ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ނިންމައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ހުކުމް ކުރަން ހައި ކޯޓުން ތާވަލްކޮށްފި އެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ހައިކޯޓުން މިއަދު ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ޖެނުއަރީ މަހުގެ 14 ވާ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލައިގައި ހުކުމް ނުކޮށް ދިގުލައިގެންދާތީ ރައީސް ޔާމީންގެ ވަކީލުންނާއި އާއިލާއިން އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ފަހުން ބޭއްވި ޝަރިއަތުގެ މަޖިލީހުގަައި ހުލާސާ ބަޔާން ހުށަހެޅުމަށް ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ހުލާސާ ބަޔާނުގައި ޑރ. މުހައްމަދު ޖަމީލް ފާހަގަކޮށްފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، ވޮޑަމުލާގެ ކުލީގެ ފައިސާކަމަށް ބުނާ އިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔައިރު ވޮޑަމުލާއާ ބެހޭގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީންއާ ކޮށްފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުންޏަކީ، ގާނޫނާ ހިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމަށް އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ އިރު އެ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއް ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ޖަމީލު ވިދާޅުވި ގޮތުގައި، ހައިކޯޓުން މިމައްސަލަ ދަމަހައްޓައިފިނަމަ ގާނޫނާ ހިލާފަށް ތަހުގީގު ހިންގުމަށްފަހު ވެސް ދައުވާ އުފުލުމަކީ މައްސަލައެއް ނޫން ކަމުގައި އިގުރާރު ވެވިގެންދާނެއެވެ.

ރައީސް ޔާމީންގެ އިތުރު ދެ ޝަރީއަތެއް މިހާރުވެސް ދަށު ކޯޓުގައި ކުރިއަށްދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.