އަދާލަތު ޕާޓީގެ އަސާސީ ގަވައިދަށް (ދުސްތޫރަށް) ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން އެ ޝަކުވާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި، އަދާލަތު ޕާޓީގެ އަސާސީ ގަވައިދަށް މައިގަނޑު ދެ ބަދަލެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާ ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ލެވޭ ގޮތް ހެދުން ހިމެނެއެވެ.
މިހާރުގެ ގަވައިދުގައި އަންހެނަކަށް އެޕާޓީގެ ރައީސް ކަމަށް އަދި ނައިބު ރައީސްކަމަށް ވެސް ކުރިމައްޗެއް ނުލެވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "ވަން" އަށް ވިދާޅުވީ އަދާލަތު ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ގިނަ މެންބަރުން އެކަމުގެ ޝަކުވާކޮށްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ނުވާ ކަމަށާއި އެހެންކަމުން މިހާރު ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
"އެތެރޭގެ އިންތިހާބަށް ފަހު ކަމެއް ފާހަގަކުރެވިއްޖެއްޔާ އަޅުގަނޑުމެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން،" ޝަރީފް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެންނަން އުޅެނީ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އާއި ނައިބު ރައީސް އަލީ ޒާހިރަށް އަނެއްކާ ވެސް އެ މަގާމުތަކުގައި ދެމިތިބެވޭ ގޮތް ހަދައި، ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް އޮތް ފުރުސަތު ހަނިކުރުމަށެވެ.
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މިމަހުގެ 23 ގައި ބާއްވަން ނިންމާފައިވާ އިރު، އެ އިންތިހާބުގައި އެ ޕާޓީގެ ތިންވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު