ރެފްރިޖަރޭޓެޑް ސީ ވޯޓާ (އާރްއެސްޑަބްލިޔު) ފައިނޭންސިން ފެސިލިޓީގެ ލިމިޓް އެއްވެސް ރަހުނަކާ ނުލައި ހަތަރު މިލިއަން ރުފިޔާއާ ހަމައަށް ބޮޑުކޮށް، އުޅަނދުތަކުގައި އިންޖީނު އެޅުމަށްވެސް ފައިނޭންސް ދޫކުރާ ގޮތަށް އެސްއެމްއީ ޑިޖިޓަލުން ހަމަޖައްސައިފިއެވެ.

އެސްއެމްއީ ޑިޖިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.

މި ފެސިލިޓީގެ ދަށުން މިހާތަނަށް ފައިނޭންސް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށްވެސް ލުއި ގޮތެއްގައި ފައިނޭންސް ލިބޭނެއެވެ. މި ސްކީމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، މިނިސްޓްރީ އޮފް ފިނޭންސާއި، ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން އެސްއެމްއީ ޑިޖިޓަލުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ރަހުނަކާ ނުލައި ހަތަރު މިލިއަން ރުފިޔާއާ ހަމައަށް މި ފެސިލިޓީން ފައިސާ ދޫކުރަނީ އަހަރަކު ހަ ޕަސެންޓްގެ ފައިދާ ރޭޓެއްގައެވެ. ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭ އިރު، އޭގެ ތެރޭގައި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. އެސްއެމްއީ ޑިޖިޓަލުން ބުނި ގޮތުގައި، މި ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމެވެ.

މި މަޝްރޫއާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށްދާ ބޮޑު ހަރަދު ކަމަށެވެ. އެހެންކަމުން ދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމްތައް ގާއިމުކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހޭދަ ސަލާމަތްވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ބަދަލާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަރަކާތްތެރިވާ އޮޑިވެރިންނާއި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.

"އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިން އެހީއާއެކު މަސްވެރިން ބާނާ މަސް، ތާޒާކަންމަތީ ބެހެއްޓުމަށް އެންމެ ޒަމާނީ ވަސީލަތް އޮޑީގައި ގާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެ. މި ފައިނޭންސިން އަކީ މަސްވެރިކަމަކީ ދެކޮޅުޖެހޭ މަސައްކަތެއްގެ ގޮތުގައި ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން މަސްވެރިކަމުން އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވެލިއު އެޑެޑް ޕްރޮޑަކްޓްތަކެއް އުފެއްދުމަށް އެހީތެރިވެދޭނެ. އަދި މިކަމުގެ ފައިދާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް، ވިޔަފާރިތަކަށާއި ރަށުގެ އިގުތިސާދަށް ހެޔޮ ގޮތުގައި ކުރާނެ،" ބަދުރުއްދީން ވިދާޅުވިއެވެ.

އާރްއެސްޑަބްލިޔު ފައިނޭންސިންއަށް އެދި ހުށަހެޅޭނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.