ޚަބަރު

ދަރިފުޅު ގޮވައިގެން އުމުރާއަށް ދާން އެއްކުރި ފައިސާ ވަގަށްނެގި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ރިފާ ހަލީލު

ގދ. ތިނަދޫގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ އަންހެނަކު އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅުގެ ބޭސްފަރުވާ އާއި އެ ދަރިފުޅު ގޮވައިގެން އުމްރާގެ އަޅުކަމަށް ދިޔުމަށް އެެއްކޮށްފައިވާ 7000 އަށް ވުރެ ގިނަ ޑޮލަރާއި 2000 ރުފިޔާ ވަގަށް ނަގާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އަދިވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަންހެން މީހާ ބުނީ ވައްކަން ކޮށްފައިވަނީ ގޭގެ އެއްވެސް ތަނަކަށް ގެއްލުން ނުދީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ފައިސާތައް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވެނީ އަންހެން މީހާގެ އާއިލާގެ މީހެއްގެ މައްޗަށެވެ.