ރޭ ކުޅުނު އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލްގައި 2-0ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށް، ޓޮޓެންހަމްއިން ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމަށް ގޯލްތައް ޖަހައިދިނީ މޫސާ ސިސޯކޯގެ އިތުރުން ހިއުން މިއުން ސޮންއެވެ. ޓޮޓެންހަމްއިން ތަށްޓެއް ހޯދުމަށް ގިނަ މަސައްކަތަކެއް ކުރަމުން އަންނައިރު، އެޓީމުން އެންމެފަހުން ހޯދި ތަށްޓަކީ 2008 ވަނަ އަހަރުގެ ލީގު ކަޕެވެ. އެ އަހަރުގެ ފައިނަލްގައި ޗެލްސީ ބަލިކޮށް ޓޮޓެންހަމްއިން ލީގު ކަޕް ހޯދިއިރު، އޭގެ ފަހުން މިވީ 13 އަހަރު އެޓީމަށް އަދި އިތުރު ތަށްޓެއް ލިބިފައެއް ނުވެއެވެ.

"އަހަރެން އިންގްލެންޑަށް އައީ 2004 ވަނަ އަހަރު. އަހަރެން ހަނދާން އެބަހުރި ލީގު ކަޕް ކަހަލަ މުބާރާތްތަކުގެ ކަންކަން އަހަރެން ދަސްކުރި ގޮތް. އަހަންނަށް މި މުބާރާތްތައް މުހިއްމު. އަހަރެން މި މުބާރާތްތައް ނަގަނީވެސް ސީރިއަސް ކޮށް. އިނގެރޭސި ފުޓުބޯޅައަށް އިހުތިރާމް ކުރާނަން، މި މުބާރާތްތައް ސީރިއަސްކޮށް ނަގާނެ،" ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ ރޭގެ މެޗަށްފަހު ބުނެފައިވެއެވެ.

ބްރެންޓްފޯޑަކީ ދެވަނަ ޑިވިޝަންގެ ކްލަބެއް ނަމަވެސް އެޓީމުން ވަނި ސެމީއާ ހަމައަށް ދިޔުމަށް ޕްރިމިއާ ލީގުގެ ހަތަރު ކްލަބެއް ބަލިކޮށްފައެވެ.

މޮރީނިއޯ ބުނެފައި ވަނީ ބޮޑެތި ކްލަބުތައް ބަލިވެފައި ވަނީ ތަށި ހޯދަން ބޭނުން ނުވެގެން ނޫން ކަމަށާއި، އެއީ މުބާރާތުގެ ޓަފް ކަމުން ކަމަށެވެ. މީގެ ކުރިންވެސް ލީގު ކަޕް ހޯދި ޓީމުތަކަށް އަމާޒުކޮށް މޮރީނިއޯ ބުނެފައި ވަނީ ލީގު ކަޕް ހޯދާފައި ވަނީ އަބަދުހެން ޕްރިމިއާ ލީގުގެ ގަދަ ހައެއްގައި ހިމެނޭ ޓީމުތައް ކަމަށެވެ.

ޓޮޓެންހަމްއިން ފައިނަލްގައި ކުޅެން ޖެހޭ ޓީމެއް އެނގޭނީ މިރެއެވެ. ލީގު ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއެވެ.