"އާރުވެރި" މެޗިންގް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިވެހި ސަރުކާރުން ހުޅުވާލައިފިއެވެ.
މި ގްރާންޓް ޕްރޮގްރާމަކީ ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއިން ކުރިއަށްގެންދާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް ޕްރޮޖެކްޓް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ހިމެނޭ ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާއަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ހިމެނޭ ފުރަތަމަ ދާއިރާއަކީ މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށް ފަރުމާކޮށްފައިވާ "ފިޝިން ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް" އެވެ. ދެވަނަ ދާއިރާ ކަމަށްވާ "ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް" ހާއްސަކޮށްފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމްރާނީ ތަރައްގީއަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިންގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ނިޒާމުތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށެވެ.
މީގެ އިތުރުން، މެރިކަލްޗާ ދާއިރާއިން އަލަށް ފަށައިގަންނަ ފަރާތްތަކާއި މިހާރުވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްގީކުރުމަށް "މެރިކަލްޗާ ޑިވެލޮޕްމަންޓް ގްރާންޓް" ވަނީ ހުޅުވާލައިފައެވެ. ހަތަރުވަނަ ދާއިރާއަކީ މަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް ބާރުވެރިކޮށްދޭ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދޫކުރާ "ޕްރޮސެސާސް ޑިވެލޮޕްމަންޓް ގްރާންޓް" އެވެ. އަދި ފަސްވަނަ ދާއިރާ ކަމަށްވާ "އެސްއެމްއީ ޑިވެލޮޕްމަންޓް ގްރާންޓް" ފަރުމާކޮށްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމާއި ސިންދަފާތުކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށްވާ އިރު، މި ދާއިރާއިން އަންހެނުންނާއި ޒުވާނުންގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 278 މިލިއަން ރުފިޔާ (18 މިލިއަން ޑޮލަރު) ގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ސްކީމްގެ ދަށުން، އެއް މިލިއަން ރުފިޔާއިން ފެށިގެން 30 މިލިއަން ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދެއެވެ. އަދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނެއެވެ. ހަމައެއާއެކު، ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މި ސްކީމްގެ އަމާޒެކެވެ.
މި ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް "އާރުވެރި" ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގްރާންޓަށް ކުރިމަތިލުމުގެ ގާބިލުކަން ސާބިތުކޮށްދިނުމަށްޓަކައި ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ކަމަށްވާ އިރު، އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމައަށް ހުށަހަޅާފައި ނުވާނަމަ އެ އެޕްލިކޭޝަނެއް ބާތިލުކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ކޮމެންޓް