ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޭޕްރިލް ތިނެއްގައި ބޭއްވުމަށް ތާވަލު ކުރަން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް އޮތީ ފަސްކޮށްފަ އެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ.
ނަމަވެސް އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ބޭއްވުމުގެ އެއްވެސް ބާރެއް އީސީއަށް ލިބިގެންނުވެއެވެ.
އެގޮތުން ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް އިތުރު ކުރުމުން އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހާއްސަ ގާނޫނުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހަޅައިގެން އިންތިހާބު އަވަސް ކުރުމަށެވެ.
އެގޮތުން ހުށަހަޅާ އިސްލާހުތަކަކީ ހާއްސަ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ މާއްދާއަށް ބަދަލު ގެނެސް، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރުމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމަށެވެ.
ޝަރީފު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން އެ އިސްލާހުތައް މި މަސް ނިމުމުގެ ކުރިން ގެންނަން ޖެހެނެ އެވެ. އަދި އެެކަން ކުރެވެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައިގެން ކަމަށާއި އެހެން ނޫންނަމަ، ރޯދައިގެ ކުރިން އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.
އެ އިސްލާހުތައް އަންނަ މަހު މަޖިލިސް ހުޅުވުމަށްފަހު ގެންނަ ނަމަ، އިންތިހާބު ބޭއްވޭނީ ރޯދަމަހުގެ ފަހުން ކަމަށާއި އެއީ މެއި މަހުގެ ފަހު ކޮޅުގައި ނުވަތަ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު