ށ. ކަނޑިތީމު ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެއްޖެ އެވެ.

ކަނޑިތީމު ކައުންސިލުގެ ރައީސް އާމިނަތު އަހުމަދު "ވަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 10:15 ހާއިރު ކަމަށެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކައުންސިލާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް ކޮންޓްރޯލްވެފައިނުވާތީ އަލިފާން ނިއްވުމަށްޓަކައި ހދ. ކުޅުއްދުއްފުށިން ފަޔާ އެންޑް ރެސްކިއު ލޯންޗެއް ފުރާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އަލިފާން ހިނގީ ކިހިނެއް ކަމެއް ސީދާ ނޭންގެ. އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުން. އަދިވެސް އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުވޭ. ފެން ޖަހައި، ނިއްވުމުގެ މަސައްކަތް މިދަނީ ހުރިހާ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުން،" އާމިނަތު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލިފާން ރޯވި ދޯނި ފިޔަވައި އެހެން އެއްވެސް އުޅަނދަކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާ ކަމަށާއި ފަޅުގައި އަޅާފައިވާ ހުރިހާ އުޅަނދެއް ވެސް، ފަޅުން ބޭރަށް ނެރެފައިވާ ކަމަށެވެ.