ފުޓުބޯޅައިން އަވަހަށް ރިޓަޔާވާން ވިސްނި ވިސްނުން މިހާރު ބަދަލުވެއްޖެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އުމުރުން 49 އަހަރުގެ ގާޑިއޯލާ ކުރިން ބުނެފައި ވަނީ އޭނާ ފުޓުބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާނީ ކުރު މުއްދަތަކަށް ކަމަށާއި، ބޮޑަށް ވިސްނާނީ އުމުރުން ދުވަސް ވުމުން ފުޓުބޯޅައާ ދުރަށް ދިޔުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ހިޔާލު މިހާރު ބަދަލުވެފައިވާ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.
"ކުރިން އަހަރެން ހީކުރީ އަހަރެން ވަރަށް އަވަހަށް ފުޓުބޯޅައިން ރިޓަޔާ ވެ އެހެން ކަންކަން ކުރާނެ ކަމަށް. އެހެން ނަމަވެސް އެވިސްނުން މިހާރު ބަދަލުވެއްޖެ. ދުވަސްވީމަ ރިޓަޔާވާން މިހާރު ވިސްނުން ހުރީ،" ގާޑިއޯލާ ބުނެފައިވެއެވެ.
މިހާތަނަށް ސިޓީއާއެކު ބޮޑު ހަ ތަށްޓެއް ކާމިޔާބުކޮށްފައިވާ ގާޑިއޯލާ މިވަގުތު ހުރީ ސިޓީއާއެކު ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ވަނީ ސިޓީއަށް ދިޔުމުގެ ކުރީގައި ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ހަތަރު އަހަރު ހޭދަކޮށް، ބަޔާންގައި ތިން އަހަރު ދުވަހު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
ފުޓުބޯޅައިގެ މި ޖީލުގައި އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ގާޑިއޯލާ ފާހަގަވެފައިވާއިރު، ސިޔާސީ މައިދާނުގައިވެސް އޭނާގެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ފެނިފައިވެއެވެ. ސްޕެއިންގެ ގާޑިއޯލާ ނިސްބަތްވާ ކަޓަލޫނިއާގެ މިނިވަން ކަމަށް ފާޅުގައި ވަކާލާތުކޮށްފައިވާ ގާޑިއޯލާ ސިޔާސީ ގިނަ ފަރާތްތަކަކާ ގުޅުންވެސް ރަނގަޅު ކަމަށް ނޫސްތައް ބުނެއެވެ.
"ތަޖުރިބާއަކީ ވަރަށް މުހިއްމު އެއްޗެއް. އަހަރެންގެ ފުޓުބޯޅަ ކެރިއަރަށް ވަރަށް ބޭނުންތެރި އެއްޗެއް ތަޖުރިބާއަކީ. އަހަރެން އަބަދުވެސް ހުރިހާ ކެރިއަރަކަށްވެސް ބޭނުން ހިފާ އެންމެ މުހިއްމު އެއްޗަކީ އެކިއެކި ތަޖުރިބާ،" ގާޑިއޯލާ ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު