ޚަބަރު

2020 ވަނަ އަހަރު މީރާއަށް ބަލައިގަތް އާމްދަނީ 37 ޕަސެންޓް ދަށަށް

ނިމިގެން މިދިޔަ 2020 ވަނަ އަހަރު މީރާއަށް އާމްދަނީގެ ގޮތުގައި ބަލައިގަތް އަދަދު އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 37.7 ޕަސެންޓް ދަށްވެއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މީރާއަށް ޖުމްލަ ލިބިފައިވަނީ 10.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި އޭގެ ކުރީ އަހަރު 16.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް މީރާއަށް ލިބިފައިވެ އެވެ.

މިދިޔަ އަހަރު ބަލައިގެން އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 41.1 ޕަސެންޓް ނުވަތަ 4.31 ބިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރާ އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 1.89 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 18 ޕަސެންޓެވެ.

ބީޕީޓީގެ ގޮތުގައި މިދިޔަ އަހަރު 1.77 ބިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޑް ނުވަތަ ރިސޯޓް ކުލީގެ ގޮތުގައި 702.78 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.

މިދިޔަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން މިދިޔަ މަހު ބަލައިގަތް ޖުމްލަ އާމްދަނީއަކީ 1.04 ބިލިއަން ރުފިޔާ އެވެ. އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅައިބަލާއިރު 34.1 ދަށް އަދަދެކެވެ. ޑިސެމްބަރު 2019 ގައި މީރާއަށް 1.56 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާ އިން ބުނީ، ޑިސެމްބަރު 2019 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ޑިސެމްބަރު 2020 ގައި ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައި ވުމެވެ. އެގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ.

މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބަޔަކީ ވެސް ޖީއެސްޓީއެވެ. އެއީ 404.66 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓް ކުލިންނެވެ. ރިސޯޓް ކުލީގެ ގޮތުގައި މިދިޔަ މަހު 311 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 138.75 މިލިއަން ރުފިޔާ އެވެ.