ޚަބަރު

އުކާލާ ކުނި ބޭނުންކޮށްގެން ދަނޑުވެރިކަމަށް ބޭނުންވާ ބޭސް ރާއްޖޭގައި އުފައްދަނީ

އަލީ ޔާމިން

ރާއްޖޭގައި އުކާލާ ކުނި ބޭނުންކޮށްގެން ދަނޑުވެރިކަމަށް ބޭނުންވާ ބޭސް އުފެއްދުމަކީ އަމާޒެއް ކަމަށް އެގްރޯ ނޭޝަނަލް ކޯޕްރޭޝަން (އެގްރޯނެޓް)އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އެގްރޯނެޓުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ ދަނޑުވެރިކަމަށް ބޭނުންވާ އެކި ވައްތަރުގެ ބޭސް ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކުރާ ކަމަށެވެ. ނަމަވެސް އެގްރޯނެޓުގެ އަމާޒަކީ ދަނޑުވެރިކަމުގެ ބޭސް ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުކޮށް ރާއްޖޭގައިވެސް ތިމާވެއްޓާ ރަށްޓެހި ގޮތަށް ބޭސް އުފެއްދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގައިވެސް މިފަދަ ތަކެތި ހެދޭނެ ގޮތެއް ހެދުން. އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ޕްރޮޖެކްޓްތަކެއްވެސް އެބަ ހިންގާ. އަޅުގަނޑުމެން މިހާރު ވިސްނަމުން މިދަނީ އެންވަޔަރްމަންޓު މިނިސްޓްރީއާ ގުޅިގެން މި ކުނި މެނޭޖުކުރާއިރު ކުނީގެ ތެރެއިން ދަނޑުވެރިކަމަށް ބޭނުންވާ ފާޓިލައިޒާސް ހެދުމަށް" ހާރޫން ވިދާޅުވިއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ބާރުގަދަ ކެމިކަލްތައް ބޭނުންކުރެއެވެ. އޭގެ ސަބަބުން ދަނޑުވެރިކަމުގައި ހައްދާ ތަކެތީގެ ހަގީގީ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ހާރޫން ވިދާޅުވީ، އެގްރޯ ނެޓުގެ އަމާޒަކީ ބާރުގަދަ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ ސަގާފަތް ބަދަލުކޮށް ތިމާވެއްޓާ ރަށްޓެހި ގޮތަށް ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންނަށް ދަސްކޮށްދިނުން ކަމަށެވެ. އެގޮތުން އެކުންފުނިން އެކަމަށް ބޭނުންވާ ތަމްރީންތައް ދަނޑުވެރިންނަށް ދޭނެ ކަަމަށް ވިދާޅުވިއެވެ.