮށްފައިވަނީ ސިޔާސީ ބައެއް ހިޔާލުތަކުގެ ސަބަބުންނާއި، މުސްލިމުންގެ ދިފާއުގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

އޮޒިލްގެ އުފަން ގައުމު ތުރުކީއާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އޭނާ ޖަރުމަނު ސްކޮޑުންވެސް ބޭރުކޮށްފައިވާ އިރު، މިދިޔަ މަހު މާޗު މަހަށްފަހު އޮޒިލް ވާދަވެރި މެޗެއްގައި ކުޅެފައެއް ނުވެއެވެ.

ޓުވިޓާގައި ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޮޒިލް ބުނެފައިވަނީ ޓޮޓެންހަމްއަށް ކުޅެން ޖެހިއްޖެ ނަމަ ދެން ރިޓަޔާވާނީ ކަމަށެވެ. އެކަމާ ގުޅިގެން ރިޕޯޓަރަކު މޮރީނިއޯއާ ކުރި ސުވާލަކަށް ރުޅި މޫނުގައި ހުރެ ޖަވާބުދެމުން އޭނާ ވެސް ކުރީ ސުވާލެވެ.

"ކާކު ބުނީ ޓޮޓެންހަމްއިން އޮޒިލް ބޭނުންވާ ކަމަށް؟ ޝައުގުވެރިވާ ކަމަށް؟،" މޮރީނިއޯ ބުނެފައިވެއެވެ.

އާސެނަލް ދޫކޮށްލުމަށްފަހު ރިޓަޔާވާން ވިސްނާތޯ ކުރި ސުވާލަކަށް ޖަވާބުދެމުން އޮޒިލް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި އަދި ފުޓުބޯޅަ ހުއްޓާނުލައި ކުޅޭނެކަން ޔަގީން ކަމަށެވެ. ހާއްސަކޮށް ދެ ގައުމެއްގައި ކުޅެން ބޭނުންވާ ކަމަށާއި، އެއީ ތުރުކީއާއި އެމެރިކާ ކަމަށް އޮޒިލް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނީ ތުރުކީއަށް ދާނަމަ ދާނީ ފެނަބާޗޭއަށް ކަމަށެވެ.