މާލޭގެ ގެއެއްގެ ތެރޭގައި ހުރި ގޭސްފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ހ. ތިން ނޫނު ގޭގެ ފަސް ވަނަ ބުރީގައި ހުރި ގޭސްފުޅިއެއް ގޮވައިގެން ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިއަދު މެންދުރު 12:31 އެހާކަންހާއިރު ރިޕޯޓްކުރި އެ ހާދިސާގައި ފިހިގެން ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެ ދެމީހުންނަށް ވެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހާދިސާ ރިޕޯޓު ކޮށްފައިވަނީ ގޭސް ލީކުވެ ރޯވި އަލިފާން ނިއްވައިލުމަށްފަހު ފިހުނު ދެ މީހުން ހޮސްޕިޓަލަށް ގެންދަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ ގޭސްފުޅިއާ ގުޅާފައި ހުރި ނަޓެއް ދޫވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ހުޅުގަނޑު ފަޅައިގެން ދިޔަ ވަގުތު ފިހުނީ އެތާ ކައިރީގައި އެވަގުތު ތިބި ދެ މީހުން ކަމަށްވެސް ބުންޏެވެ.