ގއ. ވިލިނގިލީގެ މެޓް ފުޓްސަލް ދަނޑު، ޓާފް ދަނޑަކަށް ބަދަލު ނުކުރެވޭނެ ކަމަށް ކުރިން ކައުންސިލަށް އަންގާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވިލިނގިލީގައި ހަދާފައިވާ ދަނޑުގައި ރޯކޮށްލައި، ދަނޑަށް ގެއްލުންތަކެއް ދީފައި ވަނީ ޓާފަށް ބަދަލު ނުކޮށްދިން ކަމަށް ބުނެއެވެ. މީގެ ދެ ދުވަސްކުރިން ދަނޑުގައި ރޯކޮށްލާފައިވާއިރު، ފުލުހުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދަނޑުގައި ރޯކޮށްލުމާއި ގުޅިގެން މިނިސްޓަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ގއ. ވިލިނގިލީގައި ބޮޑު ދަނޑު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއި، ލަސްވީ ކޮވިޑް 19ގެ ސަބަބުންނާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން ކަމަށެވެ.

"ގއ. ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް. ލަސްވީ ކޮވިޑާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން. ބޮޑު ދަނޑު އަޅަން ނިންމާފައި ވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އެންގިފައި. އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިހާރުވެސް ރާއްޖޭގެ 39 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ޓާފް ދަނޑު ނުހިމެނުނު ނަމަވެސް، ކައުންސިލްތަކާއި ގުޅިގެން ގިނަ ރަށްތަކެއްގައި ފުޓްސަލް ދަނޑުތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.