އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުން ހުރި މައްސަލައިގައި، މަނީލޯންޑަރިން ކުރުމުގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.
މާދަމާ ކްރިމިިނަލް ކޯޓަށް ތާވަލުކޮށްފައިވާ ދެ ދައުވާއަކީ ރިޝަވަތު ގަބޫލުކުރުމުގެ ދައުވާއާއި، އެމަނިކުފާނުގެ މައްޗަށް ފަހުން ހުށަހެޅި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
އެކުއެކީގައި ކުރިއަށްގެންދާ މި ދެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ.
މި ދެ ދައުވާގެ އަޑުއެހުންތަކެއް މީގެ ކުރިންވެސް ވަނީ ބާއްވައިފައެވެ. މި ދެ މައްސަލައިގައި އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގައެވެ.
އެދުވަހުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ، ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ އެ ދެ ދައުވާގެ ބައެއް ލިޔެކިއުންތައް ރައީސް ޔާމީނަށް ނުލިބުމާއި، ރައީސް ޔާމީންގެ ވަކީލުންނާއި އެމަނިކުފާނާ ބައްދަލު ކުރުމުގައި ހުރި ދަތިތަކަކާ ބެހޭގޮތުން ހުރި ޝަކުވާތަކެއް ހައްލުކުރުމަށް ދެ ފަރާތުގެ ވާހަކަދެއްކުންތަކެކެވެ.
އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، އެއާ ނުލައި ދިފާއު ބިނާ ނުކުރެވޭ ވަރުގެ މުހިއްމު ލިޔުންތަކެއް، ލިބިފައި ނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާ ކަމަށެވެ.
އެހެންކަމުން އެދުވަހުގެ އަޑުއެހުމުގައި ގާޒީ ކުރިއަށް ގެންދަވާފައިވަނީ ލިޔެކިޔުންތއް އަޅާކިއުމުގެ ކަންތައްތަކެވެ. ނަމަވެސް އެދުވަހުގެ ޝަރީއަތް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ ދެން މި މައްސަލަތަކުގެ އަޑުއެހުންތައް އޮންނަ ދުވަހަކުން، ލިޔެކިޔުންތަކާ މެދު ވާހަކަދެއްކުމެއް ނޯންނާނެ ކަމަށާއި އޮންނާނީ ޝަރީއަތް ކުރިއަށްގެންދިއުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު