ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން އަވަސްކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް، އިންތިހާބު އަވަސް ކުރަންޖެހޭ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އަނެއްކާވެސް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައެވެ. އެހެންކަމުން މާޗް މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިއަދު ބުނެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން މުހިންމު ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރުން މުހިންމު ކަމަށް ދެކޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވާ އިރު، ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި އީސީގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާ ހިނދަކު އިންތިހާބު ނުބޭއްވޭނެ ކަމަށާއި އިންތިހާބު ބާއްވާނެ ތާރީހަކާއި މަސައްކަތްތައްވެސް އިއުލާން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިކަމަށް ދެން އޮތް ހައްލަކީ މިހާރު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލުތަކެއް ގެނައުން ކަމަށެވެ.
އެގޮތުން ގާނޫނަށް ބަދަލު ގެނައުމަށް އީސީން ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެކަމަށްޓަކައި ތައްޔާރުކުރަން ޖެހޭ ބިލު އީސީން މިހާރު ޑްރާފްޓްކޮށްފައިވާ ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ހުށަހެޅޭނީ ރައްޔިތުންގެ މަޖިލިސް އަލުން ހުޅުވުމުން ކަމަށާއި މަޖިލީހުގެ ޗުއްޓީ ނިމުމުން އެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު