ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ،) 18 އަހަރަށް ޖަލަށްލާފައި ހުއްޓައި، ގަވައިދާ ހިލާފަށް އޭނާ ރާއްޖެއިން ފުރުވައިލި ކަމަށް ބުނާ މައްސަލައިގައި، އޭރުގެ ކޮމިޝަނަރު އޮފް ޕްރިޒަން މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށް މީގެ އަށް އަހަރު ކުރިން، 2014 ވަނަ އަހަރު އުފުލި ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. މި އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނު 11:30 އަށެވެ.

ސަފާ ފުރުވާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ތުހުމަތުކުރި ނަމަވެސް ދައުވާ އުފުލާފައިވަނީ އެ ދެ ބޭފުޅުންގެ މައްޗަށް އެކަންޏެވެ.

ހާނިމް އާއި އާޒިމްގެ އިތުރުން, އެ މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވިއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ، ސަފާ ރާއްޖެ އިން ބޭރަށް ފޮނުވާލާ ފޯމުގައި އޭރު ސޮއިކުރި އައިޖީއެމްއެޗުގެ ދެ ޑޮކްޓަރުންގެ ތެރެއިން ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، ސީނިއާ އޮފިސަ ގްރޭޑް 2، އަބްދުﷲ ރާފިއު އާއި ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ދެ މެމްބަރުން ކަމަށްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. މުހައްމަދު ފަޒްނީން ލަތީފާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިސްހާގު އަހުމަދާއި މާލޭ ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ތައުފީގެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން އޭރު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗްގެ ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، އަބްދުﷲ ރާފިއު ފޯމުގައި ސޮއިކޮށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަދީފައިވާ އިރު، ސިއްހީ ފަރުވާގެ އާންމު އުސޫލުގައިވާގޮތުން އެފަދަ ހުއްދައެއް ދެވޭނީ ހަމައެކަނި ޑޮކްޓަރަކަށް ކަމަށެވެ.

ސަފާގެ ފޯމްގައި ޑޮކްޓަރު ސޮއިކޮށްފައިވާ ތާރީހަކީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަސްކަމުގައި ވިޔަސް އެ ދުވަހު ސަފާ އެއްވެސް ބޭނުމެއްގައި މާފުށީ ޖަލުން ނެރެފައިނުވާކަން ތަހުގީގަށް ކަށަވަރުކުރެވިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ފޯމު ފުރިހަމަ ކުރުމަކީ މެޑިކަލް ސެކްޝަންގެ ކަމެއް ކަމަށް "މެޑިކަލް ބޯޑުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު"ން އެންގެން އޮންނަ އިރު، ސަފާގެ ފޯމުގައި ސޮއިކުރުމަށް ހާނިމް އާއި ތައުފީގު ޑޮކްޓަރުގެ އެޕާޓްމަންޓަށް ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސަފާ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ފޯމެއް ހެދުމަށްޓަކައި، ފޯމެއް ހޯދައިދިނުމަށް ހާނިމް އެދުމާ ގުޅިގެން މެޑިކަލް ސެކްޝަންގެ ކޮމްޕިއުޓަރު ސިސްޓަމަކުން އެ ވައްތަރުގެ ފޯމެއް ޕްރިންޓް ނަގައިގެން ގޮސް ހާނިމްގެ އަތަށް ދީފައިވާ ކަމަށް ތައުފީގު ތަހުގީގުގައި ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މެޑިކަލް ސެކްޝަންގެ އިސްވެރިއަކަށް ހުރި ފަރާތުގެ ޣައިރު ހާޒިރުގައި އެތަނުގައި ހުރި ފޯމެއް ނެގުމަކީ ތައުފީގުގެ ވަޒީފާގެ މަސްއޫލިއްޔަތުގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސަފާގެ ހާލު ވަރަށް ދެރަވެގެން ރާއްޖެއިން ބޭރަށް ފޮނުވަން ކަމަށްބުނެ، ޓްރެވަލް ޑޮކިއުމެންޓް ތައްޔާރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ސިޓީއެއް ފޮނުވުމަށް ތަންފީޒީ ސެކްޝަނުގައި ހާނިމް އެދިފައިވާ ކަމަށާއި، އާންމުގޮތެއްގައި އެފަދަ ސިޓީތަކުގައި ސޮއިކުރަންޖެހޭނީ ތަންފީޒީ ސެކްޝަންގެ ވެރިއަކަށް ހުންނަ ބޭފުޅަކު ކަމުގައި ވިޔަސް، އިމިގްރޭޝަނަށް ފޮނުވާފައިވާ އެ ސިޓީގައި ސޮއިކޮށްފައިވަނީ ހާނިމް ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ސިޓީ ތައްޔާރުކުރުމަށް އަންގާފައިވަނީ އަދި އެ ސިޓީ ޑިސްޕެޗުކޮށްފައިވަނީ ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުމުގެ ކުރިންކަން ތަހުގީގަށް ކަށަވަރުކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމި އިރު، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް ޑރ. ފަޒްނީން، ހިފަހައްޓާ މިންގަނޑަށް ދޫދެވިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި ސަފާ ރާއްޖެއިން ބޭރަށް ފޮނުވަން މެޑިކަލް ބޯޑުން ނިންމި ނިންމުމުގައި ހޯމް މިނިސްޓްރީގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިސްހާގު ގަވާއިދާ ހިލާފަށް ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސަފާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނީ އެކަމާ ގުޅޭ ލިޔެކިޔުން ފުރިހަމަނުވެކަން އެނގުނު ނަމަވެސް މެޑިކަލް ބޯޑުގެ ހުއްދަ ފޯމުގައި އެކަމަށް ހުއްދަ ދިން ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވާނެ ކަމަށް އޭރުގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އާޒިމް އިއުތިރާފުވެފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.