މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) މިދިޔަ އަހަރު ހިންގުމުގެ ހަރަދުން 297.19 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެކުންފުނިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުންފުނީގެ އޮޕަރޭޓިން އެންޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައި އޮތީ 838.9 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު ހަރުދު ކުރި މިންވަރު 541 މިލިއަން ރުފިޔާއަށްކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މިއީ، 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ހަރަދާއި އަޅައިބަލާއިރު 14 ޕަސެންޓް ކުޑަ އަދަދެއް ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރެވިފައި ވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން، ހާއްސަކޮށް ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓުން ރޭވުންތެރިކަމާ އެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ގެންގުޅުނު ހިކުމަތްތެރި މާލީ ސިޔާސަތު ތަކުގެ ސަބަބުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.

މި ރިޕޯޓުގައިވާގޮތުން އިންޖިނިއަރިން، މެނުފެކްޗަރިން، ފެނާއި ނަރުދަމާގެ ހިދުމަތްތައް، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތަށް ފުރަތަމަ ކުއާޓާގައި 177.4 މިލިއަން ރުފިޔާ، ދެވަނަ ކުއާޓާގައި 130.7 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓާގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓާގައި 94.8 މިލިއަން ރުފިޔާ، މިދިޔަ އަހަރު ވަނީ ހަރަދުކޮށްފަ އެވެ. 2019 ވަނަ އަހަރުގެ ހަރަދުތަކާއި އަޅައިބަލާއިރު، މިދިޔަ އަހަރު އިންޖިނިއަރިން ދާއިރާއިން ކުރެވިފައިވާ ހަރަދުތައް ހަ ޕަސެންޓް ކުޑަކޮށްފައިވާއިރު، މެނުފެކްޗަރިންގެ ހަރަދުތައް 14 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. ވިޔަފާރީގެ ދާއިރާގެ ހަރަދުތައް 16 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތަށް ކޮށްފައިވާ ހަރަދުތައް 15 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާ އެކު، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އަޅާފައިވާ ހަރުދަނާ އަދި މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން، ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެ އުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައިދިނުމުގެ އިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމަށްޓަކައި، ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް ފެން ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މިކަންކަމަށް ޖުމުލަ 4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެކުންފުނީން ވަނީ ބުނެފަ އެވެ.

އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި ޕްރޮޖެކްޓްތައް މިދިޔަ އަހަރު ހިންގާފައިވާ ކަމަށާއި އަދި ސަރުކާރުން، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝަރޫއު ތަކުގެ ދަށުން، ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ނިންމައި، ފަސް ރަށެއްގެ އަމަލީ މަސައްކަތް ފަށައި، އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ފެށުމަށް އެކުންފުނިން ތައްޔާރުވެފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ.