ސްޕެނިޝް ލަލީގާގެ ރެލިގޭޝަން ޒޯންގައި އޮތް އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ޖެހިލުމަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ.

ރޭ ރަށުން ބޭރުގައި ރެއާލްއިން ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. ސްނޯގެ ތެރޭގައި ކުޅުނު މި މެޗުގެ ކުރިން ދަނޑުން ގަނޑުފެން ނަގަންވެސް ޖެހިފައިވެއެވެ. މިދިޔަ 50 އަހަރު ތެރޭގައި ސްޕެއިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތޫފާން، ފިލޮމެނާގެ މޫސުމާއެކު ރޭގެ މެޗު ނުކުޅެވޭނެ ކަމަށްވެސް ބެލެވިފައި އޮތެވެ.

ފިނީގައި ކުޅުނު މެޗުން ލިބުނު ޕޮއިންޓާއެކު ރެއާލްއަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އޮތީ 15 މެޗުން 38 ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި ބާސެލޯނާ އޮތީ 18 މެޗުން 34 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގައި ދެޓީމަށްވެސް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ މަދު ހަމަލާއެކެވެ. ދަނޑުގެ ހާލަތުވެސް އުނދަގޫވުމާއެކު މެޗުގައި ގޯލަށް އަމާޒުކޮށް އުފެއްދިފައި ވަނީ އެންމެ ތިން ހަމަލާއެކެވެ. މެޗުގައި ރެއާލްގެ ކަރިމް ބެންޒެމާ އާއި ސާޖިއޯ ރާމޯސް، ބޯޅަ ގޯލަށް ވައްދާލި ނަމަވެސް އެ ދެ ގޯލްވެސް ރެފްރީ ވަނީ ކެންސަލް ކޮށްފައެވެ. ވީއޭއާރް ރިވިއުއާއެކު އެ ދެ ގޯލް ކެންސަލް ކުރީ ބެންޒެމާ އޮފްސައިޑް މަގާމުގައި ހުރުމުންނެވެ.

ރޭގެ މެޗުން ބަލިވި އޮސަސޫނާ އެންމެފަހުން ކުޅުނު 11 މެޗުންވެސް މޮޅު ނުވެވި، އެޓީމު އޮތީ ރެލިގޭޝަން ޒޯންގައެވެ.