(04 ޖެނުއަރީގެ އަދަދާ ގުޅޭ)
"މިވާހަކަ ދަންނަވާނީ ކޮއްކޮމެން ޣަރުނާޠާއަށް ވަޑައިގެންނެވުމުން. މާތް اللّـه ތިޔަ ދެބެއިން ރައްކައުތެރި ކުރައްވާށި!" أحمد ދޮރޯއްޓާ ދިމާޔަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "حسن އޭނާގެ އަރިހުގައި ދޮރޯއްޓާ ހަމަޔަށް ވަޑައިގެންނެވިއެވެ. أحمد ނުކުމެވަޑައިގެންނެވުމުން حسن ދޮރޯށީގެ އެއްފަޅި ހުޅުވައިލައްވައިގެން މަގުމަތި ބައްލަވާން އިރުކޮޅަކު ހުންނެވިއެވެ."
سعد އަކީ ޠަބީޢީގޮތުންވެސް ބިރުފުޅު ކުޑަ ޢަސްކަރީ ޝަޚުޞިއްޔަތެކެވެ. ޤައުމުގެ މުސްތަޤުބަލާ އަޅައިބަލާއިރު އޭނާގެ އަމިއްލަފުޅު ދިރިއުޅުއްވުމަކީ سعد ގެ އަރިހުގައި އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. އޭނާ معـتـمـد ގެ ސިފައިންގެ ވަކިތަކުގެ ދަށުން މިންޖުވެވަޑައިގެން ފިލައިވަޑައިގަންނަވާން ދުވެވަޑައިގެންނެވިއިރުވެސް އޭނާ މަރުދެކެ ބިރުފުޅެއް ނުގަނެއެވެ. އޭރުވެސް އޭނާގެ ޢަޒުމަކަށްވެފައި އޮތީ މަތިވެރި މަޤުޞަދަކަށްޓަކައި ދިރިހުންނެވުމެވެ. މިހާރު އޭނާ إدريـس ގެ ގޭގެ ކޮޓަރިއެއްގައި ތަންމަތީގައި އޮންނަވާއިރުވެސް معـتـمـد ގެ ސިފައިންގެ ޚިޔާލުފުޅެއް އޭނާގެ ހިތްޕުޅަކަށް އުނދަގުލެއް ނުކުރެއެވެ. އޭނާ ފިކުރުފުޅު ބޮޑުވަނީ އަންދަލުސުގެ މުސްތަޤުބަލާ މެދުގައެވެ. އަންދަލުސުގެ މުސްލިމުންގެ ކަންތައް ނިމިގެންދާނެގޮތަކާ މެދުގައެވެ. އޭނާގެ ކުރިފުޅުމަތީގައިވާ ސުވާލަކީ إدريـس ގެ ގެއިން ނުކުމެވަޑައިގެން ޣަރުނާޠާއަށް ވަޑައިގެންނެވޭނީ ކިހިނަކުންބާވައޭ މި ސުވާލެއް ނޫނެވެ. އޭނާ އަބަދުވެސް ވިސްނައިވަޑައިގަންނަވަނީ އޭނާގެ ޤައުމު ހަލާކާއި އަޅުވެތިކަމުގެ އަނދަވަޅުން ނެރުއްވައި ތަރައްޤީއާއި ކުރިއެރުމުގެ ރަސްމަގަކަށް ނެރުއްވޭނެ ގޮތަކާމެދުގައެވެ. معـتـمـد ގެ ދަރުބާރުން އޭނާގެ ލޯފުޅަށް ފެނިވަޑައިގެންނެވި ކަންތައްތަކަށްފަހު އޭނާއަށް އިޙުސާސް ކުރެއްވެމުންދަނީ އޭނާ އަމިއްލަފުޅަށް އިޚުތިޔާރު ކުރައްވައިފައިވަނީ ވަރަށް އުނދަގޫ މަގެއްކަމެވެ.
ميـمــونـة އާ ބެހޭގޮތުން އޭނާ ވިސްނައިވަޑައިގަންނަވާ މިންވަރަކީ އޭނާގެ ޙަޔާތްޕުޅުގެ ހާދިސާއެއް އަނެއްކާވެސް އެދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ކައިރިޔަށް ގެނެސްފިކަމެވެ. އޭނާގެ ޙަޔާތްޕުޅުގެ ދަތި އުނދަގޫ މަގުތަކުގައި އޭނާއަށް ހަމަޖެހިވަޑައިގެން ހުއްޓިވަޑައިގެން ميـمــونـة ލިބިވަޑައިގަތުން އެދިވަޑައިގެންނެވޭކަހަލަ މަގެއް ފެންނާކަށެއް ނެތެވެ. ނަމަވެސް އޭނާއަށް އިޙުސާސްވެވަޑައިގަންނަވާ އެއްކަމެއް އެބައޮތެވެ. އެއީ އޭނާގެ ޙަޔާތްޕުޅުގެ އަންނާންއޮތް ހަލަބޮލި ދައުރުގައި އޭނާއަށް މާޒީއާމެދު ރީތި ހުވަފެންފުޅެއް ދެކެވަޑައިގަތުމުގެ މުހުލަތެއް ލިބިވަޑައިގެންފިނަމަ އޭނާއަށް ހުވަފެންފުޅުން ފެނިވަޑައިގަންނަވާނީ ميـمــونـة އެވެ.
އަހަރުތަކެއްގެ ފަހުން އޭނާއަށް އެންމެ ފުރަތަމަ ميـمــونـة ފެނިވަޑައިގެންނެވީ ޒަޚަމުވެވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންނެވި ވަރުބަލިފުޅުކަމުގައި މޫނުފުޅުމައްޗަށް އަނދިރިވަމުންއައި ވަގުތުގައެވެ. ހަނދުވަރުގެ ފަނޑު އަލީގެ ތެރެއިންނެވެ. އޭގެފަހުން އެއްރެޔަކު އޭނާ ވަރަށް ގަދަޔަށް ހުންފުޅާ އޮންނަވަނިކޮށް حسن އޭނާގެ އަރިހުގައި ތާއްޔާޖެހިވަޑައިގަންނަވާން އިންނަވައިފައި އަވަހާރަފުޅު ލައްޕަވައިފިއެވެ. އޭނާ ކުކުރައި ވަޑައިގަންނަވަމުން ފެންފޮދަކަށް އެދިވަޑައިގެންނެވިއެވެ. ޖެހިގެންހުރި ކޮޓަރީގައި ميـمــونـة އިންނެވީ ހަތަރުދަމު އެސްފިޔަފުޅުވެސް ޖައްސަވައި ނުލައްވައިހެން ހީވެއެވެ. ميـمــونـة އޭނާއަށް ފެންތަށިކޮޅެއް ގެނެސްދެއްވިއެވެ. އޭނާ ދެތިން ކޯވަރެއްގެ ފެންފޮދު ހިއްޕެވުމަށްފަހު ސިކުންތުކޮޅަކަށް ميـمــونـة އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު ލޯފުޅު މަރުއްވައިލައްވައިފިއެވެ. ميـمــونـة އޭނާގެ ކޮޓަރިއާ ދިމާޔަށް އެނބުރި ވަޑައިގަންނަވަމުން ކުއްލިޔަކަށް ސުވާލު ކުރެއްވިއެވެ. "މިހާރު ކަލާގެ ހާލުކޮޅު ކިހިނަކުންތޯ؟"
"އަޅުގަނޑަށް މިހާރު ރަނގަޅު. މިހައިބޮޑަށް ކަލާއަށް އުނދަގޫފުޅު ކުރެވޭތީ އަޅުގަނޑު ހިތާމަކުރަން!"
"ކަލާއަށް ލިބިވަޑައިގަންނަވާ ވޭނުގެ ހިއްސާދާރަކަށް އަޅުގަނޑަށް ވެވޭނެނަމަ.....!" ميـمــونـة سعد އާ ދިމާޔަށް އެނބުރިވަޑައިގެން މިހެން ވިދާޅުވެލެއްވުމަށްފަހު އޭނާގެ ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ.
ميـمــونـة ދުވާލަކު އެތައްފަހަރަކު حسن ގެ އަރިހުން سعد ގެ ހާލުކޮޅުގެ ޚަބަރު އައްސަވައެވެ. އޭނާ ވާހަކަފުޅު ދައްކަވަނީ އޭނާގެ ކޮޓަރީގެ ދޮރުފަތުގެ ނިވަލުގައި ހުންނަވައިގެންނެވެ. ميـمــونـة ގެ މިއުޒިކީ ހިތްގައިމު އަޑުފުޅު އެތައްއިރެއްވަންދެން سعد ގެ ކަންފަތްޕުޅުގައި ގުގުމައިފައި ހުރެއެވެ. ميـمــونـة ގެ ކޮޓަރީގެ ތެރެއިން ނުވަތަ ބަރެންޑާގެ ތެރެއިން ميـمــونـة ގެ ފައިވާންޖޯޑުކޮޅުގެ އަޑު އިވިވަޑައިގަތުމުން سعد ގެ ހިތްޕުޅުގެ ވިންދު ކުއްލިޔަކަށް އަވަސްވެއެވެ. سعد އިރުކޮޅެއްވަންދެން އަޖައިބުވެ ހައިރާންވާފަދަ ޚިޔާލީ ގަނޑުވަރެއް ބިނާކުރައްވާން ފައްޓަވައެވެ. ނަމަވެސް ކުއްލިޔަކަށް ހިތި އިޙުސާސެއްގެ ސަބަބުން އޭނާ ސިހިވަޑައިގެންފައެވެ. އޭނާ ބިނާކުރައްވާން ފައްޓަވާ ޚިޔާލީ ގަނޑުވަރު ކުދިކުދިވެގެން ފައިބާން ފަށައެވެ. އެގަނޑުވަރުގެ ގާފުނީގެ ތެރެއިން ފެންނާން ފަށަނީ އަންދަލުސުގެ މުސްލިމުންގެ ހާލުގެ ބިރުވެރި ތަސްވީރުތަކެވެ. އޭނާގެ ޙަޔާތްޕުޅުގެ ތަށިކޮޅު ފުރައިލެވެނީ ހިތި ޒަހަރުންނެވެ. އޭނާގެ ކުރިފުޅުމަތީގައި ސަފަކަށް ތިއްބަވަނީ އަންދަލުސުގެ ހިއްސެއްނެތް ރަސްރަސްކަލުންނެވެ. އެބޭފުޅުން ގެންދަވަނީ މުޅަމަސްކާ ދޫނިތަކެއް މުޅަގަބުރެއް ނޮޅައިލައިގެން ކާފަދައިން އަންދަލުސު ނޮޅުއްވަމުންނެވެ. ދެން އޭނާއަށް ފެނިވަޑައިގަންނަވަނީ އަންދަލުސުގެ މުސްލިމުން މަރައި ސުންނާފަތިކޮށްލުމަށްޓަކައި ދުޝްމިނު ކްރިސްޓިޔަނުން ތައްޔާރުކުރަމުންގެންދާ ބައިބޯ ލަޝްކަރުތަކެވެ. سعد އޭނާގެ ހިތްޕުޅާ ސުވާލު ކުރައްވައެވެ. "އަހަރެން މިއެނދުގައި އޮންނާންވީ ކިހައިދުވަހެއް ވާންދެން ހެއްޔެވެ؟ އަހަރެން ވަރަށް އަވަހަށް މިރަށުން ފުރާންޖެހޭނެއެވެ!"
