ޓާމިނަލް ކެފޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ކުރި ދައުވާ ޖުވެނައިލް ކޯޓުން ބާތިލުކޮށް އޭނާ ދޫކޮށްލާފައި ހުއްޓައި އަލުން އޭނާ ހައްޔަރުކޮށްފި އެވެ.

ނަދީމް މަރާލާފައިވަނީ ޓާމިނަލް ކެފޭ ތެރޭގައި އިންދައި 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު، ބަޔަކު އައިސް އޭނާގެ ބޮލަށް ވަޅިއެއް ހަރައިގެން ލިބުނު އަނިޔާއަށް ފަރުވާދެމުންދަނިކޮށެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުޑަކުއްޖާއަށް ކުރި ދައުވާ ޖުވެނައިލް ކޯޓުން ބާތިލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ދައުވާ ބާތިލުކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރަންޖެހޭ މުއްދަތު ހަމަވި ފަހުން ދައުވާކޮށްފައިވާ ކަމަށް ބުނެއެވެ. އެ މައްސަލަ ހައި ކޯޓުގައި ޕީޖީން އިސްތިއުނާފުކުރީ، އިސް ފަނޑިޔާރު އަބްދުލްބާރީ ޔޫސުފް ކުރިއަށްގެންދެވި ޝަރީއަތުގައި ނިންމެވި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޖުވެނައިލް ކޯޓުން އެ ދައުވާ ބާތިލުކުރުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި ކަމަށެވެ. އަދި ހައިކޯޓުން ހުކުމް ކުރީ އެ މައްސަލައިގައި ހިމެނޭ އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި ނަމަވެސް މިހާރު 18 އަހަރު ފުރިފައިވާ މީހަކަށް ކަމަށެވެ. އަދި ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް އެ މައްސަލަ އަލުން ބަލައިދިނުމަށް ދަށުކޯޓަށް އަމުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ހައިކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ އަލުން ހައްޔަރުކުރުމަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި އެ އަމުރާ އެއްގޮތަށް އޭނާ މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ހުރީ ރިމާންޑް ޖަލެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި މި ކުޑަކުއްޖާގެ އިތުރުން، ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ. އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަކުރިއެވެ. މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ އަދި އޭނާއެކު ނުކުމެގެން ގޮސްފައިވަނީ އަލީ ނިފާޒްއެވެ.

ނަދީމަށް ހަމަލާ ދިނުމަށްފަހު ތިން ސައިކަލުގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުން ފާހަގަކުރިއެވެ. ޓާމިނަލް ކެފޭއަށް ވަތް މަފާޒާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލް އިނީ ސައިކަލްގައި ގިނިކަންޏާއެވެ.