ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޕެޓްރޯލް ޝެޑު ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

އެޗްޑީސީން ބުނީ، ޒަމާނީ ފެންވަރެއްގައި ޕެޓްރޯލް ޝެޑު ހެދުމަށް ދޫކުރަން ހަމަޖައްސާފައިވަނީ ޕްލޮޓް އޭގައި އޮތް 7،327.20 އަކަފޫޓުގެ ބިމާއި ޕްލޮޓް ސީގައި އޮތް 10،178.31 އަކަފޫޓުގެ ބިމެވެ.

އޭގެ ތެރެއިން 7،327.20 އަކަފޫޓުގައި ގާއިމުކުރާ ޕެޓްރޯލް ޝެޑުގެ އިތުރުން ކާ ވޮޝްއެއް ހިމެނޭ ގޮތަށް ތަރައްގީކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި 10،178.31 އަކަފޫޓުގެ ބިމުގައި ގާއިމުކުރާ ޕެޓްރޯލް ޝެޑުގައި ފޮރޮޅު ބެއްދުން އަދި ފުރޮޅު ބަދަލުކުރުން ފަދަ ކުދި މަރާމާތު މަސައްކަތްކުރެވޭނެ ގަރާޖެއް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، އެ ދެ ޕެޓްރޯލް ޝެޑުންވެސް ސެލްފް ސާވިސްގެ ހިދުމަތާއި ފުރޮޅަށް ވައިޖެހޭނެ އިންތިޒާމު ލިބެން ޖެހޭނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޕެޓްރޯލް ޝެޑު ގާއިމުކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން އެދެއެވެ. އެ މަޝްރޫއުގެ ޕްރީބިޑް މީޓިން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.