ميـمــونـة ގެ އިޙުސާސްތައް سعد އާ ވަރަށް ތަފާތެވެ. سعد އެބޭފުޅުންނަށް އެހީވެވަޑައިގެންދެއްވުމަށްޓަކައި ޤުރުޠުބާއަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ميـمــونـة ދެކެވަޑައިގަންނަވަނީ
سعد އަކީ އޭނާގެ އަމިއްލަފުޅު ޙައްޤެއް ކަމުގައެވެ. ފުރާވަރަށް އަރަމުންއައި ދުވަސްވަރު އޭނާ ޤުރުޠުބާއިން އިޝްބީލިއްޔާއަށް ވަޑައިގަތީ سعد އާމެދު ތަޢުރީފާއި، އިޙުތިރާމުން އޭނާގެ ހިތްޕުޅު ފުރައިލައްވައިގެންނެވެ. އޭނާގެ ޒުވާން އުމުރުފުޅުގައި އިޝްބީލިއްޔާގެ ރަޙުމަތްތެރި އަންހެންކުދީން ރަށުގެ ޒުވާން ފިރިހެންކުދީންގެ ވާހަކަ ދައްކާއިރު ميـمــونـة ވިސްނައިވަޑައިގަންނަވަނީ سعد އާ މެދުގައެވެ. އޭނާގެ ހިތްޕުޅަށް އަރައެވެ. ދުނިޔެއިން އަހަރެން ދަންނަނީ އެންމެ ފިރިހެނެކެވެ. އެބުނާ އެހެން އެންމެނަށްވުރެ އޭނާ މާރީއްޗެވެ. މާހިތްވަރުގަދައެވެ. މާއޯގާވެރިއެވެ. މުސްތަޤުބަލާމެދު އޭނާ ފިޔަވަޅު އަޅުއްވަނީ ވަރަށްބޮޑު ޔަގީންކަމެއްގައެވެ. އެއީ ކޮންމެވެސް ދުވަހަކުން سعد ވަޑައިގަންނަވާނެކަމުގެ ޔަގީންކަމެވެ. އޭނާ އިންނެވީ އިންތިޒާރުގައެވެ. އެ އިންތިޒާރެއްގެ ފޮނިކަން އެ އިންތިޒާރުގެ ދިގުކަމުގެ މައްޗަށް ވެރިވެފައިވާ އިންތިޒާރެކެވެ. އޭނާ ކޮންމެ ނަމާދެއްގެ ފަހުގައި سعد އަށްޓަކައި ދުޢާކުރައްވައެވެ. ކޮންމެ ދުޢާއަކަށްފަހު އޭނާއަށް އިތުރު ޔަގީންކަމާއި ހިތްޕުޅު ހަމަޖެހުން ލިބިވަޑައިގަންނަވައެވެ. އޭނާއަށް ޔަގީނެވެ. سعد އަކީ އޭނާގެ މިލްކެކެވެ. ހޭދަވަމުންދާ ވަގުތާއި، ދެރަށުގެ ދެމެދުގައިވާ ދުރުކަން އެދެބޭފުޅުންގެ މެދުގައި ފަރުދާއަކަށެއް ނުވާނެއެވެ. ޔަގީނެވެ. سعد ވަޑައިގަންނަވާނެއެވެ.
ޝެހެޒާދާ رشـيـد އޭނާއާ ހުރަހޮޅިވަޑައިގަންނަވާން ފެއްޓެވުމުން ميـمــونـة ގެ ހިތްޕުޅުގައި ހަމަނުޖެހުމުގެ ޝުޢޫރުތައް އުފެދޭން ފަށައިފިއެވެ. އޭނާ ފިކުރުކުރައްވާން ފައްޓަވައިފިއެވެ. ބައެއްފަހަރުފަހަރު އޭނާ ދުޢާކުރައްވާން އަތްޕުޅު އުފުއްލަވައިލެއްވުމާއެކު އޭނާގެ ލޯފުޅު ކަރުނަފޮދުން ތެމެއެވެ. އޭނާއަށް ޚިޔާލީ ދޫފުޅުން ޝަކުވާ ކުރެއްވެއެވެ. "سعد! އެވެ. ކަލާ ތިޔަހުންނެވީ ކޮންތަނަކުތޯއެވެ؟ ކަލާ އަޅުގަނޑުގެ މަތީން ހަނދުމަފުޅު ނައްތަވައެއް ނުލައްވަމު ދޮގެއްތޯއެވެ؟ ކަލާ ވަޑައިގަންނަވާނީ ކޮންއިރަކުތޯއެވެ؟"
މިހާރު سعد އެއޮންނެވީ އޭނާގެ ގޭގައެވެ. މިހާރު އޭނާގެ ހިތްޕުޅަށް އަރައެވެ. سعد އިޝްބީލިއްޔާއަށް ވަޑައިގެންނެވުމާއި، އޭނާ ޒަޚަމުވެވަޑައިގެން އެގޭގައި މަޑުކުރެއްވުމަކީ ހަމައެކަނި އިއްތިފާޤުން ދިމާވި ކަމެއްނޫނެވެ. ޤުދުރަތުގެ ނުފެންނަ ބާރުތައް އޭނާ އިޝްބީލިއްޔާއަށް ގެންނެވީއެވެ. އޭނާ ކުރައްވައިފައިވާ ދުޢާތައް އިޖާބަކުރެއްވީއެވެ. معـتـمـد ގެ ސިފައިން سعد ހޯދަން އުޅޭކަން ހަނދުމަފުޅުވުމުންވެސް ميـمــونـة ގެ ހިތްޕުޅުގައިވާ ޔަގީންކަމަކަށް ބަދަލެއް ނާދެއެވެ.
އޭނާއަށް ކަށަވަރެވެ. سعد މާދުރުގައި ހުންނަވަނިކޮށް އޭނާގެ އަރިހަށް ގެންނެވި ޤުދުރަތުގެ އަތްޕުޅު އެހެން އެއްވެސް ބާރެއް سعد ގެ މައްޗަށް ގަދަވެގަތަކަ ނުދެއްވާނެއެވެ. ميـمــونـة އޭނާގެ ހިތްޕުޅުގައިވާ ތެޅުމާއި، އިޙުސާސްތައް سعد ގެ އަރިހަށް ހުށަހަޅުއްވަން ބޭނުންފުޅު ކަމަކަށް ދެކެވަޑައެއް ނުގަންނަވައެވެ. ސަބަބަކީ އޭނާގެ ހިތްޕުޅުގައި އޭނާގެ މުސްތަޤުބަލާމެދު ކުޑަވެސް ޝައްކެއްނެތުމެވެ. އެހެންކަމުން އޭނާގެ ޚިޔާލުފުޅުގައި ބިނާކުރައްވަނީ ދުވަހަކުވެސް ކުދިކުދިވެ ބިމާ ހަމަނުވާނެ ގަނޑުވަރުތަކެކެވެ.
* * * * * * * * * * *
އެންމެފުރަތަމަ ދުވަހުވެސް سعد އަށް ބޭސްކޮޅުހަދަން ޙަކީމަކު ގެންނަވާން ميـمــونـة އުޅުއްވިއެވެ. ނަމަވެސް سعد އެކަމާ އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. އޭނާ ތަކުރާރުކުރައްވައި ވިދާޅުވަމުން ގެންދެވީ އޭނާގެ ފައިންޕުޅުގައިހުރި ޒަޚަމަކީ ވަރަށް އާދައިގެ ޒަޚަމެއް ކަމުގައެވެ. އެހެންކަމުން ميـمــونـة އަށް މަޖުބޫރުވެވަޑައިގަތީ ގޭގައިހުރި ބޭހުން ފުއްދައިލައްވާށެވެ. ނަމަވެސް ދެވަނަޔަށްވީ ދުވަހު سعد ގެ ޒަޚަމުން ދިލަނަގާން ފަށައިފިއެވެ. އޭނާ ހުންފުޅުވެސް އަތުވެއްޖެއެވެ. ميـمــونـة އޭނާގެ ޚާދިމަކު ފޮނުއްވައިގެން މުސްކުޅި ބޭސްވެރިޔަކު ގެންނަވައިފިއެވެ. ميـمــونـة ގެ މަންމަ އަވަހާރަވުމުގެ ކުރީން އެ ޙަކީމު ވަނީ ميـمــونـة ގެ މަންމައަށް ބޭސްކޮޅު ހައްދަވައިފައެވެ. إدريـس އާއި ميـمــونـة އާ މެދު ޙަކީމުގެ ހިތްޕުޅުގައި ވަނީ ދަރިކުލުނު އުފެދިފައެވެ. އެބޭފުޅުން އޭނާއަށް ވިދާޅުވަނީ ބޮޑުބޭބެއެވެ.
