ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ރައީސް ސޯލިހު ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އިއްޔެ ހަވީރުގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި މިއަދު އޮފީހަށް ނިކުމެވަޑައިގެން މަސައްކަތުގައި އުޅުއްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީ އަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސުޕްރީމް ކޮމާންޑަރު އޮފް ދަ އާމްޑް ފޯސަސް އަދި އަބޫދާބީގެ ވަލީ އަހުދު، ޝައިޚު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން އާ ބައްދަލު ކުރައްވައިފަ އެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖޭގެ ހާލަތު އަބޫދާބީގެ ވަލީ އަހުދު އޮޅުންފިލުއްވި ކަމަށާއި ރައީސްވެސް ޔޫއޭއީގެ ހާލަތު، މި ބައްދަލުވުމުގައި ވަނީ އޮޅުންފިލުއްވާފަ އެވެ. ކޮވިޑް ކޮންޓްރޯލްކުރަން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތުގައި ޔޫއޭއީ އިން ދައްކަމުން އަންނަ ލީޑަޝިޕަށް އެ ބައްދަލުވުމުގައި ރައީސް ވަނީ ތައުރީފު ކުރައްވާފަ އެވެ.
މީގެ އިތުރުން މި ބަލިމަޑުކަމާ ކުރިމަތިލުމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ޓެކްނޮލޮޖީގެ އީޖާދީ އިސްތިރާޖުތަކަށްވެސް ރައީސް ސޯލިހު ތައުރީފު ކުރައްވާފައިވާއިރު މި ބައްދަލުވުމުގައި ކުރިއަށް ގެންދެވި މަޝްވަރާތަކުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޮ ޑިވަލޮޕްމަންޓް (އޭޑީއެފްޑީ) ގެ ދަށުން ރާއްޖެއަށް ލިބެމުން އަންނަ އެހީތަކާ ބެހޭގޮތުން ރައީސް ސޯލިހާއި ވަލީއަހުދު ނަހްޔާން ވަނީ ވާހަކަފުޅުދައްކަވައިފަ އެވެ.
ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި އެއްބާރުލުން އިތުރުކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން ވެސް ރައީސާއި އަބޫދާބީގެ ވަލީއަހުދު މަޝްވަރާކުރެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު