ކަރިމް ބެންޒެމާ

ބެންޒެމާގެ ބްލެކްމެއިލް މައްސަލަ ބަލަނީ

އޮރިޔާން ކާޑު ބޭނުންކޮށްގެން، މެތިއު ވަލުބުއޭނާއަށް ބިރު ދައްކައި، ފައިސާ ހޯދަން އުޅުނު ކަމަށް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ބަލަން ނިންމައިފިއެވެ.

އަންހެނަކާއި ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި، ފައިސާ ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ބެންޒެމާއަށް ކުރީ 2015 ވަނަ އަހަރުއެވެ. އޭރު ވަރަށް ގަދަޔަށް އެ ވާހަކަތައް ދެކެވި ބެންޒެމާ ފްރާންސް ގައުމީ ޓީމުން ބާކީކުރި ނަަމަވެސް ރަސްމީ ހައިސިއްޔަތަކުން މައްސަލަ ބަލައިފައެއް ނުވެއެވެ. އެކަމަކު އިއްޔެ ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނީ ވަރަށް އަވަހަށް ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމަށެވެ.

ފްރާންސް ގައުމީ ޓީމަށް އޭރު ކުޅުނު ދެކުޅުންތެރިން ކަމަށްވާ ވަލުބުއޭނާއާއި ބެންޒެމާގެ މައްސަލަ އޭރުވެސް ހޫނުވެގެން ދިޔަ އިރު، ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މައްސަލައިގެ ތުހުމަތު ކޮށްފައިވެއެވެ.

މައްސަލަ ބަލަން ފެށުމާ ގުޅިގެން ބެންޒެމާ ބުނީ ސައްހަ ނޫން ގޮތްގޮތުން މައްސަލައެއް އުފައްދައި، އެފަދަ ކަމެއްގެ ތެރެއަށް އޭނާ ގެންދަން މަސައްކަތް ނުކުރުމަށް އެދޭ ކަމަށެވެ. އަދި މިވަގުތުގައި މައްސަލަ ނަގައި ބަލަން މަސައްކަތް ކުރަނީ އިތުރު ޑްރާމާތަކެއް ކުޅެން ކަމަށްވެސް ބެންޒެމާ ބުންޏެވެ.

ބެންޒެމާގެ ވަކީލު ބުނެފައިވަނީ މައްސަލަ ބަލާނެކަން ކުރިންވެސް އެނގޭ ނަމަވެސް، މިވަގުތު އެ މައްސަލަ ބަލަން މަސައްކަތް ކުރަނީ ބެންޒެމާގެ ފޯކަސް ގެއްލުވާލުމަށް ކަމަށެވެ.

މިވަގުތުވެސް ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ ވަނީ 2009 ވަނަ އަހަރު ރެއާލްއާ ގުޅުނު ފަހުން 261 ގޯލް ޖަހައިފައެވެ. ބްލެކްމެއިލްގެ މައްސަލަތަކުގެ ތެރެއިން ގައުމީ ޓީމުން ބޭރުކުރި ނަމަވެސް ކްލަބު ލެވެލްގައި ބެންޒެމާ ފާހަގަކޮށްލެވެނީ އެންމެ ފޯމު ރަނގަޅު އެއް ފޯވަޑުގެ ގޮތުގައެވެ.