(07 ޖެނުއަރީ ގެ އަދަދާ ގުޅޭ)
حسن އިރުކޮޅެއްގެކުރީން ހުންނެވީ ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ. ނަމަވެސް މިހާރު އޭނާއަށް ހިނިފުޅު މަތަކުރައްވައިގެން ހުންނެވެނީ ވަރަށް އުނދަގުލުންނެވެ.
سعد ސުވާލުކުރެއްވިއެވެ. "އެމީހުން އިޝްބީލިއްޔާގެ ސަރަޙައްދު ހުރަސްކޮށްފިކަން ޔަގީންތޯ؟"
"އަޅުގަނޑަށްވުރެ މާބޮޑަށް ފުލުހުން އެކަން ޔަގީންކުރޭ. މިއަދު އަޅުގަނޑު ފަތިސްނަމާދަށް މިސްކިތަށް ދިޔައިރު މިސްކިތުގައިވެސް ދައްކަނީ އެވާހަކަ."
"ފުލުހުންގެ އެހެން ގެމައެއް އެބައިމީހުންގެ ފަހަތަކުން ނުދޭތޯ؟"
"ފުލުހުން ކީއްކުރަންތޯ ސަރުކާރުން ސިފައިންވެސް ފޮނުވީސްކަން ކަށަވަރު. އެކަމަކު އެމީހުން މިހާރު އުޅެނީ މާބޮޑު މުސީބަތެއް ކުރިމަތިވެގެން. އިއްޔެ ކުއްލިޔަކަށް އެއްކަލަ ޅެމުގެ ކޮޕީތައް ރަށުގެ ހުރިހައި މަދަރުސާތަކަށް ބަހައިލެވިއްޖެ. މެންދުރެއްހައިއިރު ވީއިރު އެތައް މިސްކިތްތަކަކާ، ގޭގެއަކާ ބައެއް ވަޒީރުންގެ ގެކޮޅުތަކަށް ދާންދެން ޅެންކަރުދާސް ތަތްކޮށްފި. ފުލުހުންގެ މިހާރުގެ މަސައްކަތަކީ އެ އިޝްތިހާރުތައް ނެގުން. ނަމަވެސް އެތަކެތި ނަގާމީހުންނަށްވުރެ ލިޔެފައި ހަރުކުރާ އަތްތައް މާހީވާގިވެފައި ހުސިޔާރު. މިއަދު ހެނދުނު މިސްކިތުގެ ގޯތިތެރެއަށްވެސް އެތައް ބައިވަރެއް އަޅައިލައިފައިހުރި. ރޭ އަޅުގަނޑުގެ ގޭގެ ދޮރޯށީގައިވެސް އޭގެ ކަރުދާސްގަނޑެއް ހަރުކޮށްފައި ހުއްޓައި ފެނުނު. އަޅުގަނޑު އެނަގައިފިން. މިހާރުވެސް އަޅުގަނޑުގެ ޖީބުގައި އޮންނާނެހެން ހީވޭ."
ޙަކީމު އޭނާ ޖީބުން ކަރުދާސްގަނޑެއް ނަންގަވައިފައި سعد ގެ އަތްޕުޅަށް ދެއްވައިފިއެވެ. سعد ވިދާޅުވިއިރު އެ ޅެމުގެ ފުރަތަމަ ބައިތަކީ:
"އިޝްބީލިއްޔާގެ އާ ޚިޔާލުތަކުގެ މީހުން ލަފުޒުތަކުގެ މުސްކުޅި މާނަ ބަދަލުކޮށްލައިފިއެވެ. މިހާރު ފިނޑީންނަކީ ހިތްވަރުގަދަ ބަހާދަރުންނެވެ. މިހާރު ހިޔަޅަށް ކިޔަނީ ސިންގާއެވެ."
