އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ފައިނަލްގެ ދެވަނަ ޖާގަ ޔަގީން ކޮށްފިއެވެ.

ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެންޗެސްޓާ ޑާބީ، 2-0ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކުރިއިރު، އެޓީމުން ވެމްބްލީގެ ފައިނަލްގައި ނުކުންނަން ޖެހޭނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. މިދިޔަ ތިން އަހަރުވެސް ލީގު ކަޕް ސިޓީން ކާމިޔާބު ކޮށްފައިވާއިރު، މިއަހަރުގެ ފައިނަލް ވެގެންދާނީ 2011 ވަނަ އަހަރަށްފަހު ހޯޒޭ މޮރީނިއޯ އާއި ޕެޕް ގާޑިއޯލާގެ ފުރަތަމަ ފައިނަލަށެވެ.

އެންމެފަހުން އެ ދެކޯޗުން ފައިނަލެއްގައި ކުރިމަތިލީ 2011 ވަނަ އަހަރު ކޮޕާ ޑެލްރޭގައެވެ. އެ އަހަރު ލީގާއި ޗެމްޕިއަންސް ލީގު ނަގައިގެން ކަޕް ފައިނަލަށް ނުކުތް ބާސާ ހުއްޓުވައި، މޮރީނިއޯ ވަނީ ރެއާލްއަށް ކާމިޔާބު ހޯދައިދީފައެވެ.

ރޭގެ މެޗުގައި ގާޑިއޯލާގެ ސިޓީ ފެނުނީ މާބޮޑަށްވެސް ނުރައްކާ ކޮށެވެ. ފުރަތަމަ ހާފް ގޯލެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފުގައި ސިޓީން ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލިއެވެ. ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފައި، ޖޯން ސްޓޯންސްގެ ސިޓީއަށް ލީޑު ނަގައިދިނީ ފިލް ފޮޑަންގެ ހިލޭ ޖެހުން ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ދެވަނަ ގޯލަކީވެސް ސެޓް ޕީސްއެއްގެ އެހީގައި ސިޓީން ޖެހި ގޯލެކެވެ. ސިޓީގެ ކޯނަރު އޭރިއާ ތެރޭގައި ތިބި ޔުނައިޓެޑްގެ ދެ ކުޅުންތެރިންނަށް ސާފު ކޮށްލަން ފުރުސަތު ލިބި، އެއް ކުޅުންތެރިޔަކަށްވެސް މާ ބޮޑަށް ކުރިއަށް ފޮނުވައިލެވޭ ގޮތެއް ނުވިއެވެ. އެ ބޯޅަ އޭރިއާ ބޭރުން ފަހިވީ ފެނާންޑީނިއޯއަށެވެ. އޭނާ އެއްފަހަރާ ޖެހި ބޯޅަ ގޯލަށް ވައްދާލީ 20 ޔާޑް ބޭރުން ސީދާ ތިރީ ކަނަށެވެ.

ސިޓީން ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގު ކަޕް ކާމިޔާބު ކޮށްފިނަމަ، އެޓީމުން ލިވަޕޫލްގެ ރެކޯޑާ ހަމަކުރާނެއެވެ. ލީގު ކަޕްގެ ފައިނަލް އޮންނާނީ އޭޕްރީލް 23 ގައެވެ.