މުސްކުޅި ޙަކީމު އެންމެ ފުރަތަމަ ދުވަހު سعد ގެ ޒަޚަމް ސާފުކުރައްވައި ބޭސްއެޅުއްވިއިރު ميـمــونـة މޫނުބުރުގާ އަޅުއްވައިގެން ކައިރީގައި ހުންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "ބޮޑުބޭބޭ! މިއީ އަޅުގަނޑުގެ ބޭބެގެ ވަރަށް ގާތް ރަޙުމަތްތެރިޔެއް! އަޅުގަނޑުމެންނަށް ޤުރުޠުބާއިން މިރަށަށް އާދެވުނީ މީނާގެ އެހީފުޅުގައި. މީނާ ހާދިސާއެއްގައި ޒަޚަމުވެވަޑައިގެން މިގެއަށް ވަޑައިގަތީ. ފުލުހުން ކޮންމެވެސް ބީރައްޓެއްސަކު ހޯދާ ވާހަކަ އަޅުގަނޑު އަޑުއެހީން މިގޭގައި ބޮޑުބޭބެ ބޭސްކުރައްވާ ޒަޚަމުވެފައި އޮތް މީހަކު އޮތްވާހަކަ މީހެއްގެ ގާތުގައި ބުނުއްވައިފިނަމަ ފުލުން ކަމަކާ ނުލައި މީނާއަށް އުނދަގޫކޮށްފާނެ!"
ޙަކީމު އެއްވެސް އެއްޗެކޭ ނުބުނުއްވައެވެ. އޭނާ ميـمــونـة ގެ ވާހަކަފުޅު އަޑުއައްސަވަމުން ގެންދެވިއެވެ. އޭނާ އެއްޗެކޭ ނުބުނުއްވައި ހަނުހުންނަވާތީ حسن ވަރަށް ފިކުރުފުޅު ބޮޑުވިއެވެ. އޭރު حسن ނޯކަރެއްގެ ހެދުމުގައި އެތާނގައި އަތްގާތްކޮށްދެއްވަން ހުންނެވިއެވެ. سعد ގެ ޒަޚަމް ބެންޑޭޖް ކުރެއްވުމަށްފަހު ޙަކީމު حسن އާ ދިމާޔަށް ބައްލަވައިލައްވައިފައި ހިސާބަކަށް ފިކުރު ބޮޑުވެލައްވައިގެން ހުންނަވައި ميـمــونـة އާ ސުވާލު ކުރެއްވިއެވެ. "މިއީ ކާކުތޯ؟"
ميـمــونـة ޖަވާބު ދެއްވިއެވެ. "މީނާއާއެކުގައި އައިމީހެއް."
ޙަކީމު ހިތްހަމަޖެހިލެއްވުމުގެ ނޭވާއެއް ލައްވައިފައި ޖަވާބު ދެއްވިއެވެ. "ދަރިފުޅާ! ދަރިފުޅު ބޭބެއަށް ވިސްނައިދެއްވުމުގެ ބަދަލުގައި ދަރިފުޅުގެ ޚާދިމުންނަށް ވިސްނައިދެއްވާ! މީނާގެ ވާހަކަ ބޭރުމީހަކު ގާތު ނުދައްކާން ވިދާޅުވޭ. ބޭބެ ބަލައި ޚާދިމަކު ފޮނުއްވާނޭ ކަމެއްވެސްނެތް. ބޭނުންވާނެ ވަގުތު ވަގުތަށް އަޅުގަނޑު އަމިއްލައަށް އަތުވެދާނަން. މީނާއަކީ إدريـس ގެ ރަޙުމަތްތެރިޔަކު ކަމުގައި ނުވިކަމުގައިވިޔަސް މީނާއަށް ބޭސްކޮޅު ހަދައި މީނާ ރައްކައުތެރިކުރުމަކީ ބޭބެގެ ވާޖިބެއް. މިއަދު އަންދަލުސުއަށް ބޭނުންވަނީ މިކަހަލަ ޒުވާނުން!"
"އެހެންވީއިރު ބޮޑުބޭބެ މީނާ ދެނެލައްވަމު ދޮގެއްތޯ؟ މަޢާފު ކުރައްވާ!"
ميـمــونـة ގެ ވާހަކަފުޅު މެދުކަނޑުއްވައިލެއްވުމަށްފަހު ޙަކީމު ވާހަކަ ދެއްކެވިއެވެ. "މީނާ އެންމެފަހަރަކު ފެނުނު މީހަކަށްވެސް މިއީ ކާކުކަމެއް ނޯޅޭނެ! އެކަމަކު އަޅުގަނޑު ހައިރާންވެއްޖައިން. މީނާ ޒަޚަމުވެވަޑައިގެން މިރަށުގައި އޮންނަވައިފާނެ ކަމަކަށް ފުލުހުންނަށް ކުޑަކޮށްވެސް ޝައްކުވެފައެއް ނެތް. އެމީހުން ޔަގީންކޮށްގެން އެތިބީ މީނާ އިޝްބީލިއްޔާގެ ސަރަޙައްދުން ބޭރަށް ނުކުމެވަޑައިގެންފިކަމަށް. އަޅުގަނޑަށް ހީވަނީ އެވެސްވާނީ މީނާގެ އެކުވެރިއެއް ކަމަށްހެން."
سعد ކުއްލިއަކަށް ތެދުވެވަޑައިގަންނަވާން މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ އެކުވެރީން އިޝްބީލިއްޔާގެ ސަރަޙައްދު ހުރަސްކޮށްފިކަން ފުލުހުންނަށް އެނގުނީ ކިހިނަކުންތޯ؟"
"ކަލާ ތެދުވެވަޑައިގަންނަވާން ނުއުޅުއްވާ!" سعد އަލުން އެނދުގައި ބާއްވަވާން މަސައްކަތް ކުރައްވަމުން ޙަކީމު ބުނުއްވިއެވެ. "އަޅުގަނޑު ކަލާއަށް ހުރިހާ ވާހަކައެއް ދަންނަވައިދޭނަން. އަންދަލުސުގެ މުސްލިމު މަންމައިން އަދިވެސް ފިރިހެންދަރީން ވިހާކަން މިހާރު އެނގިއްޖެ. މިހާރަކަށް އައިސް އަޖައިބުވެ އަންތަރީސްވާފަދަ ކަންތައްތަކެއް އެބަހިނގާ! މިއަދު އަޅުގަނޑު ފުލުހުންގެ މީހެއްގެ ގައިގައި ބޭސްއަޅާން ދިޔައިން. އޭނާވެސް އޮތީ ޒަޚަމުވެފައި. އޭނާ އަޅުގަނޑު ގާތު ބުނިގޮތުގައި އިއްޔެ ހެނދުނު މިރަށުގެ ދެކުނުފަރާތު ދޮރޯށީން ބޭރުގައިހުރި މަދަރުސާއެއްގެ ދޮރޯށީގައި ކަރުދާސްގަނޑެއް ހަރުކޮށްފައިހުރި. އެކަރުދާސްގަނޑަކީ معـتـمـد އާއި، ރަމީކިއްޔާއާއި، إبـن عمّــار އާ ބެހޭގޮތުން ވަރަށް މަޖާ ޅެމެއް ލިޔެފައިއޮތް ކަރުދާސްގަނޑެއް. މަދަރުސާއަށް ވަންނާންދިޔަ ކުއްޖަކަށް އެކަރުދާސްގަނޑު ފެނިގެން ހަޅޭއްލަވައިގަތުމުން ކުދީންތައް އެއްވެއްޖެ. އެޖެހިލުންކުޑަ ޝާޢިރު ޅެން ނިންމައިލައިފައި ލިޔެފައިއޮތް. "ރޭގައި معـتـمـد ގެ ދަރުބާރުގައި އެންމެ ފުރަތަމަ ފަހަރަށް ވަނީ ޙައްޤުގެ އަޑު އުފުލައިލެވިފައި. އެއަޑު ކެނޑިގެންދިޔަ ނުދިނުމަކީ އިޝްބީލިއްޔާގެ ރައްޔިތުންގެ ވާޖިބެއް. އަހަންނަށް ފުރުސަތު ލިބުނުނަމަ އިޝްބީލިއްޔާ ދޫކޮށްލައިފައި ދިއުމުގެ ކުރީން معـتـمـد އަށް މިޅެން ދަންނަވައިދިނީމުސް. އެކަމަކު މިހާރު އަހަރެން މިދަނީ معـتـمـد ގެ ދަރުބާރުން ފެށިގެން އާއްމު ޖިފުޓިތަކަށް ދާންދެން މިޅެން ރައްދުކޮށްދިނުމުގެ ވާޖިބު މިރަށުގެ ހުރިހާ ޒުވާނުންނާ މަތިކޮށްފައި."
ކިޔަވާކުދީންގެ އެތައްބަޔަކު އެ ޅެން ނަކަލުކޮށްފި. ދޮރުމަތީގައި ކުދީންތައް ބޮނޑިވެގެން އުޅޭތީ އުސްތާޛުންވެސް އެތަނަށް ހިނގައްޖެ. އޭގެތެރެއިން އެކަކު ކުދީންތައް ދުރުކޮށްފައި ކައިރިއަށްގޮސް ޅެންކިޔައިފައި ކަރުދާސްގަނޑު ނަގައިފި. މުދައްރިސުން އެކަރުދާސްގަނޑު ގެންދިޔައީ ކައިރީގައިހުރި ފުލުހުންގެ މަރުކަޒަކަށް. ފުލުހުންގެ ތަޙުޤީޤުގައި މީހަކު ބުނީ، މަދަރުސާ ހުޅުވުމުގެ އިރުކޮޅެއްކުރީން އައި އަސްވާރަކު އަސްމަތީން ފައިބައިގެންގޮސް ދޮރޯށީގައި ކަރުދާސްގަނޑެއް ހަރުކުރިކަމަށް. އެ އަސްވާރު ހުރީ ކިލަލާ ތަތްތެޅިފައި އޮތް މިލަ ހެދުމެއްގައި ކަމަށް. އެމަންޒަރު ދުށްމީހާއަކީ ލިޔަންކިޔަން ދަންނަ މީހެއް ނޫން. އެހެންކަމުން އޭނާ އެކަމަކާ އަޅައެއްނުލާ. ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެމުން އެމީހާ ބުނިގޮތުގައި އަސްވާރު އޭނާގެ ޚަންޖަރުގެ ތުނޑުން ދޮރޯށީގެ ހިންމީގައި ކަރުދާސްގަނޑު ހަރުކުރީ. އޭނާ ދިޔައީ އެވެނި މަގަކުންނޭވެސް ބުނި. ފުލުހުން އެ އަސްވާރުގެ ފަހަތުންދިޔަ. މީހުންކުރެން ޚަބަރު އަހަމުން ދިޔައިރު ރަށާ ހަތަރުފަސް ކޯހުގެ ދުރުގައިހުރި މުސާފިރުޚާނާއަކުން އަސްވާރުންގެ ބަޔަކު ނުކުންނަނީ. މުސާފިރުޚާނާގެ ވެރިޔާއާ ސުވާލުކުރުމުން ބުނީ އެމީހުންނަކީ އިހަކަށްދުވަހުއްސުރެ އެތާނގައި ތިބޭ ބައެއްކަމަށް. ދެންމެޔަކު ޒުވާނަކު (ހީވާގޮތުން އެމީހުންގެ ނޯކަރަކު) އައުމާއެކު އެންމެން އަހަށް ސަވާރުވެގެން ދަތުރު ފަށައިފިކަމަށް. ފުލުހުން އެމީހުންގެ ފަހަތުންދިޔަ. ނަމަވެސް ދެފަރާތުގެ ދެމެދުގައި ހިނގި ކުރިމަތިލުމުގައި ފުލުހުންނަށް ޖެހުނީ ފުރަގަސްދީފައި އަންނަން. އެމީހުންގެ ދުނިތަކުން ފުލުހުންގެ ހަމީހުން ޒަޚަމުވެގެން އެނބުރިއައި. އަޅުގަނޑު ބޭސްއަޅަންދިޔަ ފުލުހުންގެ މީހާ ބުނީ ފުލުހުންގެ ދުނިތަކުން އެ އަސްވާރުންކުރެ އެކެއްގެ އަހުގެ ފައި ޒަޚަމުވިކަމަށް."
حسن އިރުކޮޅެއްގެކުރީން ހުންނެވީ ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ. ނަމަވެސް މިހާރު އޭނާއަށް ހިނިފުޅު މަތަކުރައްވައިގެން ހުންނެވެނީ ވަރަށް އުނދަގުލުންނެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު