ކޮވިޑް-19އިގެ ސަބަބުން މާލޭގެ ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ އަހަރެއްހާ ދުވަސް ފަހުން އަލުން ސްކޫލްތައް ހުޅުވައި ކިޔެވުން ފަށައިފި އެވެ.
މިއަދަކީ ކޮވިޑުގެ ބަލިމަޑުކަމަށްފަހު ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާ ފުރަތަމަ ދުވަހެވެ. އެކަމަކު މުޖުތަމައުތެރޭގައި ބަލި ފެތުރެމުންދާތީ ގއ. ދެއްވަދޫ އާއި ލ. ފޮނަދު އާއި ގަން މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން މިއަދު އެރަށްތަކުގެ ސްކޫލްތައް ނުހުޅުވަ އެވެ.
މުޅި ދުނިޔެއަށް ދިމާވެފައިވާ މި ބަލިމަޑުކަމާއެކު ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެގޮތުން ކޮންމެ މީލާދީ އަހަރަކާ އެކު ފަށަމުން އައި ދިރާސީ އަހަރު، އަހަރުގެ މެދުތެރޭގައި ފެށޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.
އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. މިއަދު ފެށިގެން ދިޔައީ މިދިޔަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމެވެ.
ކޮވިޑް-19އިގެ ހާލަތުގައިވެސް އަތޮޅުތެރޭގެ ސްކޫލްތައް ހުޅުވުނެވެ. އެކަމަކު ކިޔަވައިދިނީ ގްރޭޑް އެކަކުން މަތީގެ ގްރޭޑްތަކަށެވެ. ޕްރީ ސްކޫލްތައް އަތޮޅުތެރޭގައި ހުޅުވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފައިވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެވެ. ކޮވިޑުން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ މާޗު 12 ވަނަ ދުވަހު ސްކޫލުތައް ބަންދުކުރި ގޮތަށް، މާލެ ސަރަހައްދުގައި ގްރޭޑު ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް އަދި ކިޔަވައިދީފައެއް ނުވެ އެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ވީޑިއޯއެއްގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ސުކޫލަށް އައިސް ކިޔެވުމުގެ ފުރުސަތު ނުލިބި ތިބެން ޖެހުމަކީ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަކަށްވާތީ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ހުރިހާ ދަަރިވަރުންވެސް ސުކޫލަށް ފޮނުވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ ސުކޫލުތަކަކީވެސް ރައްކާތެރި ތަންތަން ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
މީގެ އިތުރަށް މިނިސްޓަރު އައިޝާ ވިދާޅުވީ ކިޔެވުން ފެށެންވާއިރަށް ސުކޫލުތަކުން ގިނަ މަަސއްކަތްތަކެއް ކޮށްފައިވާ ކަމަށާއި ހުރިހާ ދަރިވަރުންނަށްވެސް ސުކޫލްތަކަށް އައިސް ކިޔެވޭނެ މަގު ފަހިވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު