ކުންފުންޏަށް ގެއްލުންވާ ވަރުގެ ބޮޑު އަގުގައި މަސްވެރީން އަތުން މަސް ގަތުމަށް ޓަކައި، ސަރުކާރުން އެއްވެސް ސަބްސިޑީއެއް ދޭ ނަމަ، އެންމެ ރަނގަޅު ގޮތަކީ އެ ސަބްސިޑީ މަސް ގަންނަ ހުރިހާ ކުންފުނިތަކަށް ވެސް ލިބޭ ގޮތަށް އޮތުން ކަމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު، އަދި ރާއްޖޭގެ އިގްތިސޯދު ދިރާސާ ކުރައްވާ އާތިފް ޝުކޫރު ވިދާޅުވެއްޖެ އެވެ.

"ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާތިފް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރީން އަތުން ބައެއް ފަހަރު މަސް ގަންނަނީ އެ ކުންފުންޏަށް އެ މަސް ވިއްކޭ އަގަށްވުރެ ވެސް ބޮޑު އަގުގައި ކަމަށާއި އެހެން އެކަން ކުރަނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ ވަކި އަގުތަކެއްގައި މެނުވީ މަސްވެރީން އަތުން މަސް ނުގަނެވޭތީ ކަމަށެވެ. ވިއްކޭ އަގަށްވުރެ ބޮޑު އަގުގައި މަސްވެރީން އަތުން މަސް ގަތުމުން ކުންފުންޏަށް އެ ލިބޭ ގެއްލުން ފޫބައްދަނީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ކަމަށާއި މިހާރު އެކަން ކުރަމުން އަންނަ ގޮތް އެންމެ ރަނގަޅު ނޫން ކަމަށް އާތިފް ވިދާޅުވި އެވެ. އެ ގޮތުން މިހާރު އެ ލިބޭ ގެއްލުން ފޫބައްދަން މިފްކޯއަށް ޖެހެނީ ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ ފަދަ ތަންތަނުން ލޯނު ނަގަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށެވެ.

"ހަމަ އެކަނި މިފްކޯއަށް ސަބްސިޑީ ދިނަސް މަސްވެރީން ބާނާ ހުރިހާ މަހެއް ނުވެސް ގަނެވޭނެ. އެވަރު ކެޕޭސިޓީއެއް ނެތް. ވަކި އަގެއްގައި މަސްވެރީން އަތުން މަސް ގަންނަން ބޭނުންވާ ނަމަ، އެންމެ ރަނގަޅު ގޮތަކީ ސަބްސިޑީގެ ގޮތުގައި ދޭން އެ ޖެހޭ އަދަދު ބަޖެޓުގައި ޖެހުން. އަދި މަސް ގަންނަ ހުރިހާ ކުންފުންޏަކަށް ވެސް އެ ސަބްސިޑީ ލިބޭ ގޮތަށް އޮތުން. އޭރުން ހުރިހާ ކުންފުންޏަކުން ވެސް އެ އަގުގައި މަސް ގަންނާނެ، އަދި މަސް ނުކިރި ކިޔުގައި ތިބޭން ޖެހޭ މިންވަރުވެސް ކުޑަވާނެ." އާތިފް ވިދާޅުވި އެވެ.

އާތިފް އިތުރަށް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާއަތްތަކަށް ސަބްސިޑީ ދީގެން އެ ސިނާއަތްތައް ކުރިއަރުވަން މަސައްކަތް ކުރުމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ސަރަހައްދުތަކުގައި ވެސް ކުރާކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން އެ ފަރާތްތަކުން ކުރަނީ އެކަމަށް ކަނޑައަޅާ ވަކި އަދަދެއް ބަޖެޓުގައި ހިމަނައިގެން ކަމަށެވެ.

މިފްކޯގެ ހާލަތު މިހާ ބޮޑަށް ގޯސް ވެފައި މި ވަނީ ގިނަ އަހަރުތަކެއް ވާންދެން އެ ތަނަށް އިންވެސްޓް ނުކޮށް އޮތުމުން ކަމަށް އެ ކުންފުނީން ވަނީ ބުނެފަ އެވެ. އަދި އެ ކުންފުނީގެ ތާރީހުގައި ކުރާ އެންމެ ބޮޑު އިންވެސްޓްމެންޓާ އެކު ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރީންގެ ގިނަ ޝަކުވާ ތަކަކަށް ހައްލު ހޯދައިދެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ދާދި ފަހުން ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ.