(ޖެނުއަރީ 2 ގެ އަދަދާ ގުޅޭ)

ميـمــونـة ގެ ހިތްޕުޅުގައި ވަރަށްގިނަ ޝައްކުތަކެއް އުފެދިއްޖެއެވެ. އޭނާ މަޑުމަޑުން ދޮރޯއްޓާ ދިމާޔަށް ވަޑައިގެންފިއެވެ. ދޮރޯއްޓާ ޖެހިގެންހުރި ކޮޓަރީން ނޯކަރުން ގުގުރިދަމާ އަޑު އިވިވަޑައިގަންނަވައެވެ. އެމީހުން ތިބީ ގަދަ ނިދީގައިކަން އެނގިވަޑައިގެންފިއެވެ. ރޭގަނޑު ސަމާލުވެހުންނަން ميـمــونـة އަންގަވައިފައިވާ މުސްކުޅި ނޯކަރުވެސް އޮތީ ތަޅުންގަނޑުމަތީގައި އޮށޯވެ ގަދަޔަށް ނިދައިފައެވެ. ميـمــونـة އެތާނގައި އިރުކޮޅަކު މަޑުކުރައްވައިގެން ހުންނަވައި ފާރަވެރީންގެ ވާހަކަތައް އަޑުއެއްސެވިއެވެ. އެބައިމީހުން ތަންކޮޅެއް ދުރަށް ދިޔުމުން އޭނާ ނޯކަރަށް ވިދާޅުވެ ހޭލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކަލެޔަކީ ވަރަށް ފަރުވާކުޑަ މީހެއް. ސިފައިން އެހޯދަނީ سعد ކަމުގައިވެސް ވެދާނެ. سعد މިހިސާބަށް ވަޑައިގެންފައި ދޮރޯށި ތަޅުލައިފައި ހުރުމުން އެނބުރި ވަޑައިގެންނެވީ ކަމުގައިވެސް ވެދާނެ."

ނޯކަރު ދެންނެވިއެވެ. "ދޮރޯށި މިހިރީ އެތެރެއިން ހުޅުވައިފައި. އަޅުގަނޑު ތަންޑެއް ނާޅުވަން. އޭނާ މިހިސާބަކަށް ވަޑައެއް ނުގަންނަވާ. އަޅުގަނޑަށް ނިދުނީ ހަމަ ދެންމެއަކު. ސިފައިން އޭނާ ހޯދަން އައީ ކޮންއިރަކުތޯ؟"

ميـمــونـة ވިދާޅުވިއެވެ. "އެބައިމީހުން މަގުމަތީގައި އެބަހިނގާ. އަހަރެން އެމީހުންގެ ވާހަކަތައް އަޑުއަހައިފިން."

حسن ކުއްލިޔަކަށް އެތަނަށް ވަޑައިގެންފިއެވެ. އޭނާ ވަޑައިގެންނެވީ ބައްދަލުކުރާ ކޮޓަރިޔާ ދިމާޔަށް ހުޅުވޭ ދޮރުންނެވެ. އޭނާ ދޮރޯށިތެރެޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ميـمــونـة ދައިތާ! އަޅުގަނޑުމެން މިތިބީ ހޭލައި. ބޭބެ މިފަރާތަކަށް ވަޑައެއް ނުގަންނަވާ."

ميـمــونـة ވިދާޅުވިއެވެ. "حسن ފާރަވެރީންގެ ވާހަކަތައް އަޑުއެއްސެވީމުތޯ؟"

"އާދެ! އަޅުގަނޑު ހުރީ ދޮރޯށިކައިރީގައި އަޑުއަހަން. ދައިތަ އެތެރެއަށް ވަޑައިގަންނަވާ. މިތާނގައި ތިބެ ވާހަކަ ދެއްކުން ރަނގަޅެއް ނޫން."

ميـمــونـة ގެޔާ ދިމާޔަށް ވަޑައިގެންނެވުމަށްޓަކައި އެނބުރިވަޑައިގެން ހިންގަވައިގެންނެވީ އޭނާގެ ހިތްޕުޅުގައި ވަރަށްބޮޑު ބަރެއް ބާއްވަވައިގެންނެވެ. ކުއްލިޔަކަށް އޭނާގެ ހިތްޕުޅަށް އެރިއެވެ. ހާމަ ފުރާޅަށްދަނިކޮށް ގޭގެ ވަށައިގެންހުރި ހުރިހައި މަގުތަކެއް ރީތިކޮށް ފެންނާނެއެވެ. އޭނާ ގޯތިތެރެ ހުރަސްކުރައްވައިފައި ވަރަށް ބާރަށް ސިޑިއާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ކުއްލިޔަކަށް އޭނާއަށް އިވިވަޑައިގެންނެވީ ގޯތީގެ އެއްކަނަކަށް ބަރުއެއްޗެއް ވެއްޓުނު އަޑެވެ. އޭނާ ސިހިވަޑައިގެން އެފަރާތް ބައްލަވައިލެއްވިއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ ވަރަށްބޮޑު ހައިރާންފުޅު ކަމެކެވެ. އިސްކޮޅުން ދިގު މީހެއް ފާރުގެ ހިޔަނީގެ ތެރެއިން ނުކުމެގެން ކޮރުޖަހަމުން ކުރިޔަށް އާދެއެވެ. މިލަހަނދުވަރު ކުއްލިޔަކަށް އޭނާގެ މޫނަށް އެޅިއްޖެއެވެ. ހަނދުވަރުގެ ފަނޑު އަލީގައި އެމީހާ ފެނިވަޑައިގެންނެވުމާއެކު ميـمــونـة ގެ ހުރިހައި ހިއްސުފުޅުތަކެއް އޭނާގެ ލޯފުޅަށް ޖަމާވިކަހަލައެވެ.

އެ ހިލޭމީހާ ވަރަށް ފެން އަޑަކުން ބުނެލިއެވެ. "ميـمــونـة! ކަންބޮޑުވެވަޑައިނުގަންނަވާ. އަޅުގަނޑަކީ سعد." ميـمــونـة އަށް ހީފުޅުވީ ކޮންމެވެސް ހުވަފެންފުޅެއް ފެނިވަޑައިގަންނަވާހެންނެވެ. މަސައްކަތްޕުޅު ކުރައްވައިގެންވެސް އޭނާއަށް ބަސްފުޅެއް ވިދާޅެއް ނުވެވުނެވެ. އެއީ އޭނާ އަބަދުވެސް އޭނާގެ ހަތްވަނަ އުޑުގެ ތަރިތަކުގެ ތެރެއިން ދެކެވަޑައިގަންނަވާ سعد އެވެ. سعد އެހުންނެވީ އޭނާގެ ކުރިފުޅުމަތީގައެވެ. ވަރަށް ނިކަމެތި ހާލުކޮޅެއްގައެވެ. އޭނާގެ ހެދުންކޮޅު ހުރީ ތެމިފައެވެ. ވެއްޔާއި ކިސަޑުން ތަތްތެޅިފައެވެ.

سعد އެގޭގެ ފިރިހެނުން އުޅޭބަޔާ ދިމާޔަށް ފިޔަވަޅު އަޅުއްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ކޮއްކޮމެންވީ މިފަރާތުގައިތޯ؟"

"ކަލާ ޒަޚަމުވެވަޑައިގެންނެވީތޯ؟" ميـمــونـة ކަންބޮޑުވެވަޑައިގެން ހުންނަވައި ކުރިޔަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އެމީހުން ކަލާ އެބަހޯދާ. ކަލާ އަޅުގަނޑާއެކު ވަޑައިގަންނަވާ. ގޭގެ ފިރިހެނުން އުޅޭބައި ރައްކާތެރިޔެއް ނޫން. އަޅުގަނޑު ކަލާގެ ކޮއްކޮމެން އެތެރެޔަށް ގެނުވާނަން."

سعد ގެ މޫނުފުޅުމައްޗަށް އަނދިރިވަނީއެވެ. އޭނާ ޖަވާބެއް ނުދެއްވައި ފެންޑާއާ ދިމާޔަށް ވަޑައިގެން ތަނބެއްގައި ހިފަހައްޓަވައިގެން ހުއްޓިވަޑައިގެންފިއެވެ.

ميـمــونـة ވަޑައިގެން سعد ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފައި ވިދާޅުވިއެވެ. "ވަޑައިގަންނަވާ!"

ކުއްލިޔަކަށް ގޯތީގެ އަނެއްފަރާތުން ދޮރެއް ހުޅުވުނު އަޑު އިވިއްޖެއެވެ. حسن ބޮޑުކޮޓަރި ތެރެއިން ނުކުމެވަޑައިގެން ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ދައިތާފުޅާ! ބޭބެ މިތާނގައި.....! حسن سعد ފެނިވަޑައިގެންނެވުމުން އޭނާގެ ޖުމުލަ ނިންމައެއް ނުލެއްވިއެވެ. އެއްއަތްޕުޅުން سعد ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފައި އަނެއް އަތްޕުޅުން އޭނާގެ އުނަގަނޑުފުޅުގައި ހިފަހައްޓަވަމުން ވިދާޅުވިއެވެ. "ބޭބޭ! ބޭބެ ރަނގަޅުފުޅުތޯ؟"

"ބޭބެ ރަނގަޅު."

ميـمــونـة ވިދާޅުވިއެވެ. "އޭނާ މަތީބުރީގެ ކޮޓަރިޔަށް ގެންނަވާ. އަޅުގަނޑު އޭނާއަށް އެނދެއް ތައްޔާރުކުރާނަން." ميـمــونـة އެހެން ވިދާޅުވެފައި އޭނާގެ ކޮޓަރީން ދަންމަރެއް ހިއްޕަވައިގެން ސިޑީން މައްޗަށް އަރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެހައިތަނުން أحمد ވެސް ވަޑައިގެންފިއެވެ. أحمد سعد ގެ އަނެއް އަތްޕުޅުގައި ހިއްޕަވައިފިއެވެ.

* * * * * * * * * * *

އިރުކޮޅެއްވީތަނާ އެގޭގެ ކައިރީގައިހުރި މިސްކިތުން ފަތިސްނަމާދުގެ ބަންގި ގޮވާންފަށައިފިއެވެ. أحمد އާއި حسن އާ ދެބޭންވެގެން سعد ގެ ފައިންޕުޅު ބެންޑޭޖު ކުރައްވައިފިއެވެ. إدريـس ގެ ހެދުންކޮޅެއް ލައްވައިދެއްވައިފައި އެނދުގައި ބާއްވަވައިފިއެވެ. ميـمــونـة ޖެހިގެންހުރި ކޮޓަރީގެ ދެބައިކުޅައެއްބައި ހުޅުވިފައިހުރި ދޮރުފަތުގެ ނިވަލުގައި އެބޭފުޅުންގެ ވާހަކަފުޅު އަޑުއައްސަވާން ހުންނެވިއެވެ.

سعد ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ ނޭވާފުޅެއް ލައްވައިފައި އޭނާގެ ކޮއްކޮމެންނާ ސުވާލު ކުރެއްވިއެވެ. "إدريـس އަވަހާރަފުޅު ލެއްޕެވީތޯ؟"

أحمد ޖަވާބު ދެއްވިއެވެ. "އޭނާ ގެޔަކު ނުއުޅުއްވާ. އިއްޔެ ޠުލައިޠުލާއަށް ފުރައިވަޑައިގެންފި."

"ކީއްކުރަންވަންތޯ؟"

ޚަޒާނާއާބެހޭ ވަޒީރު ވަޑައިގެންނެވީ އަލްފާންސޫއަށް ޖިޒީ ހިއްޕަވައިގެން. އޭނާ ވަޑައިގެންނެވީ إدريـس ގޮވައިގެން."

سعد ވިދާޅުވިއެވެ. "إدريـس ޠުލައިޠުލާއަށް ވަޑައިގަންނަވާ ވާހަކަ ބޭބެ ގާތަކު ވިދާޅެއްނުވޭ. އެހެންނަމަކަ މިފަދަ ޙާލަތެއްގައި ބޭބެ މިގެޔަކަށް ނައިމުސް."

މި މަރުޙަލާގައި ކޮންމެވެސް އެއްޗެކޭ ވިދާޅުވާން ޖެހިވަޑައިގަންނަވާނެކަން ميـمــونـة އަށް ވިސްނިވަޑައިގެން ވަރަށް ލަދުފުޅުން ހުންނަވައި އޭނާ ވިދާޅުވިއެވެ. "ޚަޒާނާއާ ބެހޭ ވަޒީރުގެ އަމުރުފުޅު އައީ ވަރަށް ކުއްލި ގޮތަކަށް. ކަލާއާ ބައްދަލުކުރައްވާނެ ފުރުސަތެއްވެސް ބޭބެއަކަށް ލިބިވަޑައެއް ނުގެންނެވި. މިގޭގައި ކަލާއަށް ކުޑަވެސް ނުރައްކަލެއް އުނދަގޫފުޅުކަމެއް ނޯންނާނެ."

سعد އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު أحمد ގެ އަރިހުގައި ވިދާޅުވިއެވެ. "أحمد އިރުއެރުމާއެކު ކޮއްކޮ މިރަށުން ފުރައިވަޑައިގަންނަވާ. إليــاس އަރިހަށް ވަޑައިގެން އިޝްބީލިއްޔާގެ ސަރަޙައްދުގައި މަޑުނުކުރައްވާށޭ ވިދާޅުވޭ. އޭނާ ބޭބެއާއެކު އުޅުއްވަނިކޮށް އިޝްބީލިއްޔާގެ އެތައްބަޔަކަށްވަނީ ފެނިފައި. ކޮންމެވެސް މީހަކަށް އޭނާ ފާހަގަވެފައި އޮތުމަކީ އެކަށީގެންވާ ކަމެއް. މިރަށުގެ ފުލުހުން ދެދުވަހެއް ވަންދެން ޣަރުނާޠާއަށްދާ މަގު ވަރަށްބޮޑަށް ބަލަހައްޓާނެ. އެހެންކަމުން ތިޔަބޭފުޅުން ވަރަށް އަވަހަށް ފުރައިވަޑައިގަތުން މުހިންމު. ކޮއްކޮ ގެޔަށް ވަޑައިގެން މަންމަގެ ހިތްޕުޅު ހަމަޖައްސައިދެއްވާ.

أحمد ވިދާޅުވިއެވެ. "ބޭބެ ތިޔަ ހާލުކޮޅުގައި އޮންނަވަނިކޮށެއް އަޅުގަނޑު ގެޔަކަށް ނުދާނަން. إليــاس އަށް ޚަބަރު ދީފައި އެނބުރި އަންނާނީ."

"ނޫން." سعد އަމުރުވެރި ރާގުގައި ވިދާޅުވިއެވެ. "ކޮއްކޮ އެނބުރިވަޑައިގަތުމުގެ ހުއްދައެއް ނެތް. ކޮއްކޮ ވަނީ ބޭބެގެ ބައިވެރިޔެއްގެ ހައިސިއްޔަތުން ޝާހީ މެހުމާނުޚާނާގެ ވެރިޔާއާ ބައްދަލުކުރައްވައިފައި. އެތާނގެ އެތައްބަޔަކަށް ކޮއްކޮ ފެންނާނެ. ބަޔަކަށް ޝައްކެއްވެއްޖެއްޔާ މެހުމާނުސަރާގެ ވެރިޔާއާއި އެތާނގެ ނޯކަރުން މެދުވެރިކޮށް ކޮއްކޮއަކީ ކާކުކަން އޮޅުންފިލުވިދާނެ."

