އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސްގެ މަރުގެ މައްސަލައިގައި، ދައުވާ ކޮށްފައިވާ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ހާދިސާ ހިނގި އިރު، އެކުއްޖާގެ އުމުރަކީ 17 އަހަރެވެ. އަދި މިހާރު އުމުރަކީ 20 އަހަރެވެ. މީގެ ކުރިން އެކޯޓުގައި ބޭއްވި ޝަރީއަތްތަކުގައި އެ ކުޑަކުއްޖާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.
ޖުވެނައިލް ކޯޓުގައި ޝަރީއަތްތައް ކުރިއަށްގެންދަނީ ސިއްރުންނެވެ. އަދި، ދައުވާ ލިބޭ ކުދިންގެ މައުލޫމާތެއް ވެސް ހާމައެއް ނުކުރެއެވެ.
ޖުވެނައިލް ކޯޓުން މި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ ދައުލަތުގެ ފަރާތުން މި މައްސަލަ ސާބިތުކުރުމަށް ހަތަރު ހެކިން ހުށަހެޅި ކަމަށާއި ނަމަވެސް އަނަސްއަށް ހަމަލާދިން މީހުން މޫނު ނިވާކޮށްގެން ތިބުމުން އެއީ ކޮން ބައެއްކަން ބުނަން ނޭނގޭ ކަމަށް އެ ހެކިވެރިން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ ހާދިސާ ހިނގި ވަގުތު، އެ ހާދިސާ ހިނގި ތަނުގައި އެކުއްޖާ ހުރިކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި ގަރީނާތަކުން ސާބިތުވެފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.
މީގެ އިތުރުން ދިފާއީ ހެކިންގެ ހެކި ބަހުން ހާދިސާ ހިނގި ވަގުތު، ހާދިސާ ހިނގި ތަން ނޫން އެކި ތަންތަނުގައި އެކުއްޖާ އުޅެފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ. އެގޮތުން ދިފާއުން ވަނީ ތިން ހެކިވެރިން ހުށަހަޅައިފައެވެ.
"ހާދިސާ ހިނގި ދުވަހުގެ ހެނދުނު 10:00 ހާއިރު ދައުވާ ލިބޭ ކުއްޖާގެ ގެއަށް ދިޔައިން. އެގެއިން ނުކުމެގެން ދިޔައީ ސައިކަލު ދުއްވަން. ސައިކަލު ދުއްވައި ނިންމުމަށްފަހު ދިޔައީ ހުޅުމާލެ ބާބަކިއު ޕޮއިންޓަށް. އެތަނުގައި ތިބެފައި އެ ރޭ 10:00 ހާއިރު ދައުވާ ލިބޭ ކުއްޖާގެ ގެއަށް ގޮސް ކެއީ. ދަންވަރު 2 ޖަހަންދެން ތިބީ ޕްލޭސްޓޭޝަން ގޭމް ކުޅެން. އެއިން އެއްވެސް ވަގުތަކު ލޯމަތިން ދައުވާ ލިބޭ ކުއްޖާ ގެއްލިފައެއް ނުވޭ،" ދިފާއީ ހެކިން ކޯޓަށް ދީފައިވާ ހެކިބަހުގައި ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ.
އެހެންކަމުން ދައުލަތުން ހުށަހެޅި ވީޑިއޯގައި އެކުއްޖާ ފެންނަން ހުރި ނަމަވެސް އެ ހާދިސާ ހިނގި ވަގުތު އެތަނުގައި އެ ކުއްޖާ ހުރިކަން ސާބިތުކޮށްދިނުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ، އެ ކުޑަކުއްޖާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން "ވަން" އަށް ބުނީ، ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ނިންމި ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށެވެ.
އަނަސް މަރާލި މައްސަލައިގައި ކުޑަކުއްޖާގެ އިތުރުން ހަތް މީހަކަށް ދައުވާ އުފުލާފައިވެއެވެ. އެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.
- ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
- ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވި
- ސިމާހު މޫސާ، ދަފްތަރު 1746
- އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
- އުސްމާން ޝަރީފް، މ. ދިމިޝްގް
- އަފްރާހް އަބްދުއް ރައްޒާގު، މ. ލޮނުމިދިލިގޭ
ސިމާހު މޫސާ އާއި ހަސަން މަހްފޫޒާއި މުހައްމަދު ޝާޒް އާއި ޖުނައިހު އަބްދުﷲ ގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެމީހުންގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ އަނަސް، ސައިކަލެއް މަތީ އިންދައި އެތަނަށް ހަތަރު ސައިކަލުގައި އައިއިރު އެ ހަތަރު މީހުން ވެސް އެ ސައިކަލްތައް ދުއްވަން ތިބީމައެވެ.
އުސްމާން ޝަރީފާއި އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަނުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީފައިވާތީއެވެ. އަދި އެ ހަމަލާތަކުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަނަސް މަރުވެފައިވާތީއެވެ.
އަނަސްއަށް ގްރޫޕަކުން ހަމަލާދީ މަރާލީ އޮޅުމަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް އުޅެނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު