ޚަބަރު

ބިއްލޫރިތަކުގެ ދަށުވި މީހާގެ އެތެރެހައްޓަށް ލޭ ފައިބަނީ، ހިނގޭނެކަން ވެސް ޔަގީންވާނީ އޮޕަރޭޝަނަކަށް ފަހު: އާއިލާ

ރިފާ ހަލީލު

4

އެމްޕީއެލް ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގިި ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ދިޔަ ހާދިސާގައި ތާށިވި މީހާގެ ހާލު ރަނގަޅު ނޫން ކަމަށާއި އަލުން ހިނގޭނެކަން ވެސް މުޅީން ކަށަވަރު ވާނީ އޮޕަރޭޝަންތަކަކަށް ފަހުގައި ކަމަށް އާއިލާއިން ބުނެފި އެވެ.

ކޮންޓެއިނާއަކުން ބިއްލޫރި ޝީޓްތަކެއް ހުސްކުރުމަށް މަސައްކަތް ކުރަނިކޮށް ދިމާވި މިހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރެއިން އެކެއްގެ ދެ ފައި ބިނދި އިތުރު އަނިޔާ ލިބިފައިވާއިރު އޭނާ ވަނީ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ނަމަވެސް އަނެކަކަށް އަންނަނީ އަދިވެސް ހޮސްޕިޓަކުގައި ފަރުވާދެމުންނެވެ.

މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ނ. ލަންދޫ، ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް (27އ) އެވެ.

އާއިލާއިން "ވަން" އާ ވާހަކަ ދެއްކި އާސިމްގެ ބޮޑުދައިތަ ފަރީދާ އުމަރު ބުނީ، އެމްޕީއެލްއިން އާސިމްގެ ހާލު ރަނގަޅުކަމަށް ބުނި ނަމަވެސް އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ.

ފަރީދާ ބުނީ، ބިއްލޫރިތައް ދަށުގައި އާސިމް ތާށިވެފައި ގިނައިރުތަކެއް ވުމުގެ ސަބަބުން އޭނާގެ ހުންްކޮށި ފަޅައިގެން ގޮސް ހަށިގަނޑުގެ އެތެރެއަށް ގިނަ އަދަދަކަށް ލޭއެޅިފައިވާ ކަމަށާއި ލޭ ފޭބުން އަދިވެސް ނުހުއްޓޭ ކަމަށެވެ. އަތުގެ އުޅަބޮއްޓާއި ކުޑަހުޅާއި، އުކުޅުވަޅު ބިންދައިގެން ގޮސްފައިވާ ކަމަށާއި މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އޭނާ އަށް ހިނގޭނެ ކަންވެސް އެނގޭނީ ހަށިގަނޑު ތެރެޔަށް ލޭ އެޅުން ކޮންޓްރޯލްވެ އޮޕަރޭޝަން ކުރުމުން ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

"އެމްޕީއެލް އިން ބުނަނީ ކޮއްކޮގެ ހާލު ރަނގަޅުކަމަށް. އެކަމަކު އެ އޮތީ އެކުއްޖާ (އާސިމް) އޮތް ހާލު. ހުންކޮށި ފަޅައިގެންގޮސް އެތެރެހައްޓަށް ލޭ އެޅެމުން އެދަނީ. އަދިވެސް އެކަން ނުހުއްޓޭ. މައިބަދައަށްވެސް ބޮޑެތި ގެއްލުންވެފަ އެހުރީ. ހިނގޭނެއޭ ވެސް ބުނެވޭނީ ސާޖަރީ އަށްފަހު. އެކަމަކު ސާޖަރީކުރެވޭނީވެސް އެތެރެއަށް ލޭ އެޅުން ހުއްޓިގެން." އާސިމްގެ ބޮޑުދައިތަ އަސަރާއެކު ވަން އަށް ކިޔައިދިނެވެ.

ފަރީދާ ބުނީ އެމްޕީއެލް އިން އެހީތެރިކަން ދޭނެ ވާހަކަ ބުނެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް އެހީތެރިކަމެއް ދީފައި ނުވާ ކަމަށެވެ. އާއިލާއަކީ ތަނަވަސް އާއިލާއެއް ނޫން ކަމަށާއި އާސިމް އަކީ އެ އާއިލާގެ އެންމެ ބޮޑު ފިރިހެން ކުއްޖާ ކަމަށްވެސް ބުންޏެވެ.

"އާސިމް އަކީ އަޅުގަނޑުގެ ދައްތަގެ އެންމެ ބޮޑު ފިރިހެން ދަރިފުޅު. ދެން ތިބޭނީ ކުޑަ ކުޑަ ކުދިން. އޭނާގެ ބައްޕަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އެދަނީ. އާސިމްގެ މަންމައަށް ލިބޭ އެއްޗަކުންނާއި އާސިމަށް ލިބެ އެއްޗަކުން ގޭތެރޭގަ ކަންކަން ބަލަމުން ދިޔައީ. މިހާދިސާގަވެސް އެމްޕީއެލްގެ އިހުމާލު އެބައޮތް ހަގީގަތުގަ. އެހެންވީމަ އާސިމް އަށް އަވަހަށް ރަނގަޅު ފަރުވާއެއް ދިނުމަށް އާއިލާއަށް ފައިސާގެ އެހީ ދިނުންވެސް އެންމެ ރަނގަޅެއްނު. އަދި މިހާތަނަށް އެއްވެސް އެހީއެއް ނުލިބޭ.." އޭނާ ބުންޏެވެ.

ފަަރީދާ އިތުރަށް ބުނީ ރޭ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެރަށަށް ވަޑައިގަތުމުން އޭނާއާ ބައްދަލު ކުރެއްވި ކަމަށާއި އަދި ރަނގަޅު ޑޮކްޓަރުންގެ އެހީތެރިކަމަށް އާއިލާއިން އެދުނު ކަމަށެވެ. އޭގެ ފަހުން މިނިސްޓަރު އެކަން ގާތުން ބައްލަވާނެ ކަމަށް ވިދާޅުވި ކަމަށާއި މިހާރު އާސިމްގެ ފަރުވާގެ ކަންކަންވެސް ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޒަވާޖީ ހަޔާތެއް ފެށި އާސިމްގެ އަންހެނުން މިވަގުތު ހުރީ އިންޑިއާގައި ކަމަށާއި މިހާދިސާއަށްފަހު ރާއްޖެ އައުމަށް ކޮވިޑަށް ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާތީ އާދެވޭ ގޮތް ނުވާ ކަަމަށްވެސް ފަރީދާ ބުންޏެވެ.

އާސިމް މީގެ ކުރިން ފިހާރައެއްގައި މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކޮވިޑުގެ ސަބަބުން ވަޒީފަ ގެއްލުނު ކަމަށް ފަރީދާ ބުންޏެވެ. ދެން އެއަށްފަހު އެމްޕީއެލްގެ މަޖޫރީއަކަށް އޭނާ މަސައްކަތް ކުރާތާ އަދި ވީ ދެ ހަފްތާ ކަމަށްވެސް އޭނާ ބުންޏެވެ.

އެމްޕީއެލްގައި ހިނގި މިހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް އެތަނުގެ އިސްވެރިން ވަނީ ވިދާޅުވެފަ އެވެ. މިހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން އެކަކު ސަލާމަތް ކުރީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކޮންޓެއިނާ ކަފާލައިގެންނެވެ.