އިންޑިއާއިން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރަން ފަށަން ނިންމައިފިއެވެ.

އިންޑިއާއިން އެކްސްޕޯޓް ކުރަން ނިންމާފައިވަނީ އެގައުމުގައި އުފައްދާފައިވާ ކޮވިޑް ވެކްސިން އެވެ. އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށައިފައިވާކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާއިން ވަނީ އެގައުމުގައި އުފައްދާފައިވާ ކޮވިޑްގެ ދެވެކްސިން އެއް ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދާދިފަހުން ދީފައެވެ. އަދި މިމަސްތެރޭ ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް އެގައުމުން ވަނީ ނިންމައިފައެވެ.

އަންނަ ޖުލައި މަހުގެ ކުރިން އެގައުމުގެ 300 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އިންޑިއާއިން ވަނީ ރާވައިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އޮކްސްފޯޑްގެ އެސްޓްރާޒެނެކާގެ އިތުރުން އިންޑިއާގެ ބާރާތު ބަޔޯޓެކްގެ ކޮވެކްސިން އެވެ. އެ ދެވެކްސިންވެސް އުފައްދައި ބަންދުކޮށްފައިވަނީ އިންޑިއާގެ ފެކްޓްރީތަކުގައެވެ.