ކުޅިވަރު

މެސީގެ ދެ ގޯލް، ބާސާ ތިން ވަނައަށް

މުޙައްމަދު ޝަމްޢޫން

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް، ބާސެލޯނާ ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ރޭ ރަށުން ބޭރުގައި ބާސާއިން ކުޅުނު މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، އެޓީމުން ތާވަލުގެ ތިންވަނައަށް ޖެހިލީ 17 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން 36 ޕޮއިންޓް ލިބިފައި އޮތްއިރު، އެތުލެޓިކޯ މެޑްރިޑް އެއްވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓާ އެކުގައެވެ.

ބާސާއިން މި ސީޒަން ދަށްކޮށް ފެށި ނަމަވެސް، މިހާރު ވަނީ ފޯމް ރަނގަޅު ކޮށްފައެވެ. އެތެރޭގެ ބޮޑެތި ސިޔާސީ ކޯޅުންތަކާއެކު ޓީމުގެ ރޫހަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވަނިކޮށް އެޓީމުން ނަތީޖާތައް ނެރެން ފެށީ ޗެމްޕިއަންސް ލީގުގައި މިދިޔަ މަހު ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް އަތުން ބަލިވި މެޗަށްފަހުއެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ޔުވެންޓަސް އަތުން ބާސާ ހުތުރު ގޮތަކަށް ބަލިވި ފަހުން، ލީގުގައި ކުޅުނު ހަތް މެޗުގައިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ފަސް މޮޅާއެކު އެޓީމު އެއްވަރު ވީ ދެ މެޗުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ބިލްބާއޯއިންނެވެ. އިނާކީ ވިލިއަމްސްގެ ލީޑު ނެގިތާ މާ ގިނައިރެއް ނުވެ ބާސާގެ ޒުވާން ތަރި ޕެޑްރީ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ނަތީޖާ ހަމަހަމަ ކޮށް، ބާސާއިން ލީޑު ނެގުމާ ގާތަށް ދެތިން ފަހަރަކު ޖެހިލިއެވެ. މެސީގެ ދެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، އޭނާ ފުރަތަމަ ގޯލް ޖެހީ ޕެޑްރީއާއެކު ރީތި ވަން ޓޫ ޕާހެއް ޖަހާލައިގެންނެވެ. މެސީގެ ދެވަނަ ގޯލަކީ ބާރު ހަމަލާއެކެވެ. އެ ގޯލާއެކު ނަތީޖާ 3-1 އަކަށް ބަދަލުކޮށް ބާސާއިން ހަމަ ޖެހިލި ނަމަވެސް، މެސީގެ ފަރާތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި، އީކާ މުނިއަނިން ވަނީ ބިލްބާއޯއަށް އިތުރު ގޯލެއް ޖަހައިދީފައެވެ.

އިތުރު ގޯލެއް ބިލްބާއޯއިން ޖެހި ނަމަވެސް ބާސާއިން މެޗު ނިންމައިލީ ކޮންޓްރޯލްކޮށް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންނެވެ.