ކުޅިވަރު

ބާސާގައި މެސީ މަޑުކޮށްގެން ނޫނީ ކުލަބު އެހެން ލެވެލަކަށް ނުގެންދެވޭނެ: ކޯމަން

ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކޮށްގެން ނޫނީ ތަށިތަކަށް ވާދަކޮށް، ކްލަބު އެހެން ލެވެލްއަކަށް ނުގެންދެވޭނެ ކަމަށް ކޯޗު ރޮނަލްޑް ކޯމަން ބުނެފިއެވެ.

މެސީއާއި ބާސާއާ ދެމެދު މައްސަލަތަކެއް ދިމާވެ، މިދިޔަ ސީޒަނަށްފަހު މެސީ ވަނީ ރަސްމީކޮށް ބާސާ ދޫކޮށްލަން ހުށަހަޅާފައެވެ. އޭރުގެ ރައީސް ޖޯސެފް ބާޓޮމިއޫ މެސީއަށް ދިޔަ ނުދީ ހިފެހެއްޓި ނަމަވެސް، މެސީ މިހާރު ހުރި އެއްބަސްވުމުގައި ބުނެފައިވާ ގޮތުން މި ސީޒަނަށްފަހު މެސީއަށް ބާސާ ދޫކޮށް ދެވޭނެއެވެ. އެކަމަށް ލަލީގާ އަކަށްވެސް ހުރަހެއް ނޭޅޭނެއެވެ.

ބާސާއިން ދަށްކޮށް މި ސީޒަން ފެށި ނަމަވެސް އެޓީމުން މިހާރު އަންނަނީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ. ރޭ ގްރަނާޑާއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ބާސާއިން ކާމިޔާބު ކުރިއިރު، މެޗުގައި ގޯލްތައް ޖެހީ މެސީއާއި އެންޓޮއިން ގްރީޒްމަންއެވެ. މެޗަށްފަހު ކޯމަން ވަނީ މެސީ ބާސާގައި އަދާކުރަމުން އަންނަ ރޯލަށް ތައުރީފު ކޮށްފައެވެ.

"ބާސާއަށް މެސީ ބޭނުން ވޭ. ބޮޑެތި ކަންތައްތައް ހާސިލް ކުރުމަށް، ތަށިތަކަށް ވާދަކުރުމަށްވެސް މެސީ ބޭނުންވޭ. މެސީއަކީ ބާސާގެ އެންމެ މުހިއްމު ކުޅުންތެރިޔާ. ރޭގެ މެޗުގައި ބެލީ މެސީއަށް ކުޑަ ރެސްޓެއް ދިނުމަށް. މެސީ އާއި ޑިޔޯންގް ކަހަލަ ކުޅުންތެރިން ބަދަލުކޮށްލަން މެޗުގައި ފުރުސަތު ލިބުނު،" ކޯމަން ބުނެފައި ވެއެވެ.

ކޯމަން ބުނެފައި ވަނީ އަނިޔާގެ މައްސަލަތަކެއް ދިމާ ނުވެ، މިހާރު ކުރިއަށްދާ ފޯމުގައި ގޮސްފިނަމަ، ލީގަށް ވާދަކުރެވޭނެ ކަމަށާއި، އުންމީދަކީވެސް ފޯމު ދެމެހެއްޓުން ކަމަށެވެ. އޭގެ އިތުރުން ކޯމަން ބުނެފައި ވަނީ މި ސީޒަނަށްފަހު މެސީގެ ކޮންޓްރެކްޓް ހަމަވާން އޮތް ނަމަވެސް ބާސާގައި މެސީ މަޑުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ރޭގެ މެޗުން މޮޅުވެ ބާސާ އޮތީ ތިންވަނައިގައެވެ. ބާސާއަށް 18 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލްއަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވެއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯއަށް 15 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.