"ބޭބޭ! މިއީ އަޅުގަނޑުމެން އެންމެންނަށް އެއްވަރަކަށް އޮތް ނުރައްކަލެއް!"

"އަޅުގަނޑުމެން އެންމެން އެ ނުރައްކަލެއްގެ ތެރެއަށް ވެއްޓިގަތުން ލާޒިމުތޯ؟ حسن ވެސް މިތާނގައި ހުންނަވާކަށެއް ބޭބެ ބޭނުމެއް ނޫން. ދެބެއިންގެ އަރިހުގައިވެސް ވަޑައިގަންނަވާށޭ ދަންނަވައިފިއްޔާ ދެބެއިންވެގެން ބަޣާވާތް ކުރައްވާނެކަން އެނގޭތީ حسن ވަޑައިގަންނަވާށޭ ނުދެންނެވީ. ބޭބެގެ ޒަޚަމާ ބެހޭގޮތުން ކޮއްކޮމެން ފިކުރު ބޮޑުކުރައްވާނެ ކަމެއްނެތް. މާގިނައިން ލޭއައުމުގެ ސަބަބުން ބޭބެ ވަރުބަލިވީ. އިރާދަކުރެއްވިއްޔާ ދެދުވަހެއްގެ ތެރޭގައި ބޭބެ ރަނގަޅުވެދާނެ.

ދެދުވަހެއް ވަންދެން حسن އަށް ބޭބެ ބެލެހެއްޓެވިދާނެ. މިތާނގައި ހަނގުރާމައަކާ ކުރިމަތިލާން ޖެހޭނަމަކަ ކޮއްކޮ ގެޔަށް ފޮނުވައިލާކަށެއް ނުއުޅޭނަން. މިތާނގައި އޮތީ ފިލައި ތިބުން. ދެމީހުން ތިބެގެން ފަރުޖެހޭނެ ތަނެއްގައި ތިންމީހުން ތިބުމުގެ ބޭނުމެއް ނެތް. ބޭބެޔާމެދު ކޮއްކޮ ކަންބޮޑުވެވަޑައިގަންނަވާނެކަން ޔަގީން. އެކަމަކު މަންމަ ފިކުރުފުޅު ބޮޑުވިޔަ ނުދޭންވެސް އަޅުގަނޑުމެން ވިސްނާންޖެހޭނެ!"

أحمد އިރުކޮޅެއް ވަންދެން އިސްދަށަށް ޖައްސަވައިލައްވައިގެން އިންނަވައި ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ." އަޅުގަނޑުގެ ބަދަލުގައި ބޭބެ ހުންނެވިނަމަ ހައްދަވާނީ ކިހިނަކުންތޯ؟"

سعد ހިނިފުޅުވެޑުވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "ކޮއްކޮ ތިޔަ ސުވާލު ކުރައްވާނެކަން ބޭބެއަށް އެނގޭ. ކޮއްކޮގެ ބަދަލުގައި ބޭބެ ހުރިނަމަ ނަތީޖާއެއް ނެތް. ބަހުސެއްގައި ވަގުތުތަކެއް ނަގައިލުމަކީ ރަނގަޅު ކަމެއްކަމުގައެއް ނުބެލީމުސް."

"އެންމެ ރަނގަޅު ބޭބޭ. އަޅުގަނޑު މިދަނީ!"

