އިންޑިއާގެ އެއާ އިންޑިއާ އިން ރާއްޖޭން ނިއު ދިއްލީ އާއި ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ކޮވިޑް ފެތުރެން ފެށުމާއެކު މެދުކަނޑާލުމަށްފަހު އެއާ އިންޑިއާގެ ދަތުރުތައް އަލުން ފެށީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކުރި ޓްރެވަލް ބަބުލްއާއެކު އެވެ. އެ ބަބުލްގެ ދަށުން އިންޑިއާގެ ހަތަރު އެއާލައިނަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "ވަން" އަށް ވިދާޅުވީ، އެއާ އިންޑިއާ އިން މިހާރު ދަތުރުތައް ކުރަމުން އަންނަނީ ރާއްޖެ އާއި ޓްރިވެންޑްރަމާ ދެމެދު ކަމަށެވެ. ނަމަވެސް އަންނަ މަހުގެ ފަހަކުން ފެށިގެން އެއާ އިންޑިއާ އިން ރާއްޖޭން ދިއްލީ އާއި ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން ޝެޑިއުލް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އިންޑިއާއަކީ މިދިޔަ އަހަރު ރައްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެގޮތުން އެގައުމުން މިދިޔަ އަހަރު ނިމުނުއިރު 62,905 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މާކެޓް ޝެއާއަށް ބަލާނަމަ އެއީ 11.3 ޕަސެންޓެވެ.

އޭގެ ކުރީ 2019 ވަނަ އަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެއީ 166،030 ފަތުރުވެރިންނެވެ. އަދި އެއް އަހަރަށްވުރެ އަނެއް އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން އޭރުވެސް ބުނެފައިވެ އެވެ.