އިންޑިއާ މީހަކު ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން އެކަމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އޮންލައިން ނޫހަކުން އިއްޔެ ވަނީ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓްގައި މަސައްކަތްކުރާ އުމުރުން 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި އެ އަންހެން މީހާ ރޭޕްކުރީ އެ ރިސޯޓުގެ އެފްއެންބީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" މިއަދު އަށް ވިދާޅުވީ، އެފަދަ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މީޑިއާއަކުން އެފަދަ ވާހަކައެއް ރިޕޯޓްކޮށްފައިވާތީ އެކަމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މީޑިއާ ތަކުގައި ރިޕޯޓުކުރާ މިފަދަ ހަބަރުތަކާ ގުޅިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް، ނޫހުގައި ޖެހި ހަބަރުގެ ސައްހަކަން ބެލުމަށް އެކަން ވަކީން ތަހުގީގު ކުރުމަކީ ފުލުހުން އާންމުގޮތެއްގައި ކުރާ ކަމެއް ނޫނެވެ.