سعد ވިދާޅުވިއެވެ. "އެކަމަކު މިހާރަކު ނޫން. ކޮއްކޮ އިރުއަރަންދެން އިންތިޒާރު ކުރައްވާ. މިހާރު އެމީހުން ތިބޭނީ ވަރަށް ހުޝިޔާރުވެ. إدريـس ގެ ބައްގީ ދުއްވާމީހާގެ ގާތުގައި ވިދާޅުވޭ. ކޮއްކޮގެ އަސް ރަށުގެ ދެކުނު ދޮރޯށީން ބޭރަށް ގެންދާށޭ. ކޮއްކޮ މިތަނުން ވަޑައިގަންނަވާނީ ނޯކަރެއްގެ ހެދުމުގައި ފައިމަގުގައި. ކޮއްކޮގެ ދަހަނާކޮޅާއި އެހެނިހެން އެއްޗެހިކޮޅު މިގޭގައި ބަހައްޓަވައިފައި ވަޑައިގަންނަވާ."

ميـمــونـة ޖެހިގެންހުރި ކޮޓަރީގެ ތެރޭގައި ހުންނަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ހުރިހައި އިންތިޒާމުތަކެއް އެބަހަމަޖައްސަން."

سعد ވިދާޅުވިއެވެ. "أحمد ކޮއްކޮ ވަޑައިގެން ތައްޔާރުވެ ވަޑައިގަންނަވާ!"

ދުވަހުގެ އިރު ފެނުން ތޮޅިލިއިރު أحمد އޭނާގެ ބޭބެ سعد އަށް އަލްވަދާޢު ވިދާޅުވަނީއެވެ. އޭނާ ހުންނެވީ إدريـس ގެ ނޯކަރެއްގެ ހެދުން ތުރުކުރައްވައިގެންނެވެ. އޭނާ ކޮޓަރީން ނުކުމެވަޑައިގެން ސިޑީން ތަންކޮޅަކަށް ފައިބައިވަޑައިގަތުމަށްފަހު ވިސްނައިވަޑައިގެންފައި އަލުން މައްޗަށް އަރައިވަޑައިގެން ميـمــونـة ގެ ކޮޓަރީގެ ދޮރުކައިރީގައި ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. "އުޚުތު ميـمــونـة! ބޭބެއަށް މިގެ ރައްކާތެރިވާނެކަން ކަށަވަރުތޯ؟ އަޅުގަނޑު މިދެންނެވީ މިގޭގެ ނޯކަރުންނާމެދު އިތުބާރު އެބައޮތްތޯ؟"

ميـمــونـة ވިދާޅުވިއެވެ. "أحمد ފިކުރު ނުކުރައްވާ. އަޅުގަނޑުގެ ނޯކަރުންނާމެދު ފުރިހަމަ އިތުބާރު އެބައޮތް."

"حسن ބޭބެއާ ވަރަށް ވައްތަރު. ވެވަޑައިގެންނެވި ވަރަކުން އޭނާ ބޭރަށް ނުކުމެވަޑައިގެން އުޅުއްވިޔަ ނުދެއްވާތި!"

ميـمــونـة ވިދާޅުވިއެވެ. "أحمد ހިތްޕުޅު ހަމަޖައްސަވާ. حسن އަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް. أحمد ގެ މަންމަޔަށް އަޅުގަނޑުގެ ވެދުން ވިދާޅުވާތި. މަންމަޔަށް ތަސައްލީ ދެއްވާތި!"

أحمد ތިރިޔަށް ފައިބައިވަޑައިގެންނެވިއިރު حسن ތިރީގައި ހުންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "ކުޑަބޭ! މަންމަ ފިކުރުފުޅު ބޮޑުވާކަހަލަ ވާހަކައެއް ވިދާޅުނުވާތި. المـــاس ބޮޑުބޭބެވެސް މިރަށަށް އަޔަނުދެއްވާތި. އިރާދަކުރެއްވިއްޔާ ބޭބެ ގަދަވެވަޑައިގެންނެވިހައި އަވަހަކަށް އަޅުގަނޑުމެން ރަށަށް އެބަދަން."

أحمد ވިދާޅުވިއެވެ. "حسن! މިކަމުގައި ހުރިހައިވެސް ކުށްވެރިޔަކީ ކުޑަބެ. ބޭބެއަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފިނަމަ ކުޑަބެ ދުވަހަކުވެސް އަމިއްލަ ނަފުސަކަށް މާފެއް ނުކުރާނަން."

"ކުޑަބެ ފިކުރު ބޮޑުނުކުރައްވާ! އިރާދަކުރެއްވިއްޔާ ބޭބެގެ އެންމެ ލޯލިފުޅެއްވެސް ބޭކާރެއް ނުވާނެ. މިބައިމީހުން މާދަމާ އަނެއްކާވެސް އެބައިމީހުންގެ ކުޅިސަމާގައި މަޝްޣޫލުވެދާނެ."

أحمد ވިދާޅުވިއެވެ. "ކުޑަބެ ތަދުބީރެއް ވިސްނައިފިން. ކުޑަބެއަށް ޔަގީން. އެ ތަދުބީރު ކާމިޔާބު ވެއްޖެނަމަ މިވެރީން އިޝްބީލިއްޔާގެ ސަރަޙައްދުން ބޭބެ ހޯދާކަށެއް މަސައްކަތެއް ނުކުރާނެ."

حسن ވަރަށްބޮޑަށް ސިހިވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "ބައްލަވާ ކުޑަބޭ! މާތް اللّـه އަށްޓަކައި ދަންނަވަން. އެއްވެސް ނުރައްކާތެރި ފިޔަވަޅެއް ނާޅުއްވާތި. ސީދާ ގެއަށް ވަޑައިގަންނަވާންކަމަށް ވަޢުދުވެވަޑައިގަންނަވާ!"

أحمد ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "ކޮއްކޮ ފިކުރު ނުކުރައްވާ. ކުޑަބެ މިދަނީ ސީދާ ގެޔަށް. ކޮއްކޮ ވަޑައިގެން ميـمــونـة ގެ އަތްޕުޅުން ގަލަމަކާއި ދަވާދަކާ ގެނެސްދެއްވާ. އަވަސްކުރައްވާ!"

حسن ދުވެވަޑައިގެންފައި ވަޑައިގެން މަތީބުރީން ގަލަމަކާއި ދަވާދަކާ ގެނެސްދެއްވައިފިއެވެ.

أحمد ގެ ޖީބުފުޅުން ކަރުދާސްގަނޑެއް ނަންގަވައިފިއެވެ. އެއީ އޭނާ معـتـمـد އަށާއި إبـن عمّــار އަށް ހެއްދެވި ހަޖޫގެ ޅެން ލިޔުއްވައިފައިއޮތް ކަރުދާސްގަނޑެވެ. أحمد އެކަރުދާސްގަނޑުގެ ތިރީގައި ޢިބާރާތެއް ލިޔުއްވައިލެއްވުމަށްފަހު އަލުން ޖީބުފުޅަށް ލައްވައިފިއެވެ.

حسن ވިދާޅުވިއެވެ. "ތިޔަ ކުރައްވާން އުޅުއްވާ ކަމެއް އަޅުގަނޑުގެ ގާތުގައި ވިދާޅުވެފައި ވަޑައިގަންނަވާ."

"މިވާހަކަ ދަންނަވާނީ ކޮއްކޮމެން ޣަރުނާޠާއަށް ވަޑައިގެންނެވުމުން. މާތް اللّـه ތިޔަ ދެބެއިން ރައްކައުތެރި ކުރައްވާށި!" أحمد ދޮރޯއްޓާ ދިމާޔަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "حسن އޭނާގެ އަރިހުގައި ދޮރޯއްޓާ ހަމަޔަށް ވަޑައިގެންނެވިއެވެ. أحمد ނުކުމެވަޑައިގެންނެވުމުން حسن ދޮރޯށީގެ އެއްފަޅި ހުޅުވައިލައްވައިގެން މަގުމަތި ބައްލަވާން އިރުކޮޅަކު ހުންނެވިއެވެ."

(ނުނިމޭ)