سعد ގެ މޫނުފުޅުމަތީގައި ހިނިތުންވެވަޑައިގަތުމެއް ކުޅެކުޅެ ހުއްޓެވެ. އޭނާ ހިތްޕުޅުން ވިދާޅުވިއެވެ. "أحمد އެވެ! ކޮއްކޮ ހާދަ ލާނެތެވެ!" حسن ކުރިޔަށް ޖެހިވަޑައިގެން އޭނާގެ ބޭބެގެ އަތްޕުޅުން އެކަރުދާސްގަނޑު އަތުލައްވައިފިއެވެ. މަތިމަތީން ބައްލަވައިލައްވައިފައި ميـمــونـة އަށް ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "ދައިތާފުޅާ! މިއީ އެއްކަލަ ޅެން!"
ޙަކީމު ބުނުއްވިއެވެ. "އަޅުގަނޑު ހިތުން މިހާރަކު އަޅުގަނޑުމެންގެ މެދަކު އެއްވެސް ސިއްރެއްނެތް. ކަލާއަށް އަޅުގަނޑަށް އިތުބާރު ކުރެއްވިދާނެ. ميـمــونـة އެކަން ކަށަވަރުކޮށްދެއްވާނެ. މާތް اللّـه ގެ އިރާދަފުޅާއެކު ކަލާއަށް ވަރަށް އަވަހަށް ފަސޭހަފުޅުވެދާނެ. އެކަމަކު ތިންހަތަރު ދުވަހަކު ހިންގަވައި ނުއުޅުއްވައި ހުންނެވުން ބޭނުން. އަޅުގަނޑު ހަމައެކަނި އަޅުގަނޑުގެ ހިތްހަމަޖައްސައިލުމަށްޓަކައި އޮޅުންފިލުވައިލާން ބޭނުން. ކާކުތޯ އެ ޒުވާން ޚިޔާލުގެ ޝާޢިރަކީ؟"
"سعد ހަމަޖެހިވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ. "އެއީ އަޅުގަނޑުގެ ކޮއްކޮއެއް."
"އަޅުގަނޑުވެސް ވިސްނީ ތިޔަގޮތަށް. މިއީވެސް ކަލާގެ ކޮއްކޮއެއް؟" حسن އާ ދިމާޔަށް ބައްލަވައިލައްވަމުން ޙަކީމު ބުނުއްވިއެވެ."
حسن ވިދާޅުވިއެވެ. "ބައްލަވާ! ކަލޭގެފާނު އިސްތަށިފުޅުގައި ތިޔަ އަޅުއްވަނީ ވަރަށްބޮޑު ޒިންމާއެއް!"
ޙަކީމު ޖަވާބު ދިނެވެ. "ދަރިފުޅާ! ކަންބޮޑުވެވަޑައިނުގަންނަވާ!"
سعد ގެ ހާލުކޮޅު ރަނގަޅުވަމުން އައިއައިހެން، ކޮޓަރިޔެއްގެ ތެރޭގައި ފިލައިވަޑައިގެން ހުންނެވުން ވަމުންދިޔައީ އޭނާއަށް ކެތްކުރައްވަން އުނދަގޫފުޅު ކަމެއްކަމުގައެވެ. ميـمــونـة ގެ ރަޙުމަތްތެރި ބައެއް އަންހެންކުދީން އޭނާއާ ބައްދަލުވާން އާދެއެވެ. އެހެންކަމުން އާއްމުކޮށް އޭނާ އުޅުއްވަނީ ތިރީބުރީގައެވެ. މެހުމާނުންގެ ފަރީއްކޮޅު ތައްޔާރުކުރައްވަނީވެސް އޭނާ އަމިއްލަފުޅަށެވެ. سعد ގެ ހާލުކޮޅު ސީރިޔަސްއިރު އޭނާ ހެނދުނުއްސުރެ ހަވީރާ ހަމަޔަށް އެތަކެއްފަހަރު މަތީބުރިއަށް ވަޑައިގެން حسن ގެ އަރިހުން سعد ގެ ހާލުކޮޅުގެ ޚަބަރު އައްސަވައެވެ. އޭނާ ވާހަކަ ދައްކަވަނީ ޖެހިގެންހުރި ކޮޓަރިކޮޅުގެ ދޮރުފަތުގެ ނިވަލުގައި ހުންނަވައިގެންނެވެ. سعد އެންމެ ހުންފުޅު ގަދަވި ދެރޭވެސް ميـمــونـة ހޭދަކުރެއްވީ ޖެހިގެންހުރި ކޮޓަރިކޮޅުގައި ހޭފުޅުލައްވައި އިންނަވައެވެ. سعد ގެ ހާލުކޮޅު ރަނގަޅުވާން ފެށުމުން މާގިނަގިނައިން މައްޗަށް ވަޑައިގެން އޭނާގެ ހާލުކޮޅު އޮޅުންފިލުއްވަން ميـمــونـة ލަދުފުޅުގެން ވަޑައިގަންނަވާގޮތް ވާންފަށައިފިއެވެ. ނަމަވެސް ހެނދުނު ތެދުވެވަޑައިގެންނާއި، ރޭގަނޑު އަވަހާރަފުޅު ލެއްޕެވުމުގެ ކުރީން މައްޗަށް ވަޑައިގެން حسن ގެ އަރިހުން އޭނާގެ ބޭބެގެ ވާހަކަ ނާއްސަވައެއް އޭނާގެ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. އޭނާ ވަޑައިގެންނެވުން ތަންކޮޅެއްވެސް ލަސްވެއްޖެނަމަ ޚުދު حسن ތިރިޔަށް ވަޑައިގަންނަވައެވެ. ميـمــونـة ގެ ކޮޓަރިކޮޅުގެ ދޮރުކޮޅުމަތީ ހުންނަވައި ވިދާޅުވެއެވެ. "ދައިތާފުޅާއެވެ! ބޭބެގެ ހާލުކޮޅު މިއަދު މުޅީން ރަނގަޅެވެ!"
* * * * * * * * * * *
އެއްދުވަހެއްގެ މެންދުރެއްހައިއިރު زيـاد ގެ ކޮއްކޮ ميـمــونـة ގެ އަރިހަށް ވަޑައިގެންފިއެވެ. އޭނާ ވަރަށް ގިނައިރުވަންދެން ميـمــونـة ގެ އަރިހުގައި ވާހަކަ ދައްކަވާން އިންނެވިއެވެ. سعد އަށާއި حسن އަށް ތިރީބުރީން ކުއްލިޔަކަށް ވަރަށް ބާރަށް ވާހަކަދައްކާ އަޑު އިވިވަޑައިގެންފިއެވެ. حسن ތެދުވެވަޑައިގެން ބަރެންޑާއަށް ނުކުމެވަޑައިގެންފިއެވެ. ميـمــونـة ވަރަށް ބާރަށް ވިދާޅުވިއެވެ. "އެދުވަހުވެސް އަޅުގަނޑު އޮންނާނީ ދަންނަވައިފައި. އެ ލަދުކުޑަ މީހާގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަޅުގަނޑު ބޭނުމެއް ނޫނޭ. ކަލާގެ ބޭބެއަކީ އޭނާގެ ރަޙުމަތްތެރިއެއްވިއްޔާ އޭނާގެވެސް އެއްވެސް ޣީރަތެއް ނުހުންނާނެ. ކަލާވެސް ތިޔަ އުޅުއްވަނީ އޭނާގެ ރުހުން ހޯއްދަވަންވެގެން އެހެންމީހުންގެ ޢިއްޒަތާއި އަބުރު ވިއްކަވަން..... މާތް اللّـه އަށްޓަކައި މިގެއިން ނުކުމެވަޑައިގަންނަވާ! އެހެންނޫނީވިއްޔާ މާރަނގަޅެއް ނުވާނެ!"
