އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެ ކްލަބު، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ގުރުއަތު ރޭ ނަގާފައިވާއިރު، ޕްރިމިއާ ލީގުގައި ފާހަގަ ކޮށްލެވޭ އެހެން ކްލަބުތަކަށް ގިނައިން ޖެހިފައި ވަނީ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ ކްލަބުތަކެވެ. ވުލްވްސްއިން ނޮން ލީގު ކްލަބެއް ކަމަށްވާ ޗޯލޭއާ ދެކޮޅަށް، އެ ކްލަބުގެ ދަނޑުގައި ކުޅެން ޖެހިފައިވާއިރު، ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށް ލައްވާލީ ތިންވަނަ ޑިވިޝަންގެ ޗެލްޓްހެމް ޓައުންއާއެވެ. އެ މެޗު ކުޅޭނީ ޝެލްޓްހަމް ދަނޑުގައެވެ.
ޓޮޓެންހަމްއިން ތިންވަނަ ބުރުވެސް ނޮން ލީގު ކްލަބެއް ކަމަށްވާ މެރައިންގެ ދަނޑުގައި ކުޅެފައިވާއިރު، ހަތަރުވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ވައިކޯމްބޭ ވަންޑަރާސްއާ ދެކޮޅަށް އެ ކްލަބުގެ ދަނޑުގައެވެ. ޗެލްސީން އަމިއްލަ ދަނޑުގައި ލުޓޮންއާ ދެކޮޅަށް ނުކުންނައިރު، 14 ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައިވާ އާސެނަލް ކުޅެން ޖެހޭ ޓީމު އަދި ޔަގީނެއް ނުވެއެވެ.
އާސެނަލްއިން ކުޅެން ޖެހޭނީ ޝްރޫސްބެރީ އާއި ސައުތު ހެމްޕްޓަން ކުޅެން އޮތް ތިންވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ މެޗުތައް ކުޅޭނީ މި މަހުގެ 23-24 ވަނަ ދުވަހުއެވެ.