މުނިފޫހިފިލުވުން

ކިމް ކާޑޭޝަން އާއި ކެންޔޭ ވަރިވަނީ، ސަބަބަކީ ކޮބާ؟

އެމެރިކާގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ކިމް ކާޑޭޝަނާއި ކެންޔޭ ވެސްޓްގެ ހަތް އަހަރު ވީ ކައިވެނި ރޫޅައިލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓު ކުރަމުންނެވެ. ކިމް އާއި ކެންޔޭ ވަރިވާން އުޅޭ ކަމުގެ އަޑުތައް މީގެ ކުރީން އެކި ފަހަރު މަތީން އަރާފައިވީ ނަމަވެސް، މި ފަހަރު އެކަން ހަގީގަތަކަށް ވާނެ ކަމަށް އެ ދެތަރީންގެ ގާތް މީހުންނާ ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ސީ އެންއެން އިން ވަނީ މި ކަމާ ގުޅޭ ބައެއް މައުލޫމާތު ކިމްގެ ގާތް ދެމީހަކާ ހަވާލާދީ ގެނެސްދީފަ އެވެ.

އޭގެ ތެރެއިން އެކަކު ބުނެފައިވާ ގޮތުގައި، އެ ދެމަފިރީން ވަކީން ދިރިއުޅޭތާ މަސްތަކެއް ވެއްޖެ އެވެ. އެ ގޮތުން ކެންޔޭ އޭނާގެ ގޭގައި ދިރިއުޅެމުން އަންނަ އިރު، ކިމް ދިރިއުޅެމުން އަންނަނީ ކުދީން ގޮވައިގެން ކެލިފޯނިއާގަ އެވެ.

"މިދިޔަ މަސްތަކުގައި އެ ދެމީހުން އުޅެމުން އަންނަނީ ވަކީން. އެ ދެމީހުން އަންނަނީ ވަރިވުމާ ގުޅޭ ގޮތުން މަޝްވަރާތައް ވެސް ކުރަމުން، އެކަން އޮތީ މޭޒުމަތީގައި." ސީއެންއެންއާ ވާހަކަ ދެއްކި ކިމްގެ ގާތް އެކަކު ބުނެފައި ވެއެވެ.

ސީއެންއެންއާ ވާހަކަ ދެއްކި ކިމްގެ ގާތް މީހަކު ބުނެފައިވާ ގޮތުގައި ވަރީގެ މައްސަލަ ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެތައް ފަހަރަކު ތިލަ ވެފަ އެވެ. އެހެން ނަމަވެސް އެކަން ކުރިޔަށް ގޮސްފައި ނުވަނީ ކިމް ބޭނުން ނުވެގެން ކަމަށެވެ. އެކަން ބޮޑަށް ހުއްޓެނީ ދަރީންނާ ހިސާބުން ކަމަށާއި، ދަރީންގެ ކަންކަމުގައި ދެމީހުންވެސް ވަރަށް ވިސްނާ ކަމަށް ބުނެފައި ވެއެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ކިމް މިހާރު ވަނީ ވަރީގެ ކަންކަން ކުރިޔަށް ގެންދިއުމަށް ޓަކައި ގާނޫނީ ވަކީލަކުވެސް ހަމަޖައްސައިފަ އެވެ.

މި ދެމަފިރީން ވަރިވާން ނިންމި ސީދާ ސަބަބެއް އެނގިފައި ނުވާއިރު، އެ ދެމީހުންގެ ގާތް މީހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ އެ މައްސަލަތައް ރިޕޯޓުކޮށްފަ އެވެ. އެ ގޮތުން މިދިޔަ ޑިސެމްބަރު މަހު ދެމީހުންގެ މެދުގައި ބޮޑު "ފައިޓެއް" ހިނގި ކަމަށާއި އެކަމުން އަދި އަދަށް ދާންވެސް އަރައިގަނެވިފައި ނުވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

"ޑިސެމްބަރު ކުރީކޮޅު ވަރަށް ބޮޑު ފައިޓެއް ހިނގި. އެ ފައިޓުގަ ކެންޔޭ ވަނީ ކިމް އަށް ވަރަށް ގަދަޔަށް "ފޮޅާލާފައި". އެކަމާ ކިމް ވަރަށް ދެރަވި، އެ ކަމުން އަދިވެސް އަރައިނުގަނެވޭ." ކިމްގެ ގާތް މީހަކާ ހަވާލާދީ މީޑިއާއަކުން ރިޕޯޓުކޮށްފައި ވެއެވެ.

އެހެން މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިމް އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި މިދިޔަ ޖުލައި މަހު ބޭއްވި އެއްވުމެއްގައި ކެންޔޭ ދެއްކި ވާހަކައަކުންނެވެ. އެ ރެލީގައި ކެންޔޭ ބުނެފައިވާ ގޮތުގައި ކިމް އާއި އޭނާގެ ފުރަތަމަ ދަރިފުޅު އެބޯޓުކުރަން އެދެމީހުން ވިސްނިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ވަރިވާން ކިމް ނިންމި ސަބަބުތަކުގެ ތެރޭގައި ނަފުސާނީ މައްސަލަތަކަށް ފަރުވާ ހޯދަން ކެންޔޭ ދެކޮޅު ހެދުން ވެސް ހިމެނެއެވެ. ކެންޔޭގެ އުޅުމަށް އައިސްފައިވާ ބަދަލުތަކާއި އަމަލުތައް ހުންނަ ގޮތުން އޭނާއަށް ހާއްސަ ފަރުވާ ދިނުމަށް ކިމް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް ކެންޔޭ އެކަމަށް ދިނީ ބީރު ކަންފަތެއް ކަމަށްވެސް މީޑިއާތަކުން ބުނެ އެވެ.

"ހަގީގަތުގައި އެ ދެމީހުންގެ ގުޅުމަށް ނިމުން އައިތާ ކިތަންމެ ދުވަހެއް. ދުނިޔޭގެ ކުރިމަތީގައި ރަސްމީކޮށް އެކަން ނިންމުމުގެ އެންމެ ފަހު މަރުހަލާ މިހާރު އެދަނީ. ދެން އެ ދެމީހުން ނޯމަލްއެއް ނުވާނެ." ދެމަފިރީންގެ ގާތް މީހަކާ ހަވާލާދީ މީޑިއާއެއްގައި ރިޕޯޓުކޮށްފައި ވެއެވެ.