އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ސައުތުހެމްޓަންއިން ލިވަޕޫލް ބަލިކޮށްފިއެވެ.

ރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ސީޒަންގައި ދެ ބަލިވެފައިވާ ލިވަޕޫލުން މިވަގުތު 17 މެޗުން 33 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑުން 16 މެޗު ކުޅެގެން ވަނީ އެ އަދަދަށް ޕޮއިންޓް ހޯދާފައެވެ. ފައިދާ ގޯލްގެ ތަފާތުން ޔުނައިޓެޑް މިވަގުތު ދެވަނައިގައި އޮތް ނަމަވެސް، އެޓީމުން ދެން ކުޅެން އޮތް މެޗުން މޮޅުވެ، އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނެގެން އެބައޮތެވެ.

މިހާތަނަށް 15 މެޗުން 29 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީންވެސް އަތުގައި އޮތް ދެ މެޗުން މޮޅުވެއްޖެ ނަމަ، ލިވަޕޫލް ވައްޓާލައި، ތާވަލުގެ ކުރިއަށް ޖެހިލާނެއެވެ.

ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ސައުތުހެމްޓަންއިން ވަނީ ލީޑު ނަގައިފިއެވެ. ކުރިން ލިވަޕޫލަށް ކުޅުނު ޑެނީ އިންގްސް، ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާގެ ބޯ މަތިން އެއްލި ބޯޅަ ގޯލަށް ވައްދާލައިގެން ސައުތުހޭމްޓަންއިން ލީޑު ނެގިއިރު، ރޭގެ މެޗުގައި ސައުތުހެމްޓައިން ވަނީ ހިތްވަރު ގަދަ ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލަކަށް ފުރުސަތު ތަނަވަސްވެސް ކުރިއެވެ. ޑެނީ އިންގްސްއަށް ލިބުނު ފުރުސަތު އޭނާ ނަގާލިއިރު، އަނެއްކޮޅުން ލިވަޕޫލަށް ފުރަތަމަ ޝޮޓެއް ހެދުނީ 75 ވަނަ މިނެޓުގައެވެ. ސަޑިއޯ މާނޭގެ އެ ހަމަލާގެ ނުރައްކާ މާބޮޑެއް ނުވިއެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހާއި ރޮބާޓް ފިރްމީނޯގެ ފަރާތުން ގޯލަށް އަމާޒުކޮށް ހަމަލާއެއް އުފެއްދިތަން ފެނިފައެއް ނުވެއެވެ.