زيـاد ގެ ކޮއްކޮ ސިޑީން ފައިބައިވަޑައިގެން ގޯތިތެރެއަށް ވަޑައިގެންފިއެވެ. އޭނާ ފަހަތަށް އެނބުރިވަޑައިގެން ميـمــونـة އާ ދިމާޔަށް ވިދާޅުވިއެވެ. "ميـمــونـة ހަނދާންކުރައްވާތި! ކަލާއަށް ނިކަމެތިކަމާއެކު އޭނާގެ ފައިތިލަފުޅުގައި އިސްތަށިފުޅު އަޅުއްވާން ޖެހިވަޑައިގަންނަވާނެ. އަޅުގަނޑު ބޭނުންވަނީ ކަލާ އޭނާގެ މަލަކާއެއްގެ މަގާމުގައި އިންނަވާތަން ދެކެން. އެކަމަކު ކަލާއަށް އޭނާގެ ޚާދިމާއަކަށް ވެވަޑައިގަތުމަށްވެސް އެއްބަސްވެވަޑައިގަންނަވާންޖެހޭނެ. އޭނާ ކަލާގެ އަރިހަށް ވަޑައިގަތަނުދީ ހުރަސްއެޅޭނެ އެއްވެސް ކިއްލާއެއް އެއްވެސް ފާރުތަކެއް އަންދަލުސުގެ ބިންމައްޗަކު ނެތް."
ميـمــونـة ވިދުވަރެއްހައި ހަލުއިކޮށް ބަރެންޑާއިން ގޯތިތެރެއަށް ވަޑައިގެންފިއެވެ. އޭނާ ހަޅޭފުޅުލައްވައިގެންފައި ވިދާޅުވިއެވެ. "މިގެއިން ނުކުމެވަޑައިގަންނަވާ! އޭނާ ގާތު ވިދާޅުވޭ. ދަތްއަޅާނެ ކުއްތާއެއް މާގިނައިރަކު ވައްވަކެއް ނުޖަހާނެއޭ!"
سعد ވެސް ކޮޓަރިކޮޅުން ނުކުމުވެޑައިގެން ބަރެންޑާއަށް ވަޑައިގެންފިއެވެ. އޭނާ حسن ގެ އަރިހުގައި ތަނބަކާ ނިވައިވެވަޑައިގެން ބޭރު ބައްލަވާން ހުންނެވިއެވެ. ކޯފާގެ ސަބަބުން ميـمــونـة ތުރުތުރު އަޅައިވަޑައިގަނެއެވެ. زيـاد ގެ ކޮއްކޮ ޖެހިލުންވެވަޑައިގެން ހުންނަވައި ދޮރޯއްޓާ ދިމާޔަށް ހިންގަވައިގެންނެވިއެވެ. ދޮރޯއްޓާ ހަމަޔަށް ވަޑައިގެންފައި އޭނާ ފަހަތަށް އެނބުރިވަޑައިގެން ميـمــونـة އާ ދިމާޔަށް ވިދާޅުވިއެވެ. "ހަނދާންކުރައްވާތި! ކަލާ ހިތާމަކުރައްވަން ޖެހިވަޑައިގަންނަވާނެ! ميـمــونـة!"
"މިގެއިން ނުކުމެވަޑައިގަންނަވާ!" ميـمــونـة މިހެން ވިދާޅުވެފައި ދެތިން ފިޔަވަޅު ކުރިޔަށް ވަޑައިގަތެވެ. زيـاد ގެ ކޮއްކޮ ދުވެވަޑައިގެންފައި ވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ميـمــونـة އިރުކޮޅެއްވަންދެން ދޮރޯއްޓާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. ޚާދިމާއެއް ކުރިޔަށް ޖެހިލައިފައި ميـمــونـة ގެ ކޮނޑުފުޅުމަތީގައި އަތްބާއްވައިލައިފައި ދެންނެވިއެވެ. "ކަލާ އޭނާއާމެދު ތިޔަގޮތަކަށް ކަންތައް ކުރައްވާކަށް ނުވާނެ!" ميـمــونـة ޚާދިމާގެ އަތް ފޮޅުއްވައިލައްވައިފިއެވެ. އޭނާ ވަރަށް ބާރަށް ހިންގަވައިފައި ބަރެންޑާއަށް ވަޑައިގެންފިއެވެ. އޭނާގެ މޫނުފުޅު ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ.
سعد حسن އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކޮއްކޮ ވަޑައިގެން އޭނާގެ ހިތްޕުޅު ހަމަޖައްސައިދެއްވާ!"
حسن ތިރިޔަށް ވަޑައިގެންނެވިއިރު ميـمــونـة ގެ ކޮޓަރިކޮޅުން އޭނާ ކީރިތިކުރައްވާ އަޑު އިވެއެވެ.
"ދައިތާފުޅާ ކީއްތޯވީ؟" حسن ބެދިފައިވާ އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ.
ميـمــونـة އެއްވެސް ޖަވާބެއް ނުދެއްވިއެވެ. حسن ޖެހިލުންވެވަޑައިގެން ހުންނަވައި ميـمــونـة ގެ ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. ميـمــونـة ހުންނެވީ ދެއަތްޕުޅުން މޫނުފުޅު ފޮރުއްވައިގެންނެވެ.
"ދައިތާފުޅާ! ކީރިތިކުރައްވަނީތޯ؟ މާތް اللّـه ގަންދެން. އެއްވެސް ފިރިހެނަކު ދައިތާފުޅުގެ ހިތްޕުޅުގައިޖެހޭނެ ކަމެއް ކުރިނަމަ ދައިތާފުޅުގެ އަޚުންނަކީ ޣީރަތްތެރި ބައެއްކަން އަޅުގަނޑުމެން ސާބިތުކޮށްދިނީމުސް. އެކަމަކު އެއީ އަންހެންކުއްޖެއް!"
"حسن އަކަށް އެނގިވަޑައެއްނުގަންނަވާނެ!" ميـمــونـة ވިދާޅުވިއެވެ.
"حسن ހިސާބަކަށް ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭކަމަކީ إدريـس ވަޑައިގެން ނެތްކަމުގައިވިޔަސް މިގޭގައި ދައިތާފުޅުގެ ދެއަޚުން އެބަތިބިކަން. އަޅުގަނޑުމެންގެ ފުރާނަނެތް ހަށިތައް ފައިދަށުލައިފައި މެނުވީ އެއްވެސް މީހަކަށް ދައިތާފުޅުގެ ރުހިވަޑައިގަތުމަކާނުލައެއް މިގެއަކަށް ނުވަދެވޭނެ!"
ވީދައިފައިހުރި ކަރުދާސްތަކެއް ތަޅުންގަނޑުމަތީގައި ހުއްޓެވެ. ميـمــونـة ކަރުނަފޮދު ފޮއްސަވައިލައްވައިފައި އެހުރިހާ ކަރުދާސްތަކެއް ހޮއްވަވައިފިއެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު حسن އާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. އޭނާ އަޅުގަނޑު ގާތަށް އެވަޑައިގަތީ މިސިޓީ ހިއްޕަވައިގެން. އަޅުގަނޑު ރުޅިއައިސްގެން ސިޓީ ވީދައިލީ. މިކަރުދާސްކޮޅުތައް حسن ގެ ބޭބެއަށް ގެންގޮސްދެއްވާ!"
އިރުކޮޅެއްގެ ތެރޭގައި سعد އެކަރުދާސްކޮޅުތައް ތަރުތީބު ކޮށްލައްވައިގެން އެސިޓީ ވިދާޅުވާން ފައްޓަވައިފިއެވެ. އެސިޓީގައި ވެއެވެ.
"އުޚުތު ميـمــونـة އެވެ! ކަލާގެ އަރިހަށް އަޅުގަނޑު މިފޮނުވަނީ އަޅުގަނޑުގެ ކޮއްކޮއެވެ! ކަލާ ކަންތައްތައް ތިޔަގެންދަވާ ހިތާމަކުރަންޖެހޭފަދަ ގޮތްކޮޅުގެ ސަބަބުން إدريـس އަށް ކުރިމަތިލައްވާން ޖެހިވަޑައިގެންފާނެ ނުރައްކަލުގެ ވާހަކަ އަޅުގަނޑުގެ ކޮއްކޮ ކަލާއަށް ދަންނަވައިދޭނެއެވެ. ޝެހެޒާދާ رشـيـد އަކީ އޭނާއާމެދު ކުރެވޭ އިހާނެތި ކަންތައް ހަނދާން ނައްތައިލައްވަން އާދަވެފައިވާ ބޭފުޅެއް ނޫނެވެ. ކަލާ އޭނާގެ ލޯބީގައި ކޮޅުފައިން ޖައްސަވައިފިނަމަ އޭނާގެ ބަދަލު ހިއްޕެވުން ވަރަށް ނުރައްކާތެރިވާނެއެވެ. ޤުރުޠުބާގެ ގަވަރނަރ ކަލާގެ ލޯބިފުޅަށް އެދިވަޑައިގެން ސަލާންޖައްސަވާކަމީ ހަމަ ޔަގީނުންވެސް ކަލާގެ ނަސީބުފުޅު ރަނގަޅުކަމެވެ. އޭނާ ބޭނުންފުޅުނަމަ ކަލާގެ ހަތަރެސްފައިންޕުޅުގައި ހިލިހިލާ އަޅުއްވައިގެންވެސް އޭނާއަށް ކަލާ އޭނާގެ އަރިހަށް ގެންދެވިދާނެއެވެ. އޭނާ ބަދަލުހިއްޕަވާން އުޅުއްވައިފިނަމަ ކަލާއަށްވެސް ކަލާގެ ބޭބެއަށްވެސް ރައްކާތެރި އެއްވެސް ތަންކޮޅެއް އަންދަލުސުގެ ބިންމައްޗަކު ނޯންނާނެއެވެ. ކަލާގެ ބޭބެ ކޮންމެވެސް ޖަލެއްގެ އަނދިރި ކޮޓަރިޔަކަށް އަބަދަށްޓަކައި އެއްލައިލައްވާން ކަލާ ރުހިވަޑައިގަންނަވަމުތޯއެވެ؟
އަޅުގަނޑު މިސިޓީ މިލިޔަނީ އަޅުގަނޑަކީ إدريـس ގެ ރަޙުމަތްތެރިޔަކު ކަމުގައި ވާތީއެވެ. މީހެއްގެ ހިތުގައި އެމީހެއްގެ ރަޙުމަތްތެރިއެއްގައި އުޚުތަކާމެދު އޮންނަންވާ ހަމްދަރުދީ އަޅުގަނޑުގެ ހިތުގައި ކަލާއާމެދު އެބައޮތެވެ. އަޅުގަނޑު ކަލާގެ އަރިހުގައި ދަންނަވައިލާން ބޭނުމެވެ. ޝެހެޒާދާ رشـيـد ޤުރުޠުބާއަށް ފުރައިވަޑައިގަތުމުގެ ކުރީން ވަނީ إدريـس އާމެދު އޭނާ ކަންތައް ކުރައްވާނެ ނުރައްކާތެރިގޮތުގެ ވާހަކަ ވިދާޅުވެފައެވެ. إدريـس އެނބުރި ވަޑައިގަންނަވާއިރު މަގުމަތީން އޭނާ ހައްޔަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. رشـيـد ކަހަލަ ނުފޫޒުހުރި ބޭފުޅަކު ސަރުކާރުގެ އާދައިގެ މުވައްޒަފަކުދެކެ ކޯފާ އިސްވެއްޖެނަމަ އެމުވައްޒަފަކު ހައްޔަރުކުރެއްވޭނެ އެތައް ސަބަބުތަކެއް ހޯއްދެވިދާނެއެވެ. އެއަށްފަހު ކަންތައްވާނެގޮތް ކަލާ އަމިއްލަފުޅަށް އިޙުސާސް ކުރައްވާށެވެ.
އަޅުގަނޑު ކަލާއަށް ޔަގީންކޮށް އަރުވަމެވެ. ޝެހެޒާދާ رشـيـد ގެ ޙަޔާތްޕުޅުގެ ބައިވެރިޔަކަށް ވެވަޑައިގަންނަވާން ކަލާ އެއްބަސްވެވަޑައިގެންފިނަމަ ހަމައެކަނި ކަލާގެ ނަސީބުފުޅާމެދު ކަލާއަށް ފަޚުރުވެރިވެ ވަޑައިގެންނެވޭނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ إدريـس ގެ ކުރިފުޅުމަތީގައިވެސް ޢިއްޒަތާއި ކުރިއަށް ވަޑައިގަތުމުގެ ހުރިހައި ދޮރުތަކެއް ހުޅުވޭނެއެވެ. އަޅުގަނޑާމެދު ކަލާ އެއްގޮތަކަށްވެސް ކުށްހީފުޅެއް ނުކުރައްވާށެވެ. އަޅުގަނޑުގެ ހުރިހައިވެސް އެދުމަކީ އަޅުގަނޑުގެ އެންމެގާތް ރަޙުމަތްތެރިޔާއަށާއި، އޭނާގެ ކޮއްކޮއަށް ހުރިހައިވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމެވެ. ކަލާ ވަކިގޮތެއް ނިންމެވުމުގައި މާބޮޑަށް އަވަސްވެވަޑައިނުގަންނަވާށެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ ކަލާ އަޅުގަނޑަށް ކަލާއާ ސީދާ ވާހަކަ ދައްކައިލުމުގެ ފުރުސަތު ދެއްވުމެވެ. އެއްގޮތަކީ ކަލާ އަޅުގަނޑުގެ ކޮއްކޮއާއެކު މިގެއަށް ވަޑައިގެންނެވުމެވެ. ނުވަތަ މިއަދު ހަވީރު ކަލާގެ އަރިހަށް ހާޒިރުވުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވުމެވެ. އަޅުގަނޑު އުއްމީދުކުރަނީ إدريـس އަށް ކުރިމަތިވާ މުސީބާތެއްގެ ސަބަބެއްކަމުގައި ކަލާ ވެވަޑައިނުގަންނަވާނެ ކަމުގައެވެ."
ކަލާގެ ނިކަމެތި ޚާދިމު
زيـــاد
سعد އެ ސިޓީ ވިދާޅުވުމަށްފަހު އިރުކޮޅެއްވަންދެން އެއްވެސް ހިއްސެއް ޙަރަކާތެއްނެތި އިންނެވިއެވެ. حسن އިންނެވީ ވިސްނުންތެރިކަމާއެކު سعد ގެ މޫނުފުޅަށް ބައްލަވާށެވެ. سعد ގެ މޫނުފުޅުމަތީން ބައެއްފަހަރަށް ކޯފާގެ އަސަރު ފާޅުވަމުން ދިޔައެވެ. ބައެއްފަހަރަށް ފިކުރުފުޅު ކުރެއްވުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ސިޑިމަތީން މީހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަންނަވާހެން ހީފުޅުވެގެން حسن ބޭރު ބައްލަވައިލެއްވިއެވެ. އެއަށްފަހު އޭނާގެ ބޭބެއާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އޭނާ މައްޗަށް އެބަވަޑައިގަންނަވާ!"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު