މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމު އަދާކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ދަރިވަރުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

އެކެޑަމިކް ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެއެވެ. ކޮވިޑާ ގުޅިގެން ވަކި ގްރޭޑުތަކަކަށް ކިޔަވައިދެމުން ދިޔަ ނަމަވެސް، އަންނަ އާދީއްތަ ދުވަހު ކިޔެވުން ފަށާނީ ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށެވެ.

މިއަދުގެ ހުތުބާގައި ދަރިވަރުންނަށް ވަނީ ގިނަ ނަސޭހަތްތަކެއް ދީފައެވެ. އެގޮތުން މި ފެށޭ ޓާމުގައި އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތްކުރުމަށް އަޒުމު ކަނޑައެޅުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

"އިތުރު ހަރަކާތްތަކުން ތިޔަކުދީންގެ މުޅި މާހައުލަށް ދިރުން ގެނެސްދޭށެވެ! އަމަލީ މައިދާނަށް ނުކުންނާށެވެ! ފޮނު ނަތީޖާ ތިޔަކުދިންނަށް ނެރެވޭނީ ހުރިހާ ކަމެއްގައި މަދަރުސާއާއެކު އެއްބާރުލުން ދީގެންނެވެ. މަދަރުސާގެ ގަވާއިދުތަކަށް ބޯލަނބައިގެންނެވެ. މަދަރުސާގެ މުދަލާއި ތަކެއްޗަށް، ވަކީން ހާއްސަކޮށް ކުތުބުހާނާގެ ފޮތްތަކަށާއި ލެބޯޓަރީގެ ސާމާނުތަކަށް ރައްކާތެރިވެގެންނެވެ. ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ހިފައިގެންނެވެ. ތިޔަކުދިންގެ ލޮބުވެތި މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމް އަދާކޮށްގެންނެވެ. މުދައްރިސުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮމަގަށް ތިޔަކުދިންނަށް އަލިކޮށްދޭ ވޮށްތަކެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މުދައްރިސުން އެވަނީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެފައި ކަމަށާއި މުދައްރިސުން އެކުރާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ. އަދި މައިންބަފައިންނާއި ދައުލަތުން ކުރާ ހޭދަ އާއި ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވެސް ހުތުބާގައި ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.

"ތިޔަކުދިން އުނގެނޭ އިލްމުގެ ނޫރުން ﷲ ގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދައިދޭށެވެ! ތިޔަކުދިން އުނގެނުނު އިލްމާއި، ރިވެތި އަހުލާގާއި، ހުނަރުން އިސްލާމްދީނަށާއި ވަތަނަށްޓަކައި ގުރުބާންވާން ކެރޭ ދަރިންތަކަކަށްވުމަށް ތިޔަކުދިންގެ ނަފްސުތައް ތައްޔާރުކުރާށެވެ! އިސްލާމްދީނާއި ދިވެހި ގައުމުދެކެ ލޯބިވާ ނިޔަނެތި ދަރިންނަށް ވާށެވެ!..،" ހުތުބާގައި ބުނެފައިވެއެވެ.

ދަރިން ތަރުބިއްޔަތުކޮށް، އިސްލާމްދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި މުދައްރިސުންގެ ދައުރު ބޮޑުކަން ފާހަގަކޮށް، މުދައްރިސުންނަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުނީ ދަރިވަރުންނަށް ފުރިހަމަ ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށެވެ.

"ތިޔަ އިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ ތިޔަ އެދުރުންގެ މައްޗަށްކަން ހަނދުމަފުޅު ބަހައްޓަވާށެވެ! އެކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ ތިޔަ އެދުރުން އެކުދިންނަށް ރަނގަޅު ކަމުގައި ދެއްކެވި އެއްޗެކެވެ. އަދި އެކުދިން ހުތުރުކަމުގައި ދެކޭނީ ތިޔަ އެދުރުން އެގޮތަށް ދެކެވަޑައިގަންނަވާ އެއްޗެކެވެ. ވީމާ އެކުދިންނަކީ އިސްލާމްދީން ދެކެ ލޯބިވާ، އެދީނަށް ހުރުމަތްތެރިކޮށް ހިޔާ ބަޔަކަށް ހަދާށެވެ!..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ވޭތުވެދިޔަ އަހަރު މުޅި ދުނިޔެ ތަހައްމަލު ކުރަމުންދިޔަ ވަބާއީ ބަލިމަޑުކަމުގެ ހާލަތު އަދިވެސް ހަމަޔަކަށް އެޅިފައިނުވާތީ ދަރިވަރުންނާއި ބެލެނިވެރިން، ސާފުތާހިރުކަމާއި ގައިދުރުކަމާއި މާސްކު އެޅުމާއި ސިއްހީ ދާއިރާއިން އަންގާ އެންގުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސަމާލުވާންވާނެ ކަމަށެވެ. އަދި ބެލެނިވެރިން އެމީހުންގެ ދަރިން ސްކޫލަށް ފޮނުވަނީ ސްކޫލުތަކުގެ ވެރިންނާއި މުދައްރިސުންނަށް ފުރިހަމައަށް އިތުބާރުކޮށްފައި ކަމަށާއި އެހެންކަމުން ދަރިވަރުންގެ އުނގެނުމާއި އަހުލާގާއި ރައްކާތެރިކަމަށް މުދައްރިސުން އިހުނަށްވުރެ ބޮޑަށް މިއަދު ސަމާލުކަން ދޭންވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.