ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށާއި ބަލި ފެތުރުނު ގޮތް އަދިވެސް ހޯދަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ދެއްވަދޫން ފުރަތަމަ ކޭސް އެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެރަށު ހޯމް ކަރަންޓީންގައި ހުރި ކުއްޖެކެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ދެއްވަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންއިން މިހާތަނަށް އެނގުނު ގޮތުގައި އެރަށުގައި ބަލި ފެތުރޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

"މިއީ ސީދާ ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ އެމީހާގެ ފަރާތުން އެހެން މީހުންނަށް ފެތުރުނު ކަމެއްގެ ބަދަލުގައި ރަށުތެރޭގައި ކޮންމެވެސް އެހެން ގޮތަކުން ބަލި އިންޓްރޮޑިއުސްވެގެން ރަށު ތެރޭގައި ދުވަސްކޮޅެއް ވަންދެން ބަލި ސާކިއުލޭޓް ވަމުން ޓްރާންސްމިޓް ވަމުންދިޔަކަން މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ފެންނަން އޮތީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 22 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހަކު ހިމެނެއެވެ. ދެއްވަދޫން މިހާތަނަށް ޕޮޒިޓިވްވީ 16 މީހުންނެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 149 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ހައިރިސްކް ކެޓަގަރީގެ 50 މީހުން ހިމެނެއެވެ. އެއީ، ދެއްވަދޫން 90 ކޮންޓެކްޓުން އަދި ފޮނަދޫން 59 ކޮންޓެކްޓުންނެވެ. ދެއްވަދޫން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ތެރެއިން 40 މީހުންނަކީ ހައިރިސްކް މީހުންނެވެ. ފޮނަދޫގެ ކޮންޓެކްޓުންގެ ތެރެއިން ދިހަ މީހުންނަކީ ހައިރިސްކް މީހުންނެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެރަށުން 163 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި އެ ކްލަސްޓާއާ ގުޅިގެން ފޮނަދޫގައި 56 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.

  • 23 ޑިސެންބަރު 2020: އެކަކު
  • 6 ޖެނުއަރީ 2021: އެކަކު
  • 7 ޖެނުއަރީ 2021: ހަ މީހުން
  • 9 ޖެނުއަރީ 2021: ފަސް މީހުން
  • 10 ޖެނުއަރީ 2021: ނުވަ މީހުން

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެރަށާއި ފޮނަދޫގައި މިހާރު ރެންޑަމް ސާމްޕަލް ނަގަމުން އަންނަ އިރު، ލާމު އަތޮޅުގެ ބައެއް ރަށްރަށާއި ގއ. ވިލިނގިލީގެ އިތުރުން ގދ. ތިނަދޫގައި ރެންޑަމް ސާމްޕަލް ވަރަށް އަވަހަށް ނަގަން ފަށާނެ ކަމަށް އެޗްއީއޯސީން ބުންޏެވެ.