އޭޕްރިލްގެ ކުރިން ލަންކާގައި ކޮވިޑް ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.

އަވަށްޓެރި ލަންކާގެ ރައީސްގެ ޗީފް އެޑްވައިޒަރު ލަލިތު ވީރަތުންގާ އެގައުމުގެ އަޑާ ދެރަނަ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ އެގައުމަށް ވެކްސިން ގެނައުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ލަލިތު ވިދާޅުވީ ލަންކާއަށް އަންނަ ފެބްރުއަރީ ފަހުކޮޅު ނުވަތަ މާޗްގެ ފުރަތަމަ ހަފްތާގައި ވެކްސިން ލިބޭނެ ކަމަށެވެ. އަދި އޭޕްރިލްގެ ކުރިން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ފެށޭނެ ކަމަށް ލަލިތު ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ ބެލުމުގެ ދަށުން ލަންކާގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 155،000 މީހުންނަށެވެ.

ސިއްހީ ހިދުމަތްތެރިންގެ އިތުރުން ދެން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސަލާމަތީ ބާރުތަކަށް ކަމަށް އެގައުމުން އެކުލަވާލާފައިވާ ނެޝަނަލް ވެކްސިން ޕްލޭންގައި ވެއެވެ. ސަލާމަތީ ބާރުތަކުގެ 127،500 މީހަކަށް ވެކްސިން ދިނުމަށް ލަންކާއިން ނިންމާފައި ވެއެވެ.

ލަލިތު ވިދާޅުވީ ވެކްސިން ގަތުމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާކަމަށާއި އެއްބަސްވުންތަކަށްފަހު ދެން އޮންނާނިީ ވެކްސިން ގެނައުން ކަމަށެވެ.

ސްރީލަންކާގެ ކޮވިޑްގެ ހާލަތު އަދިވެސް ކޮންޓްރޯލު ވެފައި ނުވާއިރު، މިހާތަނަށް އެގައުމުން ކޮވިޑްގެ ޕޮޒިޓިވް 45،242 ކޭސް ފެނިފައިވެއެވެ. އަދި މި ބަލީގައި 215 މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.