އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވާ ދަރިވަރުންނާ މެދު ތަފާތުކުރުން ގެންގުޅެ އެ ދަރިވަރުންނަށް ފުރައްސާރަކުރާ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
އައްޑޫ ފްލައިން ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާ މެދު ތަފާތުކުރުން ގެންގުޅެ، ދަތި ކުރުމުގެ ކަންތައް ކުރަމުންދާ ކަމަށާއި އަދި އެ ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
އެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އައްޑޫއަށް ވަޑައިގެން ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ގަން އެއާޕޯޓްސް ކޮމްޕެނީއާ ބައްދަލުކުރައްވައިފަ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ، ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެތަނުގެ ބައެއް ބޭފުޅުންގެ ފަރާތުން ފުރައްސާރަކުރާ ކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، އެކަމުގެ ތަފްސީލުތަކާއެކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑު ވާނީ ޖެންޑާ މިނިސްޓްރީއަށް އެ މައްސަލަ ފޮނުވާފައި. ޖެންޑާ މިނިސްޓަރަށް ވެސް އެކަން ބަލައިދިނުމަށް އެދިފައި،" ނަހުލާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ފްލައިން ސްކޫލުގައި ކިޔަވާ ކުދިންގެ ކަންބޮޑުވުމާއި ޝަކުވާ ހިމެނޭ ސިޓީއެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ބަޔާންކުރާ ގަނާކުރުމާއި ފުރައްސާރަކުރުމުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު