ޚަބަރު

މަގުމަތިން ހުއްޓުވާ ކޮންމެ ތިން މީހަކުން އެކަކަކީ ގަވައިދާ ހިލާފަށް އުޅޭ މީހެއް: ފުލުހުން

އަލީ ޔާމިން

1

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި މަގުމަތިން ހުއްޓުވާ ކޮންމެ ތިން މީހަކުން އެކަކަކީ ގަވައިދާ ހިލާފަށް އުޅޭ މީހެއްކަމަށް ފުލުހުން ބުނެފިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ގުޅިގެން އިއްޔެ ފެށި "ރައްކާ ރޯޑް ސޭފްޓީ ރަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާނު ޔޫސުފް ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް މާލޭ ސަރަހައްދުގައި މަގުތަކުގައި ހާހެއްހައި އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.

މަންނާނު ވިދާޅުވީ، މަގުމަތީގައި ގަވައިދާ ހިލާފަށް އުޅޭމީހުންގެ ސަބަބުން ގަވައިދާއި އެއްގޮތަށް އުޅޭ މީހުންނަނަށްވެސް އެކަމުގެ ގެއްލުންވަމުންދާ ކަމަށެވެ.

"މިއަދުގެ ސްޓެޓިސްޓިކަށް ބަލާލައިފިއްޔާ ފުލުހުން ހުއްޓުވާ ކޮންމެ ތިން މީހަކުން އެކަކީ ޓްރެފިކް ގަވާއިދާ ހިލާފަށް އުޅޭ މީހެއް. ވަރަށް ކަންބޮޑުވާ ދަރަޖައެއްގައި އޮތްކަމެއްމީ. އެއްގޮތަކުންވިއްޔާ އަތުގައި ލައިސަންސެއް ނޯވޭ. ލައިސަންސް އޮތިއްޔާ ހުއްދަކުރާ ކެޓަގަރީގެ އެއްޗެއް ނޫން ދުއްވަނީ. ނޫނިއްޔާ ގަވާއިދާ އެއްގޮތަށް ހުރި ސައިކަލެއް ނޫނީ ވެހިކަލެއްގައެއް ނޫން އުޅޭނީ." މަންނާން ވިދާޅުވިއެވެ.

ރައްކާ ރޯޑް ޝޯގައި ހިމެނޭ ފުރަތަމަ ހަރަކާތުގެ ގޮތުގައި އިއްޔެ ބޭއްވި ރައްކާ ރޯޑް ސޭފްޓީ ރަންގައި 800 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

"ރައްކާ ރޯޑް ސޭފްޓީ ރަން" ނަމުގައި މި ފެށި ރަން މިމަހުގެ 16 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މި ދުވުން ކުރިއަށް ދާނީ 2018އިން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭ ގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.