ބާސެލޯނާގެ މުވައްޒަފުންގެ ތެރެއިން ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، އެ ކްލަބުން ވަގުތީ ގޮތުން ތަމްރީނުތައް މެދުކަނޑާލައިފިއެވެ.
މާދަމާ ބާސާއިން އެތުލެޓިކޯ ބިލްބާއޯއާއެކު ދެކޮޅަށް ކުޅެން އޮތް މެޗަށް މިއަދުވެސް ތަމްރީނުތައް ކުރަން ހަމަޖެހިފައި އޮތްއިރު، ތަމްރީނުތައް ހުއްޓާލައި މިހާރު ވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ޓެސްޓެއް ހަދާފައެވެ. އައުޓްބްރޭކެއް ކްލަބު ތެރޭގައި އުޅޭ ކަމަށް ބެލެވި، އެކަމަށް ސަމާލުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
"އިއްޔެ ހެދި ޕީސީއާރް ޓެސްޓްތަކުން ކްލަބުގެ ދެ މުވައްޒަފަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި. އެކަމުގެ ހުރިހާ ތަފްސީލެއް މިހާރު ވާނީ ކަމާ ބެހޭ ސިއްހީ އިދާރާތަކާ ހިއްސާ ކޮށްފައި. އަދި މިއަދު ސްކޮޑު އެއްކޮށް ކޮވިޑް 19 އަށް ޓެސްޓް ކޮށްފައިވާނެ. އެއީ ލަލީގާގެ ޕްރޮޓަކޯލް. ތަމްރީނުތައް ފަސްކޮށް، މިހާރު ވާނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައި. ތަމްރީނުތައް އަލުން ފަށައި، ކުރިއަށް ދާން ނިންމާނީ ނަތީޖާތަކަށް ފަހު،" ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބާސާއިން ދަށް ފޯމެއްގައި ސީޒަން ފަށާފައިވާއިރު، އެޓީމަށް އަދިވެސް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ. މިއަހަރު ކުޅުނު ފުރަތަމަ މެޗުގައި ހުއެސްކާ ލީގުގައި ބަލިކޮށްފައިވާއިރު، ބާސާއިން ބަލަމުން އަންނަނީ އެ ފޯމުގައި ކުރިއަށް ދިޔުމަށެވެ. ކޮވިޑް 19ގެ ސަބަބުން ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް ބާސާއަށް ވަނީ ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިފައެވެ.
މިވަގުތު ބާސާއިން 16 މެޗުން 28 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު