ދިވެހި ޕްރިމިއާ ލީގު

އާ ކޯޗާއެކު ސަސް ބަލިކޮށް، މާޒިޔާ އެއްވަނައަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ސުޕަ ޔުނައިޓެޑް (ސަސް) ބަލިކޮށް، އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗު 3-0ގެ ނަތީޖާއަކުން މާޒިޔާ ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗަކީ އެ ކްލަބާ އަލަށް ހަވާލުވި ކޯޗު، ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.

މާޒިޔާއާ ހަވާލުވި ރިސްޓޯއަކީ ތަޖުރިބާކާރު ކޯޗެކެވެ. ސާބިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު އަދާކުރި ރިސްޓޯ ވަނީ މިހާރު ސްޕެނިޝް ލަލީގާގައި ކުޅެމުންދާ ކާޑިޒްގެ ކޯޗުކަން 2010 ވަނަ އަހަރުކޮށްފައެވެ. އޭގެ ފަހުން ސްޕެއިންގެ އެކި ޑިވިޝަންތަކުގައި ކޯޗުކަން ކުރުމަށްފަހު ރިސްޓޯ މިސްރާބު ޖަހާފައިވަނީ އޭޝިއާއަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން އޭނާ ކޯޗުކަން ކޮށްދިނީ ފިލިޕީންސްގެ ޗެމްޕިއަން ސެރެސްއަށެވެ.

ސެރެސްއާއެކު ޖެހިޖެހިގެން ތިން ފަހަރަށް ފިލިޕީންސް ލީގު ނަގައި، އޭނާ ވަނީ އޭއެފްސީ ކަޕުގައިވެސް ތަފާތު ދައްކައިފައެވެ.

ލީގުގައި އެންމެފަހުން މާޒިޔާއިން ކުޅެފައިވާ ދެ މެޗުން އެއްވަރުވެ، އެއްވަނަ ގެއްލިފައި އޮތީ ވެލެންސިއާއަށެވެ. ރޭ ވެލެންސިއާ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުވެފައި އޮތުމުން މިއަދު މޮޅުވެގެން މާޒިޔާއަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މިއަދު ހޯދި މޮޅާއެކު މާޒިޔާ އެއްވަނައަށް ޖެހިލީ ފަސް މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ވެލެންސިއާއަށް ވެސް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވީ ނަމަވެސް، ދެވަނައަށް ވެއްޓިފައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ފުރަތަމަ ހާފުގައި ފެނުނީ މާޒިޔާގެ ޑޮމިނެންޓް ކުޅުމެކެވެ. ސަސްގެ ހާފުގައި ބޯޅަ ހިފަހައްޓައި، ނުރައްކާވެސް ކުރިއެވެ. ހާއްސަކޮށް މާޒިޔާގެ ފޯވަޑް ކޯނެލިއަސް ސްޓެވާޓްގެ ނުރައްކާ ފާހަގަކޮށްލެވުނު އިރު، އޭނާގެ ދެ ހަމަލާއެއް މެޗުގެ ކުރީކޮޅުގައި ފެނުނެވެ. 15 ވަނަ މިނެޓުގައި މުހައްމަދު އުމައިރު ވައްދާލި ހިލޭ ޖެހުމުން މާޒިޔާ ލީޑު ނެގިއެވެ. އަދި 30 ވަނަ މިނެޓުގައި ކޯނެލިއަސް ޖެހި ބާރު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައި، މާޒިޔާއިން ލީޑު ފުޅާވެސް ކުރިއެވެ.

ހާފު ނިމުމުގެ ކުރިން ކޯނެލިއަސްގެ އިތުރު ގޯލެއް ފެނިފައިވާ އިރު، ދެވަނަ ހާފުގައި ސަސްއިން ކޮންމެވެސް ވަރަކަށް ފޯމަކަށް އެޅިތަން ފެނިގެން ދިޔައެވެ. އެޓީމުން ކުޅުން ރަނގަޅު ކުރި ނަމަވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ސަސްއިން ފަސް މެޗު ކުޅުނު އިރު، މިހާތަނަށް ބަލިވީ މިއަދުގެ މެޗުން އެކަންޏެވެ. އެއް މެޗުން މޮޅުވި އިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. އެ މެޗުގައި ގްރީން ސްޓްރީޓްސްއިން ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.