މިއަހަރުގެ ތެރޭގައި ރާއްޖޭގައި ބިއްލޫރި ފުޅީގައި ފެން އުފައްފައި ބާޒާރަށް ނެރޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެކުރާ މިންވަރު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ "ޒީރޯ ޕްލާސްޓިކް" ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ފެނަކައިން އަދާކުރާ ދައުރާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ބިއްލޫރި ފެން ފުޅި އުފައްދާ ޕްލާންޓެއްގެ މަސައްކަތް ހއ. ހޯރަފުށީގައި ފަށާފައިވާ ކަމަށެވެ. އެ ޕްލާންޓުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިންމާލައި، ހިދުމަތްދޭން ފެށޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"ކޮވިޑުގެ ހާލަތާ ގުޅިގެން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ދިމާވި. ނަމަވެސް މިހާރު ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށްދޭ. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދު ތެރޭގައި އަޅުގަނޑުމެން މި ބަލަނީ އެ ޕްލާންޓުގެ ހިދުމަތްދެވޭނެ ކަމަށް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެ ޕްލާންޓުން ދުވާލެއްގެ މައްޗަށް 8،000 ފެން ފުޅި އުފެއްދޭނެ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ހޯރަފުށީގެ އިތުރުން ރާއްޖޭގެ ހަ އަތޮޅެއްގައި އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށާއި އަމާޒަކީ ފެނަކައިން ފެނުގެ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް ކުރިއަށްއޮތް ތަނުގައި ބިއްލޫރި ފުޅީގައި ފެން ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

ފެނަކައިގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިންވެސް އަންނަނީ އެކުންފުނިން އުފައްދާ ތާޒާ ފެން، ބިއްލޫރިފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ. އެކުންފުނިން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ބިއްލޫރި ފެންފުޅި ބާޒާރަށް ނެރެވޭނެއެވެ.