މަތިމަައްޗަށް ދައުވާކުރިޔަސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ސިޔާސީ މަސައްކަތް ހުއްޓާނުލާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އަދުރޭގެ މައްޗަށް ވަނީ ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާކޮށްފައެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން ވަނީ މިމަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. އެ ދައުވާ އަދުރޭގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އެ ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވަނީ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވާފައިވާތީއެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވައިފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަދުރޭއަށް ސިޔާސީ ގޮތުން ބިރުދައްކައިގެން ފަހަތަށް ޖެއްސޭނެކަމަށް ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި އެ ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުންނާއި އެ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުންނާ ގުޅޭގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ މި ސަރުކާރު ބަލިކަށިވެ، ރައްޔިތުންގެ ތާއީދު ގެއްލި، ހަދާނެގޮތް ހުސްވުމުން ކަމަށެވެ. އަދި މި ވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން މި ކޯލިޝަންގެ ވެރިންނާއި އާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ހުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަސައްވުރު ކުރެވޭތީ އެ ކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަގުސަދުގައި ކަމަށްވެސް ބަޔާނުގައިވެއެވެ.

"މި ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން. މަތި މައްޗަށް ދައުވާ ކުރެއްވި ނަމަވެސް އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު. ހަމަ އެގޮތުގެ މަތިން މި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހޭނެ ބައެއް ނޫން،" ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ އެއްވެސް ފަސްޖެހުމެއް ނެތި ރައީސް ޔާމީން މިނިވަން ކުރުމަށާއި ކުރިއަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ކޯލިޝަން ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު ކޯލިޝަނަށާއި ރައީސް ޔާމީނަށް އޮތް މިންވަރު ސަރުކާރަށް ދައްކާނީ ވޯޓުފޮށިން ކަމަށްވެސް ބަޔާނުގައިވެއެވެ.