ރިޕޯޓް

ރުގްޔާ ކުރުމުގެ ނަމުގައި ޖިންސީ ގޯނާ އާއި އަނިޔާ! މިކަންކަން އެނގުމުން ހައްލެއް ހޯދިދާނެ (ވީޑިއޯ)

އަހުމަދު ސާއިލް އަލީ

ރުގްޔާ ބޮޑު ވިޔަފާރިއަކަށް ވެއްޖެ އެވެ. އަދި ރުގްޔާގެ ނަމުގައި އިސްލާމްދީން ހުއްދަ ނުކުރާ ކަންކަން ވެސް ކުރުން ތަކުރާރު އެބަވެ އެވެ. ޖިންސީ ގޯނާތަކާއި އަނިޔާތައް އެބަ ހިންގަ އެވެ. މިފަހުން ވެސް ރުގްޔާގެ ނަމުގައި ޖިންސީ ގޯނާ ކުރި އެތައް މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ. ތަފާތު ބަލިތަކާއި އުނދަގޫތަކަށް ފަރުވާ ހޯދުމަށް ރުގްޔާ ކުރުން ދިވެހީންގެ ތެރޭގައި އާއްމުއިރު އެއީ ކޮންކަމެއްކަން ރަނގަޅަށް އެނގެން މިވަނީ ޖެހިފަ އެވެ.

"ރުގްޔާ ކުރުމޭ އެ ބުނާ ބަހުގެ މާނައަކީ ހަގީގަތުގައި އެއީ ދުއާ ކުރުން. ﷲ ސުބުނާހަހޫވަތައާލާއަށް ދެންނެވުން. އެއީ ގުރުއާންގެ ވަކި އާޔަތްތަކެއް ކިޔައިގެން ވިޔަސް. މާތް ނަބިއްޔާގެ އަރިހުން ސާބިތުވެފައި ހުރި ސައްހަ ދުއާތަކެއް ކިޔައިގެން ކަމަށް ވިޔަސްމެ،" ޝެއިހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) ވިދާޅުވި އެވެ.

ގުރުއާނަކީ ޝިފާއަކަށްވާއިރު މާއްދީ އަދި ރޫހާނީ ގޮތުން ދިމާވާ އުނދަގޫތަކުން އަރައިގަތުމަށް ރުގްޔާ ކުރެވެ އެވެ.

"މީހުން ރުގްޔާ ކުރަން މިދަނީ ރޫހާނީ ބަލިތައް ޖެހުނީމަ. މާއްދީ ބަލިތައް ޖެހުނީމަ މީހުން މިދަނީ ޑޮކްޓަރުންނާ ދިމާލަށް. އެހެންވީމަ ރުގްޔާ ކުރުން ހާއްސަ ކުރެވިފައި މިއޮންނަނީ ރޫހާނީ ކަންތައްތަކަށް. އެސްފީނާއަށް ސިހުރަށް އެކަހަލަ ކަންތައްތަކަށް،" އަޒީބެ ވިދާޅުވި އެވެ.

ރުގްޔާ އަކީ އަމިއްލައަށް ކުރެވޭނެ ކަމެއް ކަމަށާއި އަމިއްލައަށް ނުކުރެވޭ ހާލަތްތަކުގައި މީހެއް ލައްވައިވެސް އެކަން ކުރެވޭނެ ކަމަށް އަޒީބެ ވިދާޅުވި އެވެ. މީހުން ލައްވައި ކުރާއިރު އެއީ ކޮންކަހަލަ މީހެއްތޯ ރަނގަޅަށް ބަލަން ޖެހޭ ކަމަށް ވެސް އަޒީބެ ވިދާޅުވި އެވެ.

"އޭނައަކީ ތަގުވާވެރިއެއްތޯ އޭނާއަކީ ދީނީ ކަންކަމަށް ހުރުމަތްތެރިކޮށް ހިތާ މީހެއްތޯ، ނުބައި ތުހުމަތުތަކެއް ކުރެވޭ މީހެއްތޯ އެއެއްޗެހި ބަލަން ޖެހޭނެ، ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރާ މީހަކަށް އެ މީހަކު ވާން ޖެހޭނެ،" އަޒީބެ ވިދާޅުވި އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އިސްލާމް ދީނާއި ހިލާފު ކަންކަން ކުރުމާއި ފަރުވާގެ ނަމުގައި އެކަށީގެން ނުވާ ވަރުގެ އަގުތައް ނެގުމަކީ ރާއްޖޭގައި މިހާރު އާއްމު ކަމެކެވެ. ސިހުރު ޖެހިފައިވޭތޯ ޓެސްޓް ކުރަން 500ރ. އާއްމުކޮށް ނަގާއިރު ފަރުވާގެ ނަމުގައި ބޮޑެތި އަގުތައް ދަނީ ނަގަމުންނެވެ. ބޮޑެތި އަގުތަކުގެ އިތުރުން ރުގްޔާ ކުރުމުގައި ހުއްދަ ވެގެން ނުވާ ކަންކަން ވެސް ކުރުން އާއްމެވެ.

"އަންހެނެއްގެ ގައިގައި ބީހުން އެއީ ހަރާމްކަމެއް. ރުގްޔާ ކުރާއިރުވެސް އަދި އަނެއް ގޮތަށް ވެސް. ދެން އެހެން ނޫނީ ބަލި މީހެއްގެ ގައިގައި ތެޔޮ އުނގުޅާ ހައްސާސީ ގުނަވަންތަކުގައި އަތްލައި އެކަހަލަ ކަންތައްތަކަކީ ރުގްޔާގެ ތެރޭގައި ކުރަން އޮންނަ ކަންތައްތަކެއް ނޫން. އަދި އެއީ ރުގްޔާއާ ބެހޭވެސް އެއްޗެއް ނޫން،" ރުގްޔާ ކުރުމުގައި ހަދާ ގޯސްތައް އަޒީބެ ވިދާޅުވެދެއްވި އެވެ.

"އެބަހުރި ގަބުރުސްތާން ތަންތަނަށް ދަންދެން ކޮނެފައި. އެބަހުރި ތޮށިމަތި ކޮނެފައި. މީގެ ކުރިން ނުހިނގާ މިކަހަލަ ބައިވަރު ކަންތައްތައް ރަށްރަށުގަ މިހާރު އެބަ ހިނގާ،" އަޒީބެ ވިދާޅުވި އެވެ.

ސިހުރު ނައްތާލުމުގެ ނަމުގައި މުދާ ނައްތާލައި އެންދުން ފަދަ ކަންތައްތަކަކީ ވެސް ހުއްދަ ކަންތައްތަކެއް ނޫން ކަމަށް އަޒީބެ ވިދާޅުވި އެވެ. އަދި ފަރުވާގެ ނަމުގައި މީހުންނަށް އަނިޔާ ކުރުމަކީ ވެސް ރުގްޔާ ކުރުމުގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށް އަޒީބެ ވިދާޅުވި އެވެ.

"ސިހުރު ހަދާފަ ހުރީ ކޮންތާކަށްތޯ؟ ކިހިނެއްތޯ؟ ފޮތްތަކުގައި ލިޔެފަ ހުންނާނެ. ސިހުރު ފެނިއްޖެއްޔާ ވަރަށް ފަސޭހަ ވާނެ. އެހެންވީމަ މި ހޯދަން މިކުރާ ކަންތައްތަކުގެ ތެރެއިން އެބަ ހެދޭ ގޯސްތައް. ފާލުބެލުމާއި ދިމާވާ ކަހަލަ ކަންކަން ބައެއްފަހަރު އެބަ ކުރެވޭ. ދެން ރުގްޔާ ކުރާ މީހުން ވެސް މިކަހަލަ ކަންކަން އެބަ ކުރޭ،" އަޒީބެ ވިދާޅުވި އެވެ.

އަޒީބެ ވިދާޅުވިގޮތުގައި ރުގްޔާ ކުރުމުގައި ވެސް ރާއްޖެއަށް މައްސަލަތަކެއް ދިމާވާ އެންމެ ބޮޑު ސަބަބަކީ ކަމަށް އަކަށީގެން ނުވާ މީހުންގެ އެކަން ކުރަން އުޅުމެވެ. ރުގްޔާ ކުރުމުގެ ތެރެއިން ދީނާ ހިލާފު ކަންތައްތަކެއް ކުރާނަމަ އެ ފަރުވާއިން ޝިފާއެއް ނުލިބޭނެ ކަމަށާއި އެހެން ކަމުން އެފަދަ ކަންކަމާ ދުރުވާން ޖެހޭ ކަމަށް އަޒީބެ ވިދާޅުވި